ސީއެސްސީގެ މެމްބަރު ޒަކަރިއްޔާ އިސްތިއުފާ ދެއްވައިފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރު ޒަކަރިއްޔާ ހުސެއިން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ސީއެސްސީގެ މެމްބަރު ކަމުން ޒަކަރިއްޔާ އިސްތިއުފާ ދެއްވާފައި މިވަނީ އޭނާ ހިމެނިވަޑައިގަންނަވާ ގޮތަށް އެ ކޮމިޝަންގެ ހަތަރު މެމްބަރަކު މަގާމުން ވަކިކުރަން ނިންމައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ރިޕޯޓު މަޖިލިހުގެ ތަޅުމަށް ފޮނުވާފައި ވަނިކޮށެވެ. މަޖިލިހުގެ ތަޅުމަށް ރިޕޯޓު ފޮނުވާފައި ވަނިކޮށް، އެ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ވެސް ވަނީ އިސްތިއުފާ ދެއްވައިފައެވެ.
މިދިޔަ މަހުގެ 29 ވަނަ ދުވަހު ބޭއްވި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމެޓީން ވަނީ ސީއެސްސީގެ މެންބަރުކަމުގައި ހުންނެވި ފާތިމަތު އާމިރާ ނޫން ދެން ތިއްބެވި ހުރިހާ މެންބަރުން ވަކި ކުރުމަށް ނިންމައިފައެވެ. އާމިރާ ވަކި ނުކުރަން ނިންމި ނަމަވެސް އާމިރާ ވަކިކުރަން ޖެހޭ ކަމަށް ގިނަ މެންބަރުން ވަރަށް ބޮޑަށް ދިޔައީ ވަކާލާތު ކުރައްވަމުންނެވެ.
މަގާމުން ވަކިކުރަން ކޮމެޓީން ފާސްކުރި ނަންތަކަކީ ޝަމީމާއި ޒަކަރިއްޔާގެ އިތުރުން ކޮމިޝަންގެ ނައިބު ރައީސް ޝާހިދު މުހައްމަދާއި ކޮމިޝަންގެ މެމްބަރު އިބްރާހިން ޝަހީގެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ