އޫރު ރޯގާ ޖެހިފައިވާ މީހަކު ރާއްޖެ އިން ފެނުން: އޭނާއާ "ކޮންޓެކްޓްވި" 10 މީހަކަށާއި އިތުރު ބަޔަކަށް ދަނީ ބޭސް ދެމުން: ހެލްތު

އޫރު ރޯގާ ޖެހިފައިވާ މީހަކު ރާއްޖެ އިން ފެނިފައިވާތީ އޭނާއާ "ކޮންޓެކްޓް" ވެފައިވާ ދިހަ މީހަކަށާއި އޭނާއަށް ފަރުވާ ދިން ހެލްތު ސެންޓަރުގެ މީހުންނަށް ބޭސް ދެމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ބ. އަތޮޅު ކޮކާ ޕާމް ރިސޯޓުގެ ސްޕާގައި މަސައްކަތް ކުރުމަށް އައި އިންޑޮނީޝިއާގެ އެ އަންހެން މީހާ ބަލިވެގެން އެންމެ ފުރަތަމަ ޑޮކްޓަރަށް ދެއްކީ ބ. ތުޅާދޫ ސިއްހީ މަރުކަޒަށެވެ. އެހެންކަމުން އެތަނުން އޭނާއަށް ފަރުވާ ދިން މީހުންނާއި ހަމަޖެހިފައިވާ މިންގަނޑުން އޭނާއާ ކޮންޓެކްޓް އޮތް ދިހަ މީހަކަށް ބޭސް ދެމުންދަނީ އެ ރޯގާ އަކީ ފަސޭހަކަމާ އެކު ގައިންގަޔަށް އަރާ ބައްޔަކަށް ވުމުން ބަލި ފެތުރުނަ ނުދިނުމަށްޓަކައި ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ. އަދި ބޭސް ދިން މީހުންގެ ތެރެއިން މީހެއްގެ ގައިން އެ ރޯގާގެ އަލާމާތްތައް ފެނުމުން ހެދި ޓެސްޓްތަކުގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމަށް ވެސް ހެލްތު މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައިވެ އެވެ.
ޗުއްޓީ އަށް އިންޑޮނީޝިއާ އަށް ގޮސް އަންހެންމީހާ އެނބުރި ރާއްޖެ އައިސްފައިވަނީ މި މަހުގެ 18 ވަނަ ދުވަހު އެވެ. އަދި މާލޭގެ ގެސްޓު ހައުސްއެއްގައި ތިން ދުވަހު އޭނާ މަޑުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ. އެހެން ނަމަވެސް އެ ގެސްޓު ހައުސްގައި އޭނާއާ އެއްވެސް ގޮތަކަށް ކޮންޓެކްޓް ވެފައި މީހަކު ހުރެދާނެތޯ ބަލަމުންދާ ކަމަކަށް އެ މިނިސްޓްރީއަކުން ނުބުނެ އެވެ.
އޫރު ރޯގާ ޖެހިފައިވާ އަންހެން މީހާ މިހާރު ހުރީ ހުޅުލޭގައި ކަރަންޓީން ކޮށްފަ އެވެ. އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.
އެ މިނިސްޓްރީން ބުނީ އޫރު ރޯގާގެ ވައިރެސްއެއް ކަމަށްވާ އިންފްލުއެންޒާ އޭ އަށް އުތުރުގެ ބައެއް ސަރަހައްދުތަކުގައި މިހާރު ޓެސްޓު ކުރެވޭނެ ކަމަށާއި އެހެން އަތޮޅުތަކަށް އިންފްލުއެންޒާ އޭގެ ބޭސް ފޮނުވާފައިވާ ކަމަށެވެ.
އިންފްލުއެންޒާ އޭ އަކީ އަރިދަފުސް ރޯގާ ފަދަ ފަސޭހައިން ފެތުރޭ ބައްޔަކަށް ވެފައި މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ނޭފަތުން ފެން ފޭބުމާއި ކެއްސާ ކިނބިހި އެޅުމާ އެކު ނޭވާ ކުރުވުން ފަދަ ކަންތައް ހިމެނޭތީ މި ބަލިން ރައްކާތެރިވުމަށް ސައިބޯނި ލައިގެން ގިނައިން އަތް ދޮވުމަށް ހެލްތު މިނިސްޓްރީން އިލްތިމާސް ކުރެ އެވެ. އަދި އެފަދަ އަލާމާތެއް ހުރި ނަމަ މީހުންގެ ތެރެއަށް ނުކުމެ ނޫޅުމަށް ވެސް މިނިސްޓްރީން އެދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ