މާމިގިލީ އެއާޕޯޓުގެ މައްސަލައިގައި ދައުލަތުން ދެން ދާންޖެހޭނީ ޝަރީއަތަށް - ގާސިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިލާގެ ޗެއާމަން ގާސިމް އިބްރާހިމް ހިންގަވަމުން އަންނަ މާމިގިލީ އެއާޕޯޓްގެ މުއްދަތު 99 އަހަރަށް އިތުރުކުރުކޮށްފައިވާއިރު އެގްރީމެންޓް ބާތިލްކުރުމާއި ނުކުރުން މިހާރު އޮންނާނީ ޝަރީއަތަށް  ގޮސް ޝަރީއަތުންކުރާ ހުކުމަކުން ކަމަށާއި އެކަން ކުރަން ބޭނުންވާ ނަމަ ދައުލަތުން އެކަން ކުރާނެ ކަމަށް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މާމިގިލީ އެއާޕޯޓްގެ މުއްދަތު އިތުރުކުރި މައްސަލައިގައި މިއަދު މެންދުރުފަހު ވީޓީވީގައި ބޭއްވި ނޫސް ކޮންފަރެންސްއެއްގައި ގާސިމް އިބްރާހިމް ވިދާޅުވީ މާމިގިލީ އެއާރޕޯޓު ކުއްޔަށްދީފައި އޮތް މުއްދަތު އިތުރު ކުރުމުގައި ވިލާއިން އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށާއި މުއްދަތު އިތުރު ކުރި ކުރުމުގައި އެމަނިކުފާނާއި ދިމާލަށް އިނގިލި ދިއް ނުކުރެވޭނެ ކަމަށެވެ. އަދި އެއާޕޯޓްގެ މުއްދަތު އިތުރުކޮށްފައިވަނީ ސަރުކާރުގެ އުސޫލްތަކާ އެއްގޮތަށް ކަމަށް ގަބޫލުކުރައްވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސަރުކާރުން އެކަން ނިންމައި ވިލާ އަށް އެންގުމުން ކަމަށާއި އެކަމުގައި މަޝްވަރާކުރަން ނުޖެހޭނެ ކަމަށެވެ. އެއާޕޯޓްގެ މުއްދަތު އިތުރުކުރުމުގެ އެއްބަސްވުމުގައި މި މަހު 7 ގައި ސޮއިކުރެއްވީ ޕްލޭނިން ކައުންސިލްގެ ނިންމުމާ އެއްގޮތަށް އެކަން ތަންފީޒުކުރަން މިހާރުގެ ސަރުކާރުގެ އިގްތިސާދީ ކޮމިޓީން ނިންމުމުން ކަމަށް ގާސިމް ވިދާޅުވި އެވެ.
މާމިގިލީ އެއާރޕޯޓު ގާސިމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމަށް ސަރުކާރުގެ އިކޮނޮމިކް ކޮމިޓީން ނިންމި ނިންމުމަކީ ގާސިމު އިޖްތިމައީ ގޮތުން ކޮށްދެއްވާފައިވާ ކަންތައްތަކަށް ރިއާޔަތް ކުރުމަށްފަހު ނިންމި ރަނގަޅު ނިންމެވުމެއް ކަމަށް ގާސިމު ވިދާޅުވިއެވެ. އިގްތިސާދީ ކޮމިޓީން އެގޮތަށް ނިންމާފައިވަނީ އެ ކޮމިޓީގެ އިއްތިފާގުން ކަމަށް ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު ޝަމްހީދު މީގެކުރިން ވަނީ ވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ މާމިގިލީ އެއާޕޯޓް ތަރައްގީކުރުމަށް 1.4 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި އެ މަޝްރޫއާ އެކު މާމިގިލީގެ ތަރައްގީގެ އެކި ކަންކަމަށް 530 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އެރަށުގެ ބަނދުރު ތަރައްގީކުރީ ބޮޑެތި އާގު ބޯޓުފަހަރު ބަނދަރުކުރެވޭ ވަރަށް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އަދި އެރަށުގައި 3،000 ގޯތި ދޫކުރެވޭ މިންވަރަށް ބިން ވެސް ބޮޑުކޮށްދީފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޓްރާންސްޕޯޓް މިނިސްޓަރުކަމުން އަހުމަދު ޝަމްހީދު ވަކިކުރެއްވި މައްސަލާގައި ފާޑުވިދާޅުވަމުން ގާސިމް ވިދާޅުވީ އެމަގާމުން ޝަމްހީދު ވަކިކުރެއްވީ މާމިގިލީ އެއާރޕޯޓު ކުއްޔަށްދީފައިވާ މުއްދަތު 99 އަހަރަށް އިތުރުކޮށްފައިވާ މައްސަލަ އާއި ގުޅިގެން ކަމަށާއި އެކަމާއި ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
މާމިގިލި އެއާރޕޯޓުގެ މުއްދަތު 99 އަހަރަށް އިތުރުކުރުމަށް ވަޒީރުންގެ މަޖިލީހުގެ އިގުތިސޯދީ ކޮމެޓީން ނިންމާ އެކަން ކުރިކަން ރައީސް ޑރ. ވަހީދަށް އެނގިވަޑައިނުގަންނަވާކަމަށް ވިދާޅުވެފައިވާތީ ހައިރާންވެވަޑައިގަންނަވާކަމަށް ގާސިމް ވިދާޅުވިއެވެ.
އަދި ކެބިނެޓުގެ ދެބައިކުޅަ އެއްބައި މިނިސްޓަރުން ހިމެނޭ ކޮމިޓީއަކުން ނިންމި ނިންމުމެއް އެނގިވަޑައިނުގަންނަވާ ކަމަށް ރައީސް އޮފީހުން ބުނުމަކީ ޖޯކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ގާސިމް ވިދާޅުވި ގޮތުގައި މާމިގިލީ އެއާޕޯޓުގެ މުއްދަތު އިތުރުކުރީ ނޮވެމްބަރު އެއް ވަނަ ދުވަހު އެވެ. އަދި ރައީސް އޮފީހުން އިންޓަވިއުދެއްވާފައިވަނީ ހަވަނަ ދުވަހު އެވެ.
ގާސިމު ވިދާޅުވީ 99 އަހަރަށް މުއްދަތު އިތުރު ކުރުމަށް ހުށަހެޅުމުން ސަރުކާރުން އިތުރަށް ކޮށްދެވޭނެ ކަމެއް އޮތްތޯ ސުވާލު ކޮށްފައިވާ ކަމަށާއި އެކަމާއި ގުޅިގެން ބައިނަލު އަގުވާމީ ފްލައިޓުތައް އޮޕަރޭޓް ކުރުމަށް ހުއްދަދީފި ނަމަ ލިބޭ ފައިދާގެ 15 އިންސައްތަ ސަރުކާރަށް ދެއްކުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި ވަރަށް އަވަހަށް ޕްރޮޕޯސަލް ހުށައަޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ