ރައީސް ސޯލިހުގެ ވައުދުފުޅާ އެއްގޮތަށް ފުރިހަމަ ލާމަރުކަޒީ ގާނޫނަކުން ރައްޔިތުން ބާރުވެރިކަން ހޯދުން

ރައީސް ސޯލިހުގެ އާސަރުކާރު ނޮވެމްބަރ 2018 ގައި އައި ފަހުން 10 މަސް ދުވަސް ވަނީއެވެ. އެއްބަޔަކު ތައުރީފު ކުރާއިރު އަނެއް ބަޔަކު ފާޑުކިޔަނީއެވެ. ހުދު އެމް.ޑީ.ޕީގެ ތެރެއިން ވެސް ނުސީދާ ކޮށާއި ސީދާކޮށް ކޮންމެވެސް ވަރަކަށް ސަރުކާރަށް ފާޑުކިއުންތައް އަމާޒުވެއެވެ. ސުވާލަކީ ދައުރުގެ ބާކީ އޮތް ހަތަރުވަރަކަށް އަހަރުތެރޭ، ރައީސް ސޯލިހުގެ ސަރުކާރަށް، ރައީސްގެ ރިޔާސީ ވައުދުތައް ފުއްދޭނެތޯއެވެ، އަދި ދެވަނަ ދައުރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރިމަތި ލައްވާނެތޯއެވެ.
ކުރިއަށް އޮތް 2020 ވަނަ އަހަރު ލޯކަލް ކައުންސިލް އިންތިހާބު ރާއްޖޭގެ ހުރިހާ ރަށްރަށާއި އަތޮޅުތަކާއި ސިޓީތަކުގައި ބޭއްވޭނެއެވެ. މި އިންތިހާބު ވެގެންދާނީ ރައީސް ސޯލިހުގެ ވައުދުތައް ފުއްދައި، ދައުލަތް ހިންގުމުގައި ރައީސްގެ އެޖެންޑާ ބާރުވެރި ކުރުވުމަށް ވަރަށް މުހިއްމު އިންތިހާބަކަށެވެ. ރައީސް ސޯލިހެކޭ އެއްފަދައިން އެހެނިހެން ސިޔާސީ ލީޑަރުންވެސް ލޯކަލް ކައުންސިލް އިންތިހާބަށް ކަޅިއަޅާނެއެވެ. ނަމަވެސް ފާއިތުވި ރިޔާސީ އިންތިހާބުގައި އެހެން ހުރިހާ ޕާޓީއެއްގެ މައްޗަށް އެމް.ޑީ.ޕީ އިން ހޯދި ބޮޑު ކާމިޔާބަށް ބަލާއިރު 2020 ގެ ލޯކަލް ކައުންސިލް އިންތިހާބްގައިވެސް ބޮޑުތަފާތަކުން ކުރިހޯދާނީ އެމް.ޑީ.ޕީގެ ކެންޑިޑޭޓުން ކަމަށް ލަފާކުރެވެއެވެ. ސުވާލަކީ އެމް.ޑީ.ޕީގެ ކެންޑިޑޭޓުން ލޯކަލް ކައުންސިލް އިންތިހާބް ކާމިޔާބު ކުރާއިރު ކައުންސިލަރުންގެ މެޖޯރިޓީ އޮންނާނީ ރައީސް ސޯލިހުގެ ކޮންޓްރޯލްގެ ދަށުގއިަތޯއެވެ ނުވަތަ އެމް.ޑީ.ޕީގެ އެހެން ކޮންމެވެސް ލީޑަރެއްގެ ކޮންޓްރޯލްގެ ދަށުގައިތޯއެވެ؟
މިގޮތަށް ސުވާލު އުފައްދަން ޖެހޭ ސަބަބަކީ 2019 ގައި ބޭއްވި ރައްޔިތުންގެ މަޖުލިހުގެ އިންތިހާބުގެ އެމް.ޑީ.ޕީ ޕްރައިމަރީގައި ވެސް އާހިރުގައި ކާމިޔާބު ލިބުނީ ރައީސް ސޯލިހުގެ "ފެކްޝަނަށް" ވުރެ ބޮޑަށް ރައީސް ނަޝީދުގެ ފެކްޝަނަށް ކަމަށް ސިޔާސީ ބައެއް ފަރާތްތަކުން ބުނަމުންދާތީއެވެ. މަޖުލިހުގެ ހިންގުން މިހާރު ކުރިއަށް ދާގޮތަށް ބަލާއިރު މަޖުލިހުގެ ތަފާތު އެކި ކޮމިޓީތައް މެދުވެރިކޮށް ސަރުކާރު ހިންގަނީ ރައްޔިތުންގެ މަޖުލިހުންތޯވެސް ބައެއް މީހުން މިހާރު ސުވާލު ކުރެއެވެ. މިހެން ކަން އޮތްއިރު ލޯކަލް ކައުންސިލްގެ ބާރުވެސް ރައީސް ނަޝީދު ހޯއްދަވަން މިހާރުއްސުރެ ލޮބީ ކުރައްވާ ކަމަށް ސިޔާސީ ބައެއް ފަރާތްތަކުން ދެކެއެވެ. އެގޮތަށް އެއިންތިހާބުގެ ނަތީޖާ ފުރޮޅިއްޖެ ނަމަ މިގައުމުގެ ރައީސުލް ޖުމްހޫރިއްޔާއަށް ވުރެ މަޖުލިހުގެ ރައީސްގެ ބާރު ގަދަވެ، ތިންބާރު ވަކިވެފައިވާ ނިޒާމެއްގެ ބަދަލުގައި ހުރިހާ ބާރެއް ރައްޔިތުންގެ މަޖުލިހުގެ ރައީސްގެ އަތްޕުޅަށް ޖަމާވުމަކީ ދުރުކަމެއް ނޫނެވެ.
ކުރިއަށް މިއޮތް ލޯކަލް ކައުންސިލް އިންތިހާބަކީ 2023 ވަނަ އަހަރުގެ ރިއާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ސިޔާސީ ފަރާތްތަކުން އަތުރާލާ ސިޔާސީ ކުޅިބަރިއަކަށް ހެދުމުގެ ފުރުސަތު ދިވެހި ރައްޔިތުން ދީފިނަމަ އޭގެ ގެއްލުން ލިބޭނީ ރައްޔިތުންނަށެވެ. 2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބްގައި ރަށްރަށުންނާއި އަތޮޅުތަކުންނާއި ސިޓީތަކުން ކައުންސިލް ތަކަށް ހޮވަން ޖެހެނީ އަމިއްލައަށްް ޒިއްމާ ނަގައިގެން، ރަށާއި އަތޮޅާއި ސިޓީ ހިންގޭފަދަ ތައުލީމީ، ތަޖުރިބާކާރު، އިހްލާސްތެރި ފަރާތްތަކެވެ. ސިޔާސީ ފިކުރު އެއްކިބާކޮށް، ރައީސް ސޯލިހުގެ ސަރުކާރާ ގުޅިގެން، ރައްޔިތުންނަށް ތަރައްގީ ފޯރުކޮށްދިނުމުގެ އަޒުމުގައި މަސަތްކަތް ކުރާނެ، ވަފާތެރި، އިހްލާސްތެރި، ތެދުވެރި ކައުންސިލަރުންނެވެ.
ޤައުމުގެ ވެރިއަކަށް މިވަގުތު ހުންނެވީ ކައުންސިލްތައް ބާރުވެރި ކުރުވައި، މާލީ ގޮތުން މިނިވަންކަން ދެއްވަން ވައުދުވެގެން ވެރިކަމަށް ވަޑައިގަތް ރައީސެކެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ވައުދަކީ މައި ސަރުކާރަށް ބާރުތައް ޖަމާވެފައި އޮތްއޮތުން ނިމުމަކަށް ގެނެސް ކައުންސިލްތަކަށް ބޮޑު ބަޖެޓެއް ދެއްވައި، ތަރައްޤީގެ މަޝްރޫއުތައް އަމިއްލައަށް އިހްތިޔާރުކޮށް އަމިއްލައަށް ހިންގޭފަދަ މުއައްސަސާތަކެއް ކަމުގައި ކައުންސިލްތައް ހެއްދެވުމެވެ. އެގޮތުން ރައީސް ސޯލިހުގެ މި ސިޔާސަތުގެ ދަށުން، ލާމަރުކަޒީ ޤާނޫނަށާއި މުޅި ލާމަރުކަޒީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ. ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ޤާއިމް ކުރުމަށްޓަކައި ސަރުކާރުން ގެންނަން މަސައްކަތްކުރާ އެންމެ މުހިއްމު ބަދަލުތަކެއް ކަމަށް ފާހަގަ ކުރެވެނީ ކައުންސިލްތަކަށް މާލީ ބާރުވެރިކަން ދޭން ގެންނަން ހުށަހަޅާ އިސްލާހުތަކެވެ.
އޭގެތެރެއިންވެސް އެންމެ ފާހަގަކުރެވޭ ހަތަރު ޕޮއިންޓަކީ:
1. ދައުލަތުގެ އެ އަހަރެއްގެ އާމްދަނީގެ މަދުވެގެން ފަސް ޕަސެންޓް ކައުންސިލްތަކަށް ޚާއްސަކުރުން.
2. ކައުންސިލްތަކުން ދޭ ޚިދުމަތްތަކުން ނަގާ ފީ އާއި ކުއްޔަކީ އެ ކައުންސިލަކަށް ލިބޭ އާމްދަނީގެ ގޮތުގައި ކަނޑައެޅުން.
3. ބިމާއި، ރަށްރަށާއި، ފަޅާއި، ފަރު ފަދަ ތަންތަނުގެ ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ 40 ޕަސެންޓަށް ވާ ފައިސާ ކައުންސިލްތަކަށް ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ކަނޑައެޅުން.
4. މީހުން ދިރިއުޅޭ ރަށްތަކުގެ ބިމު ކުލީގެ 100 ޕަސެންޓް ކައުންސިލަށް ލިބޭ އާމްދަނީއެއްގެ ގޮތުގައި ހަމަޖެއްސުން.
ދައުލަތުގެ މިއަހަރުގެ އާމްދަނީ އަންދާޒާ ކުރެވެނީ ގާތްގަނޑަކަށް 20 ބިލިއަން ރުފިޔާ ކަމަށް މީރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެއަދަދުގެ ފަސް ޕަސެންޓަކީ އެއް ބިލިއަން ނުވަތަ 1000 މިލިއަން ރުފިޔާއެވެ. މިވަރުގެ އަދަދެއް ރާއްޖޭގެ 20 އަތޮޅަށް، އާބާދީއާއި ސައިޒުގެ ނިސްބަތުން ބަހާލައިފިނަމަ ބޮޑެތި އަތޮޅުތަކަށް 80 ވަރަކަށް މިލިއަން ރުފިޔާ އަދި ކުދި އަތޮޅުތަކަށް 50 ވަރަކަށް މިލިއަން ރުފިޔާ އަހަރަކަށް ލިބޭނެއެވެ.
ދައުލަތުގެ އާމްދަނީގެ ފަސް ޕަސެންޓް ކައުންސިލަތަކަށް، ހަމަހަމަކަމާއި އެކު ބަހާލުމަށް ކަމާ ބެހޭ އިދާރާތަކުގެ މަޝްވަރާ އަށް ފަހު މިހާރު ވަނީ މިފައިސާ ބަހާނެ އުސޫލެއް އެކުލަވާލައިފަ އެވެ. މިފައިސާ ބަހާނެ އުސޫލު އެކުލަވާލި އިރު ބަލާފައިވާ ކަންތައްތަކުގެތެރޭގައި އަތޮޅުގެ އާބާދީ އާއި، އަތޮޅުގައި މީހުން އުޅޭ ރަށްރަށުގެ އަދަދާއި ތަރައްގީގެ މަޝްރޫއުތަކަށް ކުރަން ޖެހޭ ޚަރަދާއި، ކައުންސިލަށް ލިބޭ އާމްދަނީ ހިމެނެއެވެ.
ދައުލަތުގެ އާމްދަނީގެ ފަސް ޕަސެންޓް ކައުންސިލްތަކުގެ ބަޖެޓަށް ދިނުމުގެ އިތުރުން ތަފާތު އެކި ފީތައް ނުވަތަ ކުލި ކަނޑައަޅައި އެ ފީ އާއި ކުލި ނެގުމުގެ ބާރު ކައުންސިލްތަކަށް ދޭން ވަނީ ނިންމައިފަ އެވެ. ލާމަރުކަޒީ ޤާނުނު މިގޮތަށް ބަދަލު ކުރުމުން އަތޮޅުތަކާއި ސިޓީތަކުގައި ދުއްވާ ވެހިކަލްތަކުގެ ރޯޑްވާދިނަސް ފީ އާއި އަހަރީ ފީއާއި ބަނދަރު ކުލި ފަދަ ކުއްޔާއި ފީވެސް ލިބޭނީ ސީދާ ކައުންސިލަށެވެ. އެފައިސާ މައި ސަރުކާރަށް ފޮނުވާކަށް ނުޖެހޭނެއެވެ. އެފައިސާ ވާނީ ކައުންސިލްގެ އާމްދަނީއަށެވެ. އަދި އެފައިސާއިން އަތޮޅުގެ ނުވަތަ ސިޓީގެ ތަރައްޤީގެ މަޝްރޫއުތައް ހިންގޭނެއެވެ.
ކައުންސިލްތަކަށް ދުވަހަކުވެސް ނުލިބޭވަރުގެ ބޮޑު ބަޖެޓެއް މިބަދަލުތަކުގެ ސަބަބުން ލިބިގެން ދާނެއެވެ. އަދި އެއާއެކު ސަރުކާރުން ހުށަހަޅާ އަނެއް ބަދަލަކީ ފަސް މިލިއަން ރުފިޔާއިން ދަށުގެ ޕްރޮޖެކްޓްތައް، މައި ސަރުކާރުން ހިންގުމުގެ ބަދަލުގައި ސީދާ ކައުންސިލްތަކުގެ ބެލުމުގެ ދަށުން ހިންގުމެވެ. މާލީ ގޮތުން ކައުންސިލްތައް ތަނަވަސް ކޮށް، ޕްރޮޖެކްޓްތައް އެކުލަވާލައި ހިންގުމުގެ ބާރު ދިނުމުން ކައުންސިލްތަކުގައި ތިބެން ޖެހޭނީ މިފަދަ ބޮޑު ބަޖެޓެއް މެނޭޖްކޮށް، ޕްރޮޖެކްޓްތައް ބެލެހެއްޓޭވަރުގެ ޤާބިލު، ތެދުވެރި، އިހްލާސްތެރި ކައުންސިލަރުންނެވެ. އެކަން ޔަޤީން ކުރެވޭނީ ހަމައެކަނި ރައްޔިތުންނަށެވެ.
ސިޔާސީ މަޅީގައި ޖެހި، ޤާބިލު ކަމެއްނެތް ސިޔާސީ ބަޔަކު ކައުންސިލުތަކަށް ހޮވުމުން ބަޖެޓުން ވައްކަންކޮށް، ހިންގުންތެރިކަމެއް ނެތި ބަޖެޓް ބޭކާރުވެ، ސިޔާސީ ކޯޅުމުގައި ވަގުތު ބޭކާރު ކުރުމުން ހުރިހާ ގެއްލުމެއް ލިބޭނީ ދާއިރާއަށާއި ދާއިރާގެ ރައްޔިތުންނަށެވެ.
ކައުންސިލަތައް މާލީގޮތުންނާއި ހިންގުންތެރިކަމުގެ ގޮތުން ބާރުވެރި ކުރުމަށް ފުރިހަމަ ލާމަރުކަޒީ ޤާނޫނެެއް ސަރުކާރުން މަޖުލިސްމެދުވެރިކޮށް ވަރަށް އަވަހަށް ފާސް ކުރާނެއެވެ. އެ ޤާނޫނުގެ އެހީގައި ޒިއްމާދާރުކަމާއެކު ކައުންސިލްތައް ހިންގާނެ ކައުންސިލަރުން ހޮވުމަކީ ރައްޔިތުންގެ ޒިއްމާއެކެވެ. މިޒިއްމާއިން ބަރީއަވެ، ނާޤާބިލު ބަޔަކު ކައުންސިލްތަކަށް ހޮވާފައި ދެން ދައްކާނެ ވާހަކައެއް ނޯންނާނެއެވެ. މި ޒިއްމާ އަދާކުރުމުގެ ވަގުތަކީ 2020 ގައި އޮންނަ ލޯކަލް ކައުންސިލް އިންތިހާބެވެ. ރައީސް ސޯލިހުގެ ތަސައްވަރާއި އެއްގޮތަށް ޤައުމު ތަރައްޤީ ކުރެވޭނީ ފުރިހަމަ ލާމަރުކަޒީ ޤާނޫނެއް އެކުލަވާލެވި، ރައީސަށް އިތުބާރުކުރެވޭފަދަ ބަޔަކު ކައުންސިލްތަކަށް ހޮވިގެންނެވެ. އެމް.ޑީ.ޕީީގެ ތެރެއިން 2023 ގެ ރިޔާސީ އިންތިހާބަށް ބާރުތައް ބައްކުރުމަށް ވަކިވަކި ލީޑަރުން ޖަހާ މަޅީގައި ނުޖެހި، ރައީސް ސޯލިހުގެ ތަސައްވުރާއި އެއްގޮތަށް ކުރިއަށްދާނެ ކައުންސިލަރުންތަކެއް 2020 ގައި ހޮވުމަކީ މުޅި ޤައުމުގެ ކުރިމަގާވެސް ގުޅިފައިވާ ނުހަނު މުހިއްމު ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ