ދިވެހި ބާސްކެޓް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ ހަތަރުވަނަ އިންޓަރ ސްކޫލް ތުރީ އޮން ތުރީ ބާސްކެޓްބޯޅަ މުބާރާތް ފަށައިފި އެވެ.
ދެ އުމުރުފުރާގެ ފިރިހެން އަދި އަންހެން ބަޔަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި 11 ސްކޫލަކުން ވަނީ ބައިވެރިވެފައިވެއެވެ.
އިއްޔެ ހަވީރު ފެށި މިމުބާރާތުގެ 14 އަހަރުން ދަށުގެ އަންހެން ބައިގެ ފުރަތަމަ މެޗު އިސްކަންދަރު ސުކޫލާ ވާދަކޮށް ދަރުމަވަންތަ ސުކޫލް ކާމިޔާބު ކުރީ 7-6 ޕޮއިންޓުންނެވެ. އަދި ދެވަނަ މެޗުގައި ކަލާފާން ސްކޫލް އާއި މަޖީދިއްޔާ ސްކޫލް ބައްދަލުކުރި އިރު އެ މެޗު 8-10 ޕޮއިންޓުން ކާމިޔާބު ކުރީ މަޖީދިއްޔާ ސުކޫލް އެވެ.
މި މުބާރާތް ކުރިއަށް ދަނީ 14 އަހަރުން ދަށާއި 16 އަހަރުން ދަށުގެ ފިރިހެން އަދި އަންހެން ބަޔަށް ބަހާލައިގެން ނެވެ.
މުބާރާތުގެ 14 އަހަރުން ދަށުގެ ފިރިހެން ބައިގައި ހަތް ޓީމަކުން ބައިވެރިވެފައިވާ އިރު މި އުމުރުފުރާގެ އަންހެން ބައިގައި ހަތަރު ޓީމަކުން ވަނީ ބައިވެރިވެފައި ވެއެވެ.
އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި މުބާރާތުގެ 16 އަހަރުން ދަށުގެ ފިރިހެން ބައިގައި 8 ޓީމަކުން ވާދަކުރާ އިރު މި އުމުރުފުރާގެ އަންހެން ބައިގައި 6 ޓީމަކުން ވާދަކުރެއެވެ.
މި މުބާރާތް ކުރިއަށް ދާނީ ކޮންމެ އުމުރުފުރައަކުންވެސް ބައިވެރިވެފައިވާ ޓީމުތައް ދެ ގްރޫޕަކަށް ބަހާލައިގެން ނެވެ. އަދި މުބާރާތުގެ ކުޅުން ކުރިއަށް ދަނީ ކުޅިވަރު އެކުއެނީ އައުޓްޑޯ ކޯޓުގައެވެ.
އިންޓަ ސްކޫލް ތުރީ އޮން ތުރީ ބާސްކެޓްބޯޅަ މުބާރާތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ