މައިނާ ހޮޓެލްސް އިން ފަރެހުގައި ހަދާ ރިސޯޓް 2021 ވަނަ އަހަރު ހުޅުވަނީ

ތައިލެންޑުގެ މަޝްހޫރު ހޮޓެލްސް ކުންފުނި، މައިނާ ހޮޓެލް ގުރޫޕުގެ ދަށުން ހިންގާ އަވާނީ ހޮޓެލްސް އެންޑް ރިސޯޓްސް އިން ބ. ފަރެހުގައި ހަދާ ރިސޯޓް 2021 ވަނަ އަހަރަށް ނިމޭނެ ކަމަށް މައިނާ ހޮޓެލްސް އިން ބުނެފި އެވެ.
މައިނާ ހޮޓެލްސްގެ ސީއީއޯ ދިލިޕް ރާޖަކަރިއާއާ ހަވާލާދީ ހޮޓަލިއާ އިންޑިއާގައި ބުނެފައިވަނީ، 2021 ވަނަ އަހަރުގެ ކުރިން އެކުންފުނީގެ އިތުރު ހަތް ޕްރޮޕަޓީއެއް ހުޅުވޭނެކަމުގެ ޔަގީންކަން ޕާޓްނަރުން ދީފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއާއެކު އިތުރު ތިން ގައުމެއްގައި އެކުންފުނީގެ ފުރަތަމަ ޕްރޮޕަޓީ ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ހުޅުވޭނެ ކަމަށް ވިދާޅުވެފައިވެ އެވެ.
"އަވާނީ ފަރެސް މޯލްޑިވްސް ރިސޯޓު"ގެ ނަމުގައި ފަރެހުގައި ތަރައްގީ ކުރާ ރިސޯޓަކީ 70 މިލިއަން އެމެރިކާ ޑޮލަރު ހަރަދުކޮށްގެން ތަރައްގީކުރާ ރިސޯޓެކެވެ.
ދަރަވަންދޫ އެއާޕޯޓުން ސްޕީޑްބޯޓެއްގައި 30 މިނެޓުން އަދި މާލެއިން ސީ ޕްލޭންގައި 45 މިނެޓުން ދެވޭ ފަރެހަކީ 12.4 ހެކްޓަރުގެ ރަށެކެވެ. އެރަށަކީ 2016 ވަނަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީން ވިއްކައިލަން ހުށަހެޅި ރަށްތަކުގެ ތެރެއިން އެންމެ ބޮޑު އަގެއްގައި ވިއްކައިލަން ނިންމި ރަށެކެވެ.
އަވާނީ ހޮޓެލްސް އިން ކުރިން ބުނެފައިވާ ގޮތުން ފަރެސް ތަރައްގީ ކުރަނީ ސްޓޭންޑަޑް ކޮޓަރިތަކާއި ވިލާސްތައް ހިމެނޭ ގޮތަށް 200 ކޮޓަރީގެ ރިސޯޓެއްގެ ގޮތުގަ އެވެ. އެ ރިސޯޓް ފުރަތަމަ ހުޅުވަން ހަމަޖެހިފައި އޮތީ 2019 އަހަރުގެ ފަހުކޮޅު އެވެ. ނަމަވެސް މިހާރު އެ ރިސޯޓް ހުޅުވޭނެ ކަމަށް ލަފާކޮށްފައިވަނީ އަންނަ އަހަރުގެ ފަހުކޮޅު އެވެ.
މިއަހަރުގެ ފަހުކޮޅު އަވާނީގެ އިތުރު ދެ ޕްރޮޕަޓީއެއް ހުޅުވަން ވަނީ ނިންމައިފަ އެވެ. އެއީ ތައިލެންޑުގައި ހުޅުވާ ރިސޯޓަކާއި ޔޫއޭއީގައި ހުޅުވާ ހޮޓަލެކެވެ.
އަންނަ އަހަރުގެ ތެރޭގައި ވިއެޓްނާމް، އޮމާން، ކެންޔާ އަދި ތައިލެންޑުގައި އެކުންފުނީގެ ޕްރޮޕަޓީސްތައް ހުޅުވަން ނިންމައިފައި ވާއިރު 2022 ވަނަ އަހަރު ވިއެޓްނާމުގައި ދެ ޕްރޮޕަޓީއަކާއި މެލޭޝިއާގައި ހޮޓަލެއް ހުޅުވަން ވަނީ ނިންމައިފަ އެވެ. އަދި 2024 ވަނަ އަހަރު މިޔަންމާގައި ވެސް ހޮޓަލެއް ހުޅުވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ