އެމެރިކާ ރައީސްގެ ސޮޔަކީ އެއްވެސް އަގެއް ހުރި އެއްޗެއް ނޫން: އީރާނުގެ ރޫހާނީ ލީޑަރު
އެމެރިކާއިން އީރާނާއެކު ވެފައިވާ އެއްބަސްވުންތަކާ ތަކުރާރުކޮށް ޚިލާފުވަމުންދާ ދިއުމަކީ، އެމެރިކާގެ ރައީސްގެ ސޮޔަކީ "އެއްވެސް އަގެއް އަދި ބުރަދަނެއް ހުރި އެއްޗެއް ނޫން" ކަން ސާބިތުކޮށްދޭ ކަމެއް ކަމަށް އީރާނުގެ ރޫހާނީ ލީޑަރު މުޖުތަބާ ޚާމަނާއީ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އީރާނުގެ ދައުލަތުގެ ބްރޯޑްކާސްޓަރު، އައިއާރުއައިބީ މެދުވެރިކޮށް އާންމުކުރި ލިޔުމަކުން ނެރުއްވި ބަޔާނެއްގައެވެ. މިއީ މިއަހަރުގެ މާޗު މަހު އީރާނުގެ ރޫހާނީ ލީޑަރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު، އެމެރިކާގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ އޭނާ ނެރުއްވި އެންމެ ވަރުގަދަ އެއް ބަޔާނެވެ. މި ބަޔާން ނެރެފައި މިވަނީ، ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި މީގެ މަހެއްހާ ދުވަސް ކުރިން އެމެރިކާއާއި އީރާނާ ދެމެދު ސޮއިކުރި ވަގުތީ އެއްބަސްވުމަށް އަމަލުކުރުން ހުއްޓާލާފައިވާ ކަމަށް އީރާނުން ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ. މުޖުތަބާ ޚާމަނާއީ ވިދާޅުވި ގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އެއްބަސްވުންތަކާ ޚިލާފުވުމަކީ އެ ގައުމަށް އިތުބާރު ނުކުރެވޭނެކަމުގެ ސާފު ހެއްކެކެވެ. ޖޫން މަހުގެ ފަހުކޮޅު ހޮރުމުޒް ކަނޑުއޮޅީގައި ހިނގި ހާދިސާތަކަށްފަހު ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެމެރިކާގެ އަމަލުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން، ރޫހާނީ ލީޑަރުގެ ބަޔާނުގައި ފާހަގަކުރައްވާފައި ވަނީ އެމެރިކާއިން މިހާރު ވަނީ އެ ގައުމުގެ "ސުލްހައިގެ އަސްލު ސިފަ" ހާމަކޮށްފައި ކަމަށެވެ. އަދި އެއާއެކު އެމެރިކާގެ "މަކަރުވެރިކަމާއި، ގަބޫލުނުކުރެވޭ ފަދަ އަމަލުތަކާއި، އިތުބާރު ނުކުރެވޭ ގޮތްތަކުގެ އިތުރުން ނުބައިކަން" މުޅި ދުނިޔެއަށް ހާމަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ގަދަބާރުން ކަންކަން ކުރުމާއި އަނިޔާވެރިކަމަކީ އެމެރިކާގެ ސިޔާސަތުން ވަކިނުކުރެވޭނެ ސިފަތަކެއް ކަމަށާއި، އެމެރިކާއަކީ އަބަދު ވެސް އެހެން ގައުމުތަކުގެ މައްޗަށް ބާރުފޯރުވަން މަސައްކަތްކުރާ ގައުމެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. ކުރިއަށް އޮތް ތަނުގައި އެމެރިކާއިން ދޭ ހަމަލާތަކަށް ރައްދުދޭނެކަމުގެ އިންޒާރު ދެއްވަމުން މުޖުތަބާ ޚާމަނާއީ ވިދާޅުވީ، "އީރާނުގެ ގަދަރުވެރި ރައްޔިތުންގެ" ކިބައިގައި އެމެރިކާއަށް ދަސްކޮށްދޭނެ ހަނދާން ނުނެތޭނެ ފިލާވަޅުތަކެއް އެބަހުރި ކަމަށެވެ. މިކަމުގެ މިސާލެއްގެ ގޮތުން އޭނާ ދެއްކެވީ ފަހަކަށް އައިސް އީރާނުގެ ދެކުނުގެ ސަރަހައްދުތަކުގެ ރައްޔިތުން ދައްކަމުންދާ ހިތްވަރާއި ސާބިތުކަމެވެ. އެ ސަރަހައްދުތަކަކީ އެމެރިކާގެ އަސްކަރީ ހަރަކާތްތަކާ ގުޅިގެން އެންމެ ބޮޑަށް ނުރައްކާ ކުރިމަތިވެފައިވާ ސަރަހައްދުތަކަށް ވާއިރު، އެ ރައްޔިތުންގެ ފަރާތުން ފެންނަނީ ދުޝްމަނުންގެ ކުރިމަތީގައި އީރާނުން ފަހަތަށް ނުޖެހޭނެކަމުގެ ހެކި ކަމަށް އޭނާ ސިފަކުރެއްވިއެވެ. ގައުމުގެ އެތެރޭގެ މަސްރަހާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން، ރޫހާނީ ލީޑަރު އެންމެ ބޮޑަށް ބާރުއެޅުއްވީ އެއްބައިވަންތަކަން ދެމެހެއްޓުމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި ވަގުތު އީރާނަށް އޮތް އެންމެ ބޮޑު އެއް އިސްކަމަކީ މުޖުތަމައުއާއި ސަރުކާރުގެ ތެރޭގައި "އެއް އަމާޒެއްގައި އެއްބައިވަންތަކަން ދެމެހެއްޓުން" ކަމަށެވެ. ބޭރުގެ ފަރާތްތަކުން އީރާނަށް އަމާޒުކޮށްގެން ހިންގާ ހަރަކާތްތަކާ ކުރިމަތިލުމަށްޓަކައި، ބައިބައިވުންތަކާއި، އެތެރޭގެ ކޯޅުންތަކުގެ އިތުރުން ސިޔާސީ ދެބަސްވުންތަކުން ދުރުހެލިވުމަކީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މުޖުތަބާ ޚާމަނާއީ މިފަދަ ބަޔާނެއް ނެރުއްވާފައިވާއިރު، އެމެރިކާއާއި އީރާނާ ދެމެދު ވަނީ އަނެއްކާ ވެސް ހަމަލާތައް ބަދަލުކުރަން ފަށާފައެވެ. އެގޮތުން އެމެރިކާގެ އަސްކަރީ އަމާޒުތަކަށާއި އީރާނުގެ އުމްރާނީ ތަންތަނަށް ދެ ފަރާތުން ހަމަލާދީފައިވާއިރު، ދެ ގައުމުގެ ދެމެދުގައި ގާއިމުކުރި ވަގުތީ ސުލްހައިގެ އެއްބަސްވުން މިހާރު ވަނީ މެދުކަނޑާލާފައެވެ. މި ހަމަލާތަކާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި ރަސްމީކޮށް މަޝްވަރާތައް ކުރިއަށް ނުގެންދާ ކަމަށް އީރާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ