ސުޕްރީމް ކޯޓުގެ އަހަރީ ދުވަސް ފާހަގަ ކުރިއިރު ގިނަ އަދަދެއްގެ ފަނޑިޔާރުން ގޭގައި!

ސުޕްރީމް ކޯޓުގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ދަރުބާރުގޭގައި ރޭ ޖަލްސާއެއް ބާއްވައި، އެ ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަ ކުރިއިރު ގިނަ އަދަދެއްގެ ފަނޑިޔާރުން ޖަލްސާ އަށް ވަޑައެއް ނުގަންނަވަ އެވެ.
ސުޕްރީމް ކޯޓުގެ ތިން ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ޖަލްސާ ބާއްވާފައި ވަނީ ދަރުބާރުގޭ ހަކުރާ މާލަމުގަ އެވެ. ރޭ 45: 8 ގައި ފެށި އެ ޖަލްސާ އަށް ވަޑައިގެންފައި ވަނީ ވަރަށް މަދު ފަނޑިޔާރެކެވެ. ސިވިލް ކޯޓާއި ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓުގެ ގިނަ އަދަދެއްގެ ފަނޑިޔާރުން އެ ޖަލްސާ އަށް ވަޑައިނުގަންނަވާއިރު ހައި ކޯޓުގެ ބައެއް ފަނޑިޔާރުން ވެސް އެ ޖަލްސާ އަށް ވަޑައެއްނުގަންނަވަ އެވެ.
ސުޕީރިއާ ކޯޓުގެ ފަނޑިޔާރަކު ހަވީރާ ވާހަކަ ދައްކަވަމުން ރޭ ވިދާޅުވީ ޖަލްސާ އަށް ވަޑައިނުގަތީ ސުޕްރީމް ކޯޓާ ދޭތެރޭ ހިތްހަމަނުޖެހުމަށް އުޅޭތީ ކަމަށެވެ. ސުޕްރީމް ކޯޓުން އަމަލު ކުރަމުން އަންނަ ގޮތާއި އެ ކޯޓުގެ ބައެއް ނިންމުންތަކާ މެދު އެ ފަނޑިޔާރު ނިސްބަތްވާ ކޯޓުގެ ގިނަ ފަނޑިޔާރުން ވެސް ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހިތްހަމަނުޖެހުމެއް އުޅޭ ފަނޑިޔާރުންގެ މެދުގައި. ސުޕްރީމް ކޯޓުން އަމަލު ކުރަމުން އަންނަ ގޮތާއި އެ ކޯޓުގެ ބައެއް ނިންމުންތަކާ މެދު،" އޭނާ ވިދާޅުވި އެވެ. ސުޕްރީމް ކޯޓުގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ދަރުބާރުގޭގައި ބޭއްވި ޖަލްސާ
ހަވީރާ ރޭ ވާހަކަ ދެއްކެވި އެހެން ފަނޑިޔާރަކު ވެސް ވިދާޅުވީ ޖަލްސާ އަށް ވަޑައިނުގަތީ ސުޕްރީމް ކޯޓާ މެދު ހިތްހަމަޖެހިވަޑައިނުގަންނަވާތީ ކަމަށެވެ. އަދި ވިދާޅުވީ ސުޕްރީމް ކޯޓުން މިހާތަނަށް ކަންތައްތައް ކޮށްފައިވާ ގޮތާ ދޭތެރޭ އެއްވެސް ވަރަކަށް ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށެވެ.
"ސުޕްރީމް ކޯޓުން ކަންތައް ގެންގޮސްފައިވާ ގޮތާ މެދު އެއްވެސް ވަރަކަށް ހިތްހަމައެއްނުޖެހޭ. ސުޕްރީމް ކޯޓާ މެދު ބައެއް ފަނޑިޔާރުންގެ ހިތްހަމަނުޖެހުމެއް އުޅޭ، އަޅުގަނޑު ވެސް ޖަލްސާ އަށް ނުދިޔައީ އެހެންވެ. އެކަމަކު އެހެން ފަނޑިޔާރުން ވަޑައިނުގެންވި ސަބަބެއް ސީދާ ދަންނަވާކަށް ނޭނގެ،" އެ ފަނޑިޔާރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ