ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި މިހާރު އިންނެވި އަބުދުﷲ މަސީހަކީ މަޖިލީހުގެ ރައީސް ނޫންކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްއްޔޫމް ވިދާޅުވެއްޖެއެވެ.
ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ މަޖިލީހުގެ ރިޔާސަތުގައި އިންނެވޭނީ މެޖޯރިޓީ އޮތް ބޭފުޅަކަށްކަމަށާ މަޖިލީހުގެ މެޖޯރިޓީ މެންބަރުން މަސީހަށް ނޫނެކޭ ބުނެފައިވާކަމަށެވެ.
އެހެންކަމުން މަސީހުގެ ރިޔާސަތުގައި ބާއްވާ ޖަލްސާތަކާއި، އެ ޖަލްސާތަކުގައި ނިންމާ ނިންމުންތައް ސައްހަ ނުވާނެކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ބާތިލަކީ ދެމި އޮންނާނެ އެއްޗެއް ނޫންކަމަށާ ވަރަށް އަވަހަށް ބާތިލް ނެތިދާނެކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
"ބާތިލްކޮންމެ އެއްޗަކީ ނެތިދާނެ އެއްޗެއް. އެއީ މަޖިލީހުން ފާސްކުރި އެއްޗެއް ނަމަވެސް. 45 މެންބަރުން ސޮއިކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ވަނީ ހުށައަޅާފައި. އެހެންވީމަ އެއީކީ ރައްޔިތުންގެ މަޖިލީހުގެ ރައީސެއް ނޫނޭ. އެއްގޮތަކަށްވެސް އެއީ މަޖިލީހުގެ ރައީސްކަމަކަށް ނުވާނެ. އެހެންވީމަ އެބޭފުޅަކު އިންނަވައިގެން ބާއްވާ ކޮންމެ ޖަލްސާއަކީ ބާތިލް ޖަލްސާއެއް. އަދި އެއިން ކޮންމެ ޖަލްސާއަކުން ފާސްކުރާ ކޮންމެ ކަމަކީވެސް ބާތިލް ކަންކަން." ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން މިރޭ ވިދާޅުވީ އެއްވެސް މީހެއްގެ ނިއުމަތަކަށް އަދި ރިޒްގުގައި ސަރުކާރަށް އަތެއް ނޭޅޭނެކަމަށާ އެހެންކަމުން ވަޒީފާގެ ބިރަށް ކަންކަން ކުރުން ހުއްޓާލަންޖެހޭކަމަށެވެ.
އަދި ބިރުވެތިވާންވީ ހަމައެކަނި މާތްﷲގެ ހަސްރަތަށްކަމަށް ވިދާޅުވެ ރައީސް މައުމޫން ވަނީ ބަގަރާ ސޫރަތުގެ އާޔަތެއް ވިދާޅުވެ ދެއްވާ އެ އާޔަތާއި މާނަ މުއައްސަސާތަކުގައި ފެންނަން ހުންނާނެ ގޮތަށް ބެހެއްޓުމަކީ މުހިންމުކަމެއްކަމުގައި ވިދާޅުވެފައެވެ.
ރައީސް މައުމޫން ވިދާޅުވީ ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން މިއަދު އަމަލުކުރަމުންދަނީ އެމީހުންގެ ދަރިންވެސް ލަދު ގަންނަގޮތަށްކަމަށެވެ.
އަދި ބޭއިންސާފާއި ދެކޮޅަށް އިއްތިހާދުން ކުރަމުންދާ މަސައްކަތުގައި ދެމިތިބުމަށް ރައީސް މައުމޫން އިލްތިމާސްކުރެއްވިއެވެ.
މަސީހަކީ މިހާރު މަޖިލީހުގެ ރައީސެއް ނޫން: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ