އެމްޑީޕީން ސީދާ ކުއްލި ޙަރަކާތުގެ ނަމުގައި މިހާރު ކުރިޔަށް ގެންދާ މުޒާހިރާތަކުގެ ތެރެއިން އިއްޔެގެ މުޒާހަރާގައި ހައްޔަރުކުރި ރައްޔިތުންގެ މަޖުލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ޙާމިދު ޢަބްދުލްޣަފޫރު ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިޔަށް ގެންދިއުމަށް 5 ދުވަހުގެ މުއްދަތު ކްރިމިނަލް ކޯޓުން މިއަދު ދީފި އެވެ.
ފުލުހުން ބުނީ ޙާމިދު ޢަބްދުލް ޣަފޫރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އިއްޔެ ހަވީރު އެމްޑީޕީން ކުރިޔަށް ގެންދިޔަ މުޒާހަރާގައި ފުލުހުން ޤާއިމްކޮށްފައިވާ ސަލާމަތީ ސަރަޙައްދުގެ ބެރިކޭޑް ފަޅާލައި ބެރިކޭޑްތަކުގެ އެތެރެއަށް ވަދެ ޞުލްހަވެރިކަމާއެކު އިޙްތިޖާޖު ކުރުމުގެ ބަދަލުގައި އަޑުގަދަކޮށް ފުލުހުންނާ ދިމާއަށް ހުތުރު ބަސްތައްގޮވައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައި ޤާނޫނާއި ޚިލާފު ޢަމަލުތައް ހިންގެވުމާއި ގުޅިގެން ކަމަށެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ތަކުރާރުކޮށް ނަސޭޙަތާއި އިންޒާރުދިނުމުންވެސް އޭނާގެ ޢަމަލުތައް ހުއްޓާނުލައި ކުރިއަށް ގެންގޮސްފައިވާތީ އިއްޔެ ހަވީރު 5:30 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.
ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު ހައްޔަރުކުރުމާއި ގުޅިގެން މިއަދު މެންދުރު ފުލުހުން ބަޔާނެއް ނެރެފައިވެ އެވެ. އެބަޔާނުގައި ވަނީ ހާމިދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ޤާނޫނީ އިމުގެތެރެއިން ކަމަށާއި އޭނާ އްޔަރުކުރުމުގައި ލާއިންސާނީ އެއްވެސް ޢަމަލެއް ހިންގާފައި ނުވާނެ ކަމަށެވެ.
އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމާއެކު ރައްޔިތުންގެ މަޖުލީހުގެ ޤަވާޢިދުގައާއި ޤާނޫނުތަކުގައި ރައްޔިތުންގެ މަޖްލީހުގެ މެމްބަރުންނާ ދޭތެރޭ ކަންކުރަން އޮންނަ އުޞޫލުން ކަންކަން ކުރިއަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
އިއްޔެގެ މުޒާހިރާ އާއި ގުޅިގެން 7 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވީނަމަވެސް އޭގެތެރެއިން ފުލުހުންގެ ބެލުމުގެދަށުގައި މިވަގުތު ތިބީ 6 މީހުންނެވެ.
މަޖިލީހުގެ މެމްބަރު ހާމިދު ހައްޔަރުކުރި މައްސަލައިގައި މޯލްޑިވިއަން ޑިމޮކުރެޓިކް ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުން ވެސް މިއަދު ވަނީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމަށް ސަލާމަތީ ހިދުމަތްތަކުން މަސައްކަތްކުރަންވާނެ ކަމަށް ގާނޫނު އަސާސީ ގައި ބަޔާންކޮށްފައިވާއިރު އެފަދަ ހިމާޔަތާއި ރައްކަތެރިކަން މެންބަރުންނަށް ދެއްވަން ތިބި ބައެއްގެ ކިބައިން ތަކުރާރުކޮށް ފުލުހުންގެ ޤާނޫނާއި ، ފުލުހުންގެ ކޯޑް އޮފް ކޮންޑަކުޓާ ޚިލާފަށް މޯލްޑިވްސް ޕޮލިސް ސާރވިސަސް ގެ ފުލުހުން ގަސްތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދީފައިވާ އަނިޔާތައް ބަލާ ތަހުގީގުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އަށް އިލްތިމާސްކުރާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރ އިބުރާހިމް މުހައްމަދު ސާލިޙް ނެރުއްވި ބަޔާނުގައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދާއި ޚިލާފަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން "އެއްވެސް ސަބަބެއް ނެތި " ހައްޔަރުކުރަމުންދާ ދިއުން ހުއްޓުވުމަށްގޮވާލާ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު ޢަބުދުލް ޢަފޫރު މިހިނދުން މިހިނދަށް ދޫކޮށްލެއްވުމަށް އިލްތިމާސްކުރައްވާފައެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަމާޒުކޮށް މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފުލުހުން ޤާނޫނާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދާއި ޚިލާފަށް ހައްޔަރު ކުރަމުންދާ ދިއުން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީޙުގެ ރައީސް ނުކުޅެދިފައިވާތަން ބަލަން ރައްޔިތުންގެ މަޖިލީހުގެ އެންމެ ގިނަގޮނޑި ކޮންޓްރޯލް ކުރަމުންދާ މޯލްޑިވިއަން ޑިމޮކުރެޓިކު ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނުތިބޭނެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤަބޫލުކުރަންޖެހޭނެ ކަމުގައި މިފުރުސަތުގައި ހަނދާންކޮށްދެމެވެ." އިބުރާހިމް މުހައްމަދު ސާލިޙް ނެރުއްވި ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.
ޙާމިދުގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ