އޮލިވް ގާޑްން ރެސްޓޯރެންޓުގެ ބޮޑު ބައެއް އަނދައި ހުލިވެއްޖެ

އޮލިވް ގާޑްން ރެސްޓޯރެންޓްގައި އަލިފާން ރޯވެ އެތަނުގެ ބޮޑުބައި ރޭ ފަތިހު އަނދާ ހުލިވެއްޖެ އެވެ.
ފަރީދީމަގުގައި ދެބުރި އަށް އިމާރާތްކޮށްފައި ހުންނަ އެ ރެސްޓޯރަންޓްގައި ރޯވެފައި ވަނީ މަތީބުރީގަ އެވެ. ރެސްޓޯރެންޓުގެ ވެރިފަރާތުން ބުނާ ގޮތުގައި މަތީބުރި އެއްކޮށް އަނދައި ހުލިވުމާ ގުޅިގެން އެތަނަށް ލިބުނު ގެއްލުމުގެ އަދަދު އެއް މިލިއަން ރުފިޔާ އަށް އަރާނެ އެވެ.
ރޭ 30: 5 ހާއިރު އެތަނުގައި ރޯވި އަލިފާނުގެ ސަބަބުން ރެސްޓޯރަންޓުގެ މަތީބައިގެ ފުރާޅާއި ސީލިންގާއި ދޮރުތައް އެއްކޮށް ވަނީ އަނދައިފަ އެވެ. އަދި އެތަނުގެ އެތެރޭގެ ވަށާފާރުތައް ކަނޑަކަނޑައިގެން ގޮސް ފާރުގައި ހަރުކޮށްފައި ހުރި ފަންކާތަކާއި ހޮޅިބުރިތަކުގެ އިތުރުން އެތަނުގެ ކަރަންޓު ވައިރު ވަނީ އެއްކޮށް ހަލާކުވެފަ އެވެ. އޭގެ އިތުރުން އެ ތަނުގެ ފްރިޖާއި ބައެއް މެޝިންތައް ވެސް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާ ހުލިވެފަ އެވެ.
އޮލިވް ގާޑްން އިން ވާހަކަ ދެއްކެވި އަބްދުﷲ ޝާހިދު ވިދާޅުވީ އެތަނުގައި އަލިފާން ރޯވީ ކަރަންޓް މައްސަލައެއް ދިމާވެގެން ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ. އަދި ރެސްޓޯރަންޓް ހުރި އިމާރާތަށް ވެސް އަލިފާނުގެ ސަބަބުން ވަރަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
"ބޮޑަށް ބެލެވެނީ ކަރަންޓު ޝޯޓެއް ވެގެން ކަމަށް ރޯވީ ކަމަށް. އެ ހާދިސާ ހިނގާފައިވާ ގޮތަށް ބަލާފައި އެކަން ފުލުހުން ވެސް ޔަގީންކޮށްދޭ،" ޝާހިދު ވިދާޅުވި އެވެ.
އެ ހާދިސާގެ މައުލޫމާތު ލިބުމުން ސިފައިން އެތަނަށް ދިޔައިރު ރެސްޓޯރަންޓުގެ ފުރަތަމަ ބުރީގައި ވަރަށް ގަދަޔަށް އަލިފާން ރޯވެފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި އަލިފާންގަނޑު 14 ވަރަކަށް މިނެޓްތެރޭގައި ނިއްވާލާފައިވާ ކަމަށް ވެސް އެތަނުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ