މި ސަރުކާރަކީ ރައްޔިތުންނާ މެދު ޓެރަރިޒަމް ހިންގާ ސަރުކާރެއް: ގާސިމް

މިހާރު ވެރިކަންކުރާ އެމްޑީޕީ އިއްތިހާދުގެ ސަރުކާރަކީ ރާއްޖޭގެ ރައްޔިތުންނާ މެދު ޓެރަރިޒަމްގެ އަމަލުތައް ހިންގާ ސަރުކާރެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
އއ. ތޮއްޑޫ ގައި ލޯކަލް ކައުންސިލް އިންތިހާބުގެ ޑީއާރްޕީ ކެމްޕޭން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއްގައި ސިޔާސީ ކުށްވެރިން ނުތިބޭނެ ކަމަށް ބުނާ އިރު، މި ސަރުކާރުން އެންމެ ފުރަތަމަ ހައްޔަރުކުރި ސިޔާސީ އެކަކީ އޭނާ ކަމަށެވެ. އަދި އެއީ "ލަދު ހަޔާތެއް ނެތް" އަމަލެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ސަރުކާރުން ލާމަރުކަޒީ ގާނޫނު ހުށަހެޅި އިރު އޭގައި ރައްޔިތުންނަށް އެއްވެސް ބާރެއް ލިބޭ ގޮތަށް ނެތް ކަމަށާއި އެ ބާރުތައް ރައްޔިތުންނަށް ދިނީ މަޖިލީހުގައި ހިމެނޭ ޑީއާރްޕީގެ މެމްބަރުން ކަމަށެވެ. އަދި ކައުންސިލްތަކަށް ބަޖެޓް ލިބޭނެ ގޮތަށް ހެދީ ވެސް ޑީއާރްޕީން ކަމަށާއި އެމްޑީޕީން އެ ކަމަށް މަޖިލީހުގައި ވޯޓެއް ވެސް ނުދޭ ކަމަށް ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މައުމޫންގެ ވެރިކަން ނިމިގެން ދިޔަ އިރު ރާއްޖޭގައި އޮތް ބޭރުގެ ދަރަނީގެ ޖުމްލައަކީ 395 މިލިއަން ޑޮލަރު ކަމަށެވެ. އަދި އެތެރޭގެ (ޑޮމެސްޓިކް) ދަރަނީގެ ގޮތުގައި އޮތީ 3.5 މިލިއަން ރުފިޔާ ކަމަށާއި ދެ ދަރަނި އެއްކޮށްލީމާ އަރަނީ ނުވަ ބިލިއަނަށް ކަމަށެވެ.
ނަމަވެސް މި އަހަރު ނިމިގެންދާ އިރު ރާއްޖޭގެ ޖުމްލަ ދަރަނި 16 ބިލިއަން ރުފިޔާ އަށް ވުރެ ކުޑަނުވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ގައުމު ދަރާ ވިކިގެންދާ އިރު ދައުލަތުގެ ހުރިހާ ހަރުމުދާ ވެސް "ވިއްކާ ހުސްކޮށްފި" ކަމަށެވެ. އަދި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބުވެއްޖެ ނަމަ ޣައިރު ދީންތަކުގެ މީހުންނަށް މި ރާއްޖޭގެ ރަށްތައް ވިއްކާލާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
އޭނާގެ ވާހަކަ ނިންމާލަމުން، ދުނިޔޭގެ އެހެން ގައުމުތަކުގައި ކަންތައް ކުރަމުންދާ ގޮތް ބަލައިގެން، ގާނޫނުގެ ބޭރުން ކަންތައްކުރާ މީހުން ގާނޫނީ އިމުގެ ތެރެއިން ވެރިކަމުން ބޭރުކުރުމަށް ގޮވައިލެއްވި އެވެ.
ގާސިމް ވިދާޅުވީ ގާނޫނު އަސާސީ އިސްލާހުކުރި ދުވަސްވަރު، ރާއްޖޭގައި ޑިމޮކްރެސީ ގާއިމުކުރާނެ ކަމަށް އެމްޑީޕީން ދެއްކި ހުރިހާ ވާހަކައެއް މިހާރު ދިމާ އިދިކޮޅަށް ޖެހިފައިވާ ކަމަށެވެ. އަދި އެއީ "އެންމެ ބޮޑު ހިޔާނާތް" ކަމަށާއި އެ ސަބަބަށްޓަކައި ރައީސް ނަޝީދުގެ ވާހަކަތައް އަޑު ނޭހުމަށް ގާސިމް ގޮވައިލެއްވި އެވެ.
ގާސިމް ވިދާޅުވީ ގާނޫނު އަސާސީގައި ލާމަރުކަޒީ އުސޫލުން ވެރިކަން ހިންގަންވާނީ ފާސްކުރާ ގާނޫނަކުން ކަމަށް ގާނޫނު އަސާސީގައި ބުނެފައި އޮތް އިރު، ޕްރޮވިންސްތަކެއް ހަދައި ކައުންސިލަރުން ލައިގެން އެ ކައުންސިލަރުންނަށް ދައުލަތުގެ ބަޖެޓުން އެތައް ފައިސާއެއް ހޭދަކުރި ކުރުމަކީ ގާނޫނު އަސާސީއާ ހިލާފަށް ހިންގި ވަރަށް ބޮޑު ޖަރީމާއެއް ކަމަށާއި އެ ކަމަށް ދުވަހަކު ވެސް ދިވެހިން މައާފްނުކުރާނޭ ކަމަށެވެ.
ސަރުކާރަށް ހަރުކަށި އިބާރާތުން ފާޑުވިދާޅުވަމުން ގާސިމް ވިދާޅުވީ، ރައްޔިތުންނަށް ބާރުދޭން އުޅެނީ އެމްޑީޕީން ކަމަށް ރައީށް ނަޝީދު ވިދާޅުވި ނަމަވެސް، ސަރުކާރުން ލާމަރުކަޒީ ގާނޫނު މަޖިލީހަށް ހުށަހަޅާފައި އޮތީ ރައީސް އޮފީސް ތެރެއިން ހުރިހާ ކަމެއް ކުރާ ގޮތަށް ކަމަށެވެ. އަދި މިފަދަ ވާހަކަތައް ހުންނަ އިރު "ލަދެއް ހަޔާތެއް ވެސް ހުންނަންވާނޭ" ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު އާދޭހާ އެކު މި ދަންނަވަނީ 10 ޕަސެންޓް ވެސް އެމްޑީޕީ އަށް ވޯޓު ދީގެން ނުވާނޭ. ތިޔަ ބޭފުޅުންގެ ދީނާއި މުދާވެރިކަމާއި އަމާނާތްތެރިކަން ބަހައްޓަން ބޭނުމިއްޔާ އެންމެ ވޯޓެއް ވެސް އެމްޑީޕީ އަށް ނުދެއްވާށޭ."
އޭނާ ވިދާޅުވީ ގާނޫނު އަސާސީ އިސްލާހުކުރީ އެމްޑީޕީން ކަމަށް ދައްކާ ވާހަކައަކީ ވެސް ދޮގެއް ކަމަށާއި ގާނޫނު އަސާސީ އިސްލާހުވެގެން ދިޔައީ، ހާއްސަ މަޖިލީހުގެ 113 މެމްބަރުންގެ ތެރޭގައި ރައީސް މައުމޫންގެ ސަރުކާރަށް ނިސްބަތްވާ 84 މެމްބަރުން ތިއްބަވައިގެން ކަމަށެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރުން މަސައްކަތްކުރަމުން އަންނަނީ ރައްޔިތުން އުންމީދުކުރި ޑިމޮކްރެޓިކް ނިޒާމް މި ރާއްޖޭގައި ގާއިމުވިޔަ ނުދިނުމަށް ކަމަށެވެ.
ތަސްމީން ވިދާޅުވީ ރައްޔިތުން މި ސަރުކާރު ގެނައީ ރަނގަޅު ޑިމޮކްރެޓިކް ނިޒާމެއް ގާއިމުކުރެވޭނެ ކަމުގެ ވަރަށް ބޮޑު އުންމީދަކާ އެކުގައި ކަމަށާއި ނަމަވެސް އޭގެ ބަދަލުގައި ސަރުކާރުން މަސައްކަތްކުރަމުން ދަނީ ނުފުއްދޭ ދޮގު ވައުދުތަކެއް ވުމަށް ކަމަށެވެ.
މިހާރު އަމަލުކުރަމުން އަންނަ ގާނޫނު އަސާސީ އަކީ ހަރުދަނާ ޑިމޮކްރެޓިކް ނިޒާމެއް ގާއިމުކުރުމަށް އެކުލަވައިލި ނިޒާމެއް ކަމުގައި ވިޔަސް، މިހާރުގެ ސަރުކާރުން އެ ނިޒާމު ގާއިމުކުރުމަށް އެއްވެސް މަސައްކަތެއް ނުކުރާ ކަމަށާއި އެ ކަމަށް ފުރުސަތެއް ވެސް ނުދޭ ކަމަށް ތަސްމީން ވިދާޅުވި އެވެ.
އަދި ރައްޔިތުންގެ ދިރިއުޅުން އުޖާލާވާނީ ވެސް ގައުމު ހިންގުމަށް އެކުލަވާލެވިފައިވާ ނިޒާމް ހަރުދަނާވެގެން ކަމަށާއި ނަމަވެސް އޭގެ ބަދަލުގައި ސަރުކާރުން ކަނޑައެޅިގެން މަސައްކަތްކުރަނީ އެ ނިޒާމް ބަލިކަށިކޮށްލަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ކަމުގެ ހެކި ދައްކަވަމުން ތަސްމީން ވިދާޅުވީ މިނިވަން މުއައްސަސާތަކާއި ޝަރުއީ ކޯޓުތަކާއި ފުލުހުންނާއި ރައްޔިތުންގެ މަޖިލީހުގެ އިތުބާރު ނަގާލައި އަވުވައްޓާލަން ސަރުކާރުން މަސައްކަތްކުރާ ކަމަށެވެ.
އޭގެ އިތުރުން ތަސްމީން ވިދާޅުވީ މި ފަހަރު ސަރުކާރުން މަޖިލީހަށް ހުށަހެޅީ ވެސް ވަރަށް "ވިޔާނުދާ" ގޮތަކަށް އޮތް، އެއްވެސް ތަފްސީލެއް ނެތް ބަޖެޓެއް ކަމަށާއި ރައްޔިތުންނަށް ފައިދާ ހުރި ގޮތަކަށް އެ ބަޖެޓް އިސްލާހުކުރީ އިދިކޮޅު މެމްބަރުން ކަމަށެވެ.
އަދި ސަރުކާރުން މަސައްކަތްކުރަމުން އަންނަނީ ލޯކަލް ކައުންސިލްތައް އިންތިހާބުވުމުގެ ކުރިން އަތޮޅު އޮފީސްތަކުގައި ހުރި ހަރުމުދާ ފަދަ ތަކެތި ރައީސް ނަޝީދު އުފައްދަވާފައިވާ ޕްރޮވިންސް އޮފީސްތަކުގެ ބާރުގެ ދަށަށް ގެންދަން ކަމަށާއި އަތޮޅުގޭތަކުގެ ނަންތައް ވެސް ވާރުގެ އަށް ބަދަލުކުރުމަށް އަތޮޅު އޮފީސްތަކަށް މިހާރު އަންގާފައިވާ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޒަމާނީ ޑިމޮކްރެޓިކް އުސޫލުތަކަށް އިހުތިރާމް ނުކުރާ ބަޔަކަށް ވޯޓު ދިނުމުގެ މާނައަކީ ކޮންމެ ގޮތެއް ވަރިހަމަކޮށްގެން ތިބުން ކަމަށެވެ.
ނަމަވެސް ރަށްރަށުން މިހާރު ދައްކަނީ މި ސަރުކާރުގެ ކޮރަޕްޝަންގެ ވާހަކަ އާއި ސަރުކާރުން ކަންތައްކުރާ ގޮތް ކަމުނުދާ ވާހަކަ ކަމަށްވާ އިރު އެ ކަންތައް ކަމުނުދާ ކަމަށްވަންޏާ އެމްޑީޕީގެ ކެންޑިޑޭޓަކަށް ވޯޓު ދީގެންނުވާނެ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ