ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު ވަކިނުވާ ކަމަށާއި، މެމްބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނާއި މަޖިލީހުން ނިންމާފައިވާ ބޭފުޅުންނަށް ސުޕްރީމް ކޯޓުން އިންސާފު ލިބިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
ގުޅިފައިވާ ޕާޓީތަކުން މިރޭ ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް ވިދާޅުވީ މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް ބުނާ މެމްބަރުން ވަނީ ސުޕްރީމް ކޯޓުގެ ހުކުމުގެ ކުރިން ޕީޕީއެމް އިން ވަކިވެފައި ކަމަށާއި އެހެން ކަމުން އެ ބޭފުޅުން ވަކިކުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.
"ސުޕްރީމް ކޯޓުގެ ހުކުމަށް ބަލައިލީމަ އެނގޭނެ މަޖިލީހުގެ އެއްވެސް މެމްބަރަކު ވަކިނުވާކަން. އެ މެމްބަރުން އޮތީ އެ ހުކުމުގެ ކުރިން ޕާޓީއަށާއި މަޖިލީހަށާއި އިލެކްޝަންސް ކޮމިޝަނަށް ވެސް ފޮނުވާފައި. އެކަމަކު މިހާރު އަޅުގަނޑުމެންނަށް އަޑުއިވެނީ ހަތަރު މެމްބަރަކު ވަކިކުރައްވާފައި ފަހުން ދެ މެމްބަރަކު ވަކިކުރެއްވިކަން،" އޭނާ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުން ކުރި ހުކުމާއެއްގޮތަށް ކަމަށް ބުނެ މަޖިލީހުގެ މެމްބަރުކަމުން ހަ ބޭފުޅަކު ވަނީ ވަކިކޮށްފަ އެވެ. އެ މައްސަލައާ ބެހޭ ގޮތުން ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް ބުނާ މެމްބަރުންގެ މައްސަލަ މިހާރު ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ކަމަށާއި އެ މައްސަލައާ މެދު ވީއެންމެ އަވަހަށް ގޮތެއް ނިންމަވައިދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މިހާރު ޖަލުގައި ބަންދުކޮށްފައިވާ މެމްބަރުން ވަގުތުން ދޫކޮށްލެވުމަށް ގާސިމް ގޮވާލެއްވި އެވެ.
"ސުޕްރީމް ކޯޓުގެ ހުކުމުން އެނގޭ 13 ޖުލައިގެ ކުރިން ހިނގާފައިވާ ކަމަކާ ގުޅިގެން މެމްބަރަކު ވަކިނުވާނެކަން ގްރޭޑް ފަހެއްގެ ކުއްޖަކަށް ވެސް އެނގޭނެ. މިހެން މިކަންއޮއްވައި ޕާޓީން ކަނޑާލި ކަމަށް ނިންމުމަށްފަހު އަނެއްކާ އިސްތިއުނާފް ކޮމިޓީ އަށް ފޮނުވީއޭ ކިޔައިގެން ކަންތައްތަކެއް ހިންގަވާފައި ކަންތައްތަކެއް ނެރުއްވާކަންތައް އެންމެނަށް އެނގޭ،" އޭނާ ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރު ހިންގާ ކޯލިޝަނަށް ކުރިން ލިބުނު ކަމަށާއި އެހެން ނަމަވެސް ޖުމްހޫރީ ޕާޓީ އެ ކޯލިޝަނުން ބޭރުކޮށްލި ފަހުން އެ ޕާޓީގެ މެމްބަރުން ގެންގޮސްގެން މެޖޯރިޓީ އަލުން ސަރުކާރުން ހޯދި ކަމަށެވެ.
"އަޅުގަނޑުމެންނަށް ފެނުނީ އަޅުގަނޑުމެންގެ ޕާޓީން ދިހަ މެމްބަރުން އޭގެ ތެރެއަށް [ސަރުކާރު ހިންގާ ޕާޓީ]ގޮސް ވަދެގަތްތަން. އަޅުގަނޑުމެންގެ ބަންޑާރަ ނައިބު އޭރު ވެސް ހުންނެވި. ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވަން އެ މަނިކުފާނަށް ފެނިވަޑައެއް ނުގަތް އަދި އެނގިވަޑައެއް ނުގަތް،" އޭނާ ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ މަޖިލީހުގެ ޖަލްސާ ބާއްވައި ދިނުމަށް އެދި މަޖިލީހަށް ދިޔަ ބައެއް މެމްބަރުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ހައްޔަރުކޮށް ބަންދުކޮށްފައި އަޖައިބުވާ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ އެއްވެސް މެމްބަރަކު ވަކިނުވޭ، ސުޕްރީމް ކޯޓުން އިންސާފު ލިބިގެންދާނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ