2008 ވަނަ އަހަރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހއ ދިއްދޫއަށް ވަޑައިގަތުމުން އެ ރަށުގައި ހަމަނުޖެހުން ހިންގި ކަމަށް ބުނެ 6 މީހެއްގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ދައުވާކޮށްފި އެވެ.
މި 6 މީހުންގެ މައްޗަށް ވެސް ކުރަނީ ޣައިރުގާނޫނީ އެއްވުމެއްގައި ބައިވެރިވުމާއި ޣައިރު ގާނޫނީ އެއްވުމަކުން އަމަން ނަގާލުމުގެ ކުށުގެ ދައުވާ އެވެ. ނަމަވެސް ދައުލަތުން ކުރި މި ދައުވާއަށް މިއަދު އެންމެން ވެސް ވަނީ އިންކާރުކޮށްފައެވެ. އަދި ވަކީލަކު އައްޔަންކުރުމުގެ ފުރުސަތަށް އެމީހުން ވަނީ އެދިފައެވެ.
ދައުލަތުން މިއަދު ދައުވާކޮށްފައިވަނީ ހއ. ދިއްދޫ އޯޓަމް ވާދީ ތިން މީހުން ކަމަށްވާ ދިއްދޫ ކައުންސިލް މެންބަރު އަބްދުﷲ ވަހީދު އާއި އޭނާގެ ދެކޮއްކޮ އުބައިދުﷲ ސާއީދާއި އަލީ ހާޝިމްގެ އިތުރުން އެ ރަށު ނޫރާނީވިލާ، ފަރުހާދު އަބޫބަކުރާއި ހަމައެގޭ ފަސީހު އަބޫބަކުރާއި މުހައްމަދު އަބޫބަކުރުގެ މައްޗަށެވެ.
މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ޖެނުއަރީ 6، 2008 ވަނަ ދުވަހު އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް ދިއްދު އަށް ވަޑައިގަތް ދުވަހު އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް ޓަކައި އެ ދުވަހު ދިއްދޫ އިރުމަތީ ފަރާތު އަތިރިމައްޗަށް ގިނަ އަދަދެއްގެ ރައްޔިތުން އެއްވެފައި ވަނިކޮށް އެތަނުގެ ސެކިއުރިޓީ ބަލަހައްޓަން ތިބި ފުލުހުންނާއި އެ މީހުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމަށެވެ.
ފުލުހުންނާއި، ދައުވާ ލިބޭ މީހުންނާ މެދު ހިނގި ހަމަނުޖެހުމެއްގައި އަބްދުﷲ ވަހީދާއި އުބައިދުﷲ ސައީދު ހައްޔަރުކުރަން އުޅުމުން އެ މީހުން އެކަމަށް ހުރަސް އަޅާފައިވާ ކަމަށާއި އޭގެ ތެރެއިން ފަސީހު އަބޫބަކުރު ފުލުހެއްގެ ލޯމަތީގައި ޖަހާފައިވާތީ އާއި ދައުވާ ލިބޭ މީހުން ފުލުހުންގެ މަސައްކަތަށް ހުރަސް އަޅައި ފުލުހުންގެ ޔުނީފޯމުގައި ހިފާ ދަމާފައިވާ ކަމަށެވެ.
މި މައްސަލައިގެ ޝަރީއަތް އަންނަ މަހުގެ 18 ވަނަ ދުވަހު އޮންނާނެ ކަމަށް ގާޒީ ވިދާޅުވުމަށްފަހު އިތުރަށް ވިދާޅުވީ އެދުވަހު ދައުލަތުގެ ފަރާތުންނާއި އެ މީހުންގެ ފަރާތުން ވެސް ހުށަހަޅަން ބޭނުންވާ ހެކި ހުށަހަޅަން ޖެހޭނެ ކަމަށާއި އެދުވަހު ހެކި ހުށަނާޅައިފި އިތުރު ފުރުސަތު ނުދީ މައްސަލަ ކުރިއަށް ގެންދާނެ ކަމަށެވެ.
މައުމޫން ދިއްދޫއަށް ވަޑައިގަތުމުން ހަމަނުޖެހުން ހިންގި ބައެއްގެ މައްޗަށް ދައުވާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ