ޕީޕީއެމްގެ ރައީސް ކަމުން މައުމޫން ދުރުކުރަން ސިޔާސީ ޕާޓީތަކުގެ ގާނޫނު އިސްލާހުކުރަނީ

އުމުރުން 65 އަހަރުން މަތީގެ ބޭފުޅުންނަށް ސިޔާސީ ޕާޓީ ތަކުގެ އެންމެ އިސް މަގާމުތަކުގައި ނުތިބެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނު އިސްލާހުކުރުމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުން މިއަދު ނިންމައިފި އެވެ.
ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުން މިގޮތަށް ނިންމީ މިއަދު ހަވީރު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުން ބޭއްވި ބައްދަލުވުމެއްގަ އެވެ.
އުމުރުން 65 އަހަރުން މަތީގެ ބޭފުޅުންނަށް ސިޔާސީ ޕާޓީ ތަކުގެ އެންމެ އިސް މަގާމުތަކުގައި ނުތިބެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނު އިސްލާހުކޮށްފިނަމަ ޕީޕީއެމްގެ ރައީސްގެ މަގާމު ރައީސް މައުމޫނަށް ގެއްލިގެންދާނެ އެވެ.
ރައީސް މައުމޫންގެ އުމުރުފުޅުން މިހާރު ވަނީ 80 އަހަރު ވެފަ އެވެ.
މިއިސްލާހު މަޖިލީހަށް ހުށަހެޅުމަށް ހަމަޖައްސާފައިވަނީ އީދު ބަންދަށް ފަހު މަޖިލީސް ހުޅުވުމުންނެވެ.
ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕްގެ ގިނަ މެންބަރުންގެ ވިސްނުން މިހާރު ހުރީ ސިޔާސީ ޕާޓީ ތަކުގެ ގާނޫނަށް ހުށަހަޅަން ނިންމާފައިވާ އިސްލާހު ފާސްކޮށްގެން ޕީޕީއެމްގެ ލީޑަޝިޕުން މައުމޫން ދުރުކުރުމަށް ކަމަށް ނަން ނުޖެހުމަށް ޝަރުތުކޮށް ޕީޕީއެމްގެ ބައެއް މެންބަރުން މިއަދު ވަނީ ވިދާޅުވެފަ އެވެ.
ޕީޕީއެމްގެ ތެރޭގައި ބޮޑެތި ކޯޅުންތަކެއް އުފެދިފައި މިވަނީ ޕްރައިމަރީއަކާ ނުލާ 2018ގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޕީޕީއެމްގެ ޓިކެޓް ރައީސް އަބްދުﷲ ޔާމީނަށް ދިނުމުގެ މައްސަލައާއި، ބިޑް ކުރުމަކާ ނުލާ ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކުރުމުގެ އުސޫލަށް މައުމޫން ދެކޮޅު ހެއްދެވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ