ޝެއިހް އަލީ ޒާހިރުގެ ދަރުސްއެއް ހުކުރު ދުވަހުގެ ރޭ ސޯސަލް ސެންޓަރުގައި ބާއްވަނީ
ޝެއިހް އަލީ ޒާހިރުގެ ދަރުސްއެއް ހުކުރު ދުވަހުގެ ރޭ ސޯސަލް ސެންޓަރުގައި ބާއްވަން ހަމަޖެހިފައިވާކަމަށް ޖަމިއްޔަތުލް ޖޫދީ ހާމަކޮށްފިއެވެ. މާލޭގައި ދިރިއުޅޭ ހދ ވައިކަރަދޫ ރައްޔިތުންނަށް ހާއްސަ ކޮށްފައިވާ މިދަރުސް އަކީ ވައިކަރަދޫ ޖަމިއްޔާއެއްކަމުގައިވާ ޖޫދީ އިންނާއި މުސްލިމުންގެ ގުޅުމުގެ ފަރާތުން އިންތިޒާމް ކުރާ ދަރުސްއެއްކަމުގައި ވަނީ ޚަބަރު ލިބިފައެވެ. މިދަރުސް ހާއްސަ ކުރެވިފައިވަނީ މާލޭގައި އުޅޭ ވައިކަރަދޫ ރައްޔިތުންނަށް ނަމަވެސް ޖާގަ އޮތް ވަރަކުން އާންމުންނަށްވެސް ފުރުޝަތު ހުޅުވާލާނެކަމަށް ޖަމިއްޔަތުލް ޖޫދީއިން ހާމަކުރެއެވެ. “އެއްބައިވަންތަކަން” މިމައުލޫއަށް ބާއްވާ ދަރުސް ދެއްވާ ޝެއިހް އަލީ ޒާހިރު ކަމަށާއި ދަރުސް އޮންނާނީ ހުކުރު ދުވަހުގެ ރޭ 8.45 ގައި ސޯސަލް ސެންޓަރުގައި ކަމަށް ޖަމިއްޔަތުލް ޖޫދީއިން ހާމަކުރެއެވެ. މިދަރުސް ބޭއްވުމުގެ މަޤްސަދަކީ “މާލޭގައި ދިރިއުޅޭ ވައިކަރަދޫ އެންމެހާ އަހުންނާއި އުހުތުން އެއްތަނަކުން ބައްދަލުވެ އެކަކު އަނެކެއްގެ ހާލު އޮޅުންފިލުވާ، އެކި އެކި ފަރުދުންގެ ގުޅުން ބަދަހި ކުރުމަށް މަގުފަހި ކުރުމާއި، ވައިކަރަދޫ ރައްޔިތުންނަކީ އެއްބައި ވަންތަ ބަޔަކު ކަމުގައި ހެދުމަށާއި ރައްޔިތުންގެ މެދުގައި ދީނީ ރޫޙް އާލާ ކުރުމާއި ދީނީ ކަންކަމަށް ދޭ އަހަންމިއްޔަތު އިތުރު ކުރުން” ކަމުގައި ވައިކަރަދޫގެ ވެބްސައިޓް “ވައިކަރަދޫލައިވް’ގައި ޝާއިއު ކޮށްފައިވާ އިންޓަވިއުއެއްގައި ޖަމްޢިއްޔަތުލް ޖޫދީގެ ރައީސް ޢަބްދުﷲ ފާއިޒް ހާމަކޮށްފައިވެއެވެ. ފަހަކަށް އައިސް ރާއްޖޭގެ އެކި ރައްތަކުގެ އަހުލުވެރިންނަށް ހާއްސަކޮށް މިފަދަ ދަރުސްތައް ބާއްވަން ވަނީ ފަށާފައެވެ. އެގޮތުން ތ އަތޮޅުގެ ރަށެއްގެ ރައްޔިތުންނަށް ހާއްސަކޮށްގެން ސިލްސިލާ ދަރުސްތަކެއް މާލޭގައި ކުރިއަށް ގެންދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ