އަބްދުއްރަޝީދު ހުސެއިންގެ ބަދަލުގައި ރައީސްގެ މެމްބަރު ކަމަށް ޑީއާރްޕީގެ އިމާދު ސޯލިހު އައްޔަންކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެންބަރުކަމުގެ މަގާމުގައި ހުންނެވި އަބްދުއްރަޝީދު ހުސައިން އިސްތިއުފާ ހުށަހެޅުއްވުމާ ގުޅިގެން އެ މަގާމުން އޭނާ ވަކިކުރައްވައި، ޑީއާރްޕީގެ އިސް ހަރަކާތްތެރިޔާ އިމާދު ސޯލިހު އެ މަގާމު ބުރާސްފަތި ދުވަހު އައްޔަންކުރައްވައިފި އެވެ. އަދި އެއާ އެކު ރައީސްގެ ކުރިފުޅުމަތީގައި ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރު ކަމުގެ ގާނޫނީ ހުވާ އިމާދު ސޯލިހު ކުރައްވައިފި އެވެ.
މި ކަމަށްޓަކައި ބުރާސްފަތި ދުވަހު ހެނދުނު ރައީސް އޮފީހުގައި ވަކިވަކިން ބޭއްވެވި މި ދެ ރަސްމިއްޔާތުގައި އިމާދު ސޯލިހަށް ހުވާ ލައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ނާއިބު ރައީސް ޝޭޚު އަހުމަދު ފާރޫގު މުހަންމަދެވެ.
ރައީސް އޮފީހުން ނެރުއްވި ބަޔާނެއްގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެންބަރު ކަމަށް އިމާދު ސޯލިހު މި އައްޔަން ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެންބަރު އަބްދުއްރަޝީދު ހުސައިންގެ "މަސައްކަތްޕުޅުތައް ހުރި ގޮތުން، މެންބަރު ކަމަށް އެހެން ބޭފުޅަކު ހަމަޖައްސަވައި ދެއްވުމަށް އެދިވަޑައިގެންފައިވާތީ" އެވެ.
ކުރިން ލޭބަ މިނިސްޓަރުކަމުގައި ހުންވަނިކޮށް ވަޒީރުންގެ މަޖިލީހުން ވަކިކުރައްވައި، ޕަބްލިކް އެންޓަޕްރައިޒަސް ކޮމިޝަންގެ ޗެއާމަންކަން ދެއްވައިފައިވާ އަބްދުއްރަޝީދަށް ދާދި ފަހުން ވަނީ ހަޔާ އެޑިއުކޭޝަން، އެމްޕްލޯއިމަންޓް އެންޑް ލޭބަ މިނިސްޓްރީ ހިންގެވުން ވަގުތީ ގޮތުން ހަވާލުކުރައްވައިފަ އެވެ. އެއީ ރައީސް މައުމޫނުގެ ކޮއްކޯފުޅު އަދި ރައްޔިތުންގެ މަޖިލީހުގެ ނ. އަތޮޅުގެ މެމްބަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންންނެވެ.
އިމާދު ސޯލިހު ރައްޔިތުންގެ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެންބަރުކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަހުމަދު ޒާހިރު ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެންބަރުކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި، ޚާއްސަ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި މި ދެ ރަސްމިއްޔާތުގައި ވެސް މިނިސްޓަ ފޯ ޕްރެޒިޑެންޝަލް އެފެއާޒް މުހަންމަދު ހުސައިނާއި ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު އަލްއުސްތާޒު އަހުމަދު މުހަންމަދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ