އެމްޑީޕީގެ 11 މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ 11 މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް މައްސަލައެއް ވައްދައިފި އެވެ.
އެމްޑީޕީގެ 11 މެންބަރަކު ގާނޫނު އަސާސީއާ ހިލާފު ވެފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ޕާޓީ، ގައުމީ އިއްތިހާދު ޕާޓީގެ ތަރުޖަމާން އަބާސް އާދިމް ރިޒާ އެވެ.
ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން އައްބާސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގެންނަވާ އެމްޑީޕީ އަށް ނިސްބަތްވާ 11 މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ހުށަހަޅާފައި ވަނީ ގާނޫނު އަސާސީގެ 74 ވަނަ މާއްދާގެ ދަށުން ކަމަށެވެ.
ގާނޫނު 74 ވަނަ މާއްދާގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުގެ ޝަރުތު މީހެއްގެ ގައިގައި ހަމަވޭތޯ ނުވަތަ މެންބަރުން މަގާމުން ވަކިކުރަން ޖެހިއްޖެތޯ ބެލުމުގައި ނުވަތަ މެންބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެ ކަމާ މެދު ހިލާފެއް އުފެދިއްޖެ ނަމަ އެ މައްސަލައެއް ބަލައި، ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުންނެވެ.
މަޖިލިސް މެންބަރެއްގެ ޝަރުތު ހަމަނުވާ ކަމަށް އައްބާސް ތުހުމަތު ކުރައްވާ 11 މެންބަރުންގެ ނަމެއް ހާމައެއް ނުކުރެ އެވެ. އައްބާސް ވިދާޅުވީ އެ މެންބަރުންނަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގައި ހުރުން ލާޒިމް ކަމަށް ގާނޫނު އަސާސީގައި ބުނާ ޝަރުތު ފުރިހަމަވާ މެންބަރުން ނޫން ކަމަށް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ގަބޫލު ކުރާނެ ކަމަށެވެ. އައްބާސް ވިދާޅުވީ އެއީ ކޮން މެންބަރުންނެއް ކަމާއި އެ މެންބަރުން ގާނޫނު އަސާސީއާ ހިލާފުވީ ކަމަށް ދެކޭ ކަންތައްތައް ފަހުން ހަމަ ކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ