ރާއްޖޭގައި މީހުން މަރަނީ ސަރުކާރުން އެކަމަށް މަގުފަހިކުރާތީ – މައުމޫން

ރާއްޖޭގައި މީހުން މަރަނީ ސަރުކާރުން އެކަމަށް މަގުފަހިކުރާތީ ކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ޖޭޕީގެ ޖަގަހަ ކަމަށްވާ ކުނޫޒުގައި ބާއްވަމުންދާ ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.
މާރާމާރީ ހިންގާ މީހުން މަރަނީ ސަރުކާރުން އެކަމަށް މަގުފަހިކުރަމުން ގެންދާތީ ކަމަށް ވިދާޅުވުމަކީ ވަރަށް ބޮޑު ވާހަކައެއް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް އެއީ ހަޤީޤަތް ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
މީހުން މަރާމީހުންނަށް ސަރުކާރުން ޚަރަދު ކުރާ ކަމަށް ވެސް ރައީސް މައުމޫން މިރޭ ވިދާޅުވިއެވެ.
"އެ ކީއްކުރަން ދޭ ފައިސާއެއް ތޯ؟ އެއްވެސް ޝައްކެއް ނެތް، އޭގެ ސަބަބުން ހަގީގީ ހަރުދަނާ ޒުވާނުން ނޫން، ވިޔާނުދާ، މާރާމާރީ ހިންގާ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ، މީހުން މަރާ މިހެން ހަދާ ޒުވާނުންނަށް ފައިސާ ދިނީމަ އެމީހުންނަށް އެދެވެނީ ހިތްވަރު،" މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ އަމަން ބަލަހައްޓާ ފަރާތްތަކުން އެބޭފުޅުންގެ ވާޖިބު އަދާނުކުރާތީ ވެސް މީހުން މެރުން އިތުރުވާ ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ފުލުހުންގެ މުއައްސާސާގައި ތިބި ގިނަ ބޭފުޅުންނަކީ ވަރަށް ރަނގަޅު ބޭފުޅުން ކަމަށާއި ނަމަވެސް މަތިން އަންނަ އޯޑަރަކަށް ސިޔާސީ ބޭފުޅުން ފުލުސް އޮފީހަށް ހާޒިރުކޮށް ތަޙްޤީޤު ހިންގާ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައި އެހެން ކަންތައްތަކެއް ކުރަން ފުލުހުންނަށް ވަގުތު ނުވާ ކަމަށެވެ.
މާރާމާރީތަކާއި ގުޅިގެން ފުލުހުން ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުން ގެންދާކަމަށް ފުލުހުން ވިދާޅުވި ނަމަވެސް އެފަދަ އޮޕަރޭޝަނެއް ހިންގާތަން ނުފެންނަ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ތަރައްގީގެ ވާހަކަ ދައްކަމުންދާއިރު އެ ތަރައްގީގެ ފައިދާ ހާސިލްކުރާނެ މީހުން ނެތިއްޔާ ތަރައްގީގެ ބޭނުމެއް ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ