ދަރުމަވަންތަ ސްކޫލު ހިންގެވުމާ ހަވާލުވެ ވަޑައިގެންނެވި އަށް ވަނަ ޕްރިންސިޕަލް ޑރ. އަލީ ޝަރީފު (ފޮޓޯ) ވެސް އަހަރެއް ނުވަނީސް އެ ސްކޫލު ދޫކޮށްލައްވައި، ރާއްޖެއިން ބޭރަށް ހޮނިހިރު ދުވަހުގެ ފުރާ ވަޑައިގެންފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސުޕްރިންޑެންޓް ޖަމީލާ އަލީ މިއަދު ވިދާޅުވީ މި އަހަރުގެ ފެބްރުއަރީ މަހު ސްކޫލު ހިންގެވުމާ ހަވާލުވެ ވަޑައިގެންނެވި ޑރ. އަލީ ޝަރީފު ސްކޫލު ދޫކޮށްލެއްވީ އަމިއްލަ ސަބަބަކާ ގުޅިގެން ކަމަށެވެ.
މަޖީދިއްޔާ ސްކޫލު ބައިކުރުމަށް ފަހު 2002 ވަނަ އަހަރު ދަރުމަވަންތަ ސްކޫލުގައި ކިޔަވައިދޭން ފެށި ފަހުން ބައެއް ޕްރިންސިޕަލުން އެއް މަސް ދުވަސް، ފަސް މަސް އަދި 10 މަސް ދުވަސް ވަންދެން ވެސް މަސައްކަތް ކުރައްވާފައި ވެ އެވެ. ގާތްގަނޑަކަށް 1200 ކުދިން ކިޔަވަމުން އަންނަ ދަރުމަވަންތަ ސްކޫލު ހިންގެވުމާ ހަވާލު ކުރައްވާ ގިނަ ބޭފުޅުން ކުރު މުއްދަތެއްގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓްރީން އެހެން ސްކޫލުތަކަށް ބަދަލު ކުރައްވާފައިވެ އެވެ. ދަރުމަވަންތަ ސްކޫލު ހިންގެވުން ފަސް އަހަރު ތެރޭގައި އަށް ބޭފުޅަކާ ހަވާލު ކުރެއްވިއިރު އޭގެ ތެރެއިން ތިން ބޭފުޅުންނަކީ ބިދޭސީ ޕްރިންސިޕަލުންނެވެ. އަނެއް ފަސް ބޭފުޅުންނަކީ ދިވެހިންނެވެ.
ޖަމީލާ ވިދާޅުވީ އަހަރު ނިމެން ކައިރިވެފައިވާތީ އާ އެކު ދަރުމަވަންތަ ސްކޫލު ހިންގެވުން އާ ބޭފުޅަކާ ހަވާލުކުރައްވަން ގަސްދުނުކުރައްވާ ކަމަށެވެ. އޭގެ ބަދަލުގައި ދަރުމަވަންތަ ސްކޫލުގައި އިސްކޮށް ތިއްބަވާނީ، އޭނާ ވިދާޅުވި ގޮތުގައި ދެ އެސިސްޓެންޓް ޕްރިންސިޕަލުން ކަމުގައިވާ ޒީނާ ގާސިމާއި އައިޝަތު ނަސްރީނާ އެވެ.
"އެ ސްކޫލުގައި ފުދޭވަރެއްގެ ސީނިއާ މެނޭޖްމަންޓެއް އެބައޮތް. އަނެއްކާ އާ ބޭފުޅަކު (ސްކޫލު ހިންގެވުމަށް) ގެނެސްގެން، އެ ބޭފުޅަކު ހޭނުވުމުގެ ބަދަލުގައި މި އަހަރު މި ގޮތަށް ނިންމާލަން ކަމަށް މި އުޅެނީ. އަޅުގަނޑުމެންނަކަށް އެއްވެސް ބޭފުޅަކަށް މަޖުބޫރެއް ނުކުރެވޭނެ ތަނުގައި ތިއްބަވާކަށް. ކޮންޓްރެކްޓް އުސޫލެއް ނެތީމަ މި ގޮތަށް މިވަނީ،" ޖަމީލާ ވިދާޅުވި އެވެ.
ދަރުމަވަންތަ ސްކޫލު އުފެދުނުތާ މި އަހަރަށް ފަސް އަހަރުވީއިރު އެ ސްކޫލުގައި މިހާތަނަށް އެންމެ ގިނަ ދުވަހު ޕްރިންސިޕަލްކަން ކުރެއްވީ މިހާރު ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރެއްގެ މަގާމުގައި ހުންނެވި މުހައްމަދު ފަހުމީ ހަސަނެވެ. އޭނާ ވަނީ ދެ އަހަރު ވަންދެން ދަރުމަވަންތަ ސްކޫލުގެ ޕްރިންސިޕަލްކަން ކުރައްވައިފަ އެވެ. އެއީ 18 ޖުލައި 2004 އިން 2 ޖެނުއަރީ 2006 އަށެވެ.
ތައުލީމީ ދާއިރާގެ ބައެއް ތަޖުރިބާކާރުން ވިދާޅުވި ގޮތުގައި ސްކޫލުތަކުގެ ހިންގުމަށް އަވަސް އަވަހަށް ބަދަލު ގެނައުމަކީ ސްކޫލުގެ ހިންގުމަށް ހުރަސް އެޅިގެންދާނެ ކަމެކެވެ. އެ ބޭފުޅުންގެ ނަޒަރުގައި ސްކޫލުތައް ހިންގެވުމަށް 3- 4 އަހަރު ޕްރިންސިޕަލަކަށް ލިބިވަޑައިގަތުމަކީ މުހިންމު ކަމެކެވެ.
ޖަމީލާ ކުރިން ވިދާޅުވެފައި ވަނީ މިހާތަނަށް އަވަސް އަވަހަށް ދަރުމަވަންތަ ސްކޫލުގައި ޕްރިންސިޕަލުން ބަދަލު ކުރެއްވީ ދިވެހިން ލިބުން ދަތިވެގެން ކަމަށް ލަފާ ކުރެއްވޭ ކަމަށެވެ. ނަމަވެސް ހަވީރަށް އެނގިފައިވާ ގޮތުގައި ބައެއް ޕްރިންސިޕަލުން އެކަށީގެންވާ ފެންވަރު ނެތިގެން ވެސް ބަދަލު ކުރައްވާފައިވެ އެވެ. ދަރުމަވަންތަ ސްކޫލުގައި ކުރިން ޕްރިންސިޕަލްކަން ކުރެއްވި ބައެއް ބިދޭސީ ބޭފުޅުން މިހާރު ވެސް ބައެއް ރަށްރަށުގައި މަސައްކަތް ކުރައްވަމުން އެބަ ގެންދަވަ އެވެ.
ދަރުމަވަންތަ ސްކޫލުގެ އަށް ވަނަ ޕްރިންސިޕަލް ވެސް އަހަރެއް ނުވަނީސް ސްކޫލް ދޫކޮށްލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ