ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާގެ މައްޗަށް ސުޕްރީމް ކޯޓުގައި ކޮށްފައިވާ ދައުވާއާ ގުޅިގެން، އެ މައްސަލަ ވަކި ގޮތަކަށް ނިމޭނެ ކަމަށް ދޭހަވާ ގޮތަށް ޑީއާރްޕީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު ވާހަކަ ދައްކަވާފައި ވާތީ އެއްވެސް ފަރާތަކުން އެކަން އެގޮތަށް ނުކުރުމަށް ސުޕްރީމް ކޯޓުން މިއަދު އަންގައިފި އެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ޒެޑް ޑީއާރްޕީން ބޭއްވި ޖަލްސާގައި އުމަރު ދެއްކެވި ވާހަކައާ ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައި ވަނީ "ޝަރީއަތަށް ހުށަހެޅި ހިނގަމުންދާ މައްސަލައެއް ނިންމާނެ ގޮތް ކުރިއަށް ލަފާކޮށް މައްސަލައިގައި ހިމެނޭ ހަސްމަކު ނުވަތަ އެހެންވެސް ފަރާތަކުން ވާހަކަ ދެއްކުމަކީ، ޝަރީއަތަށް ހުށަހެޅިފައިވާ މައްސަލައަކާ މެދު، ޝަރީއަތުގެ ފަރާތުން ގޮތެއް ނިންމުމުގެ ކުރިން ޝަރީއަތަށް ނުފޫޒު ފޯރަފާނެ ނުވަތަ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅިދާނެ އަމަލެއް ކަމަށް" ދެކޭ ކަމަށެވެ.
މުސްތަފާގެ މައްސަލައާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އުމަރު ވަނީ އެމްޑީޕީ އަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސޮއިކުރައްވާއިރު އެމްޑީޕީ އަށް ވެސް ގޮނޑިތަކެއް ގެއްލޭނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ.
"ފުރަތަމަ ގޮނޑި އަކީ ތިމަރަފުށީ ދާއިރާގެ މުސްތަފާގެ ގޮނޑިއޭ. ހަނދުމަފުޅު ހުންނާނެ ސުޕްރީމް ކޯޓުގައި އޮންނާނެ މައްސަލައެއް. އަޅުގަނޑު ލާފައި އޮތް މައްސަލައެއް. އެ މައްސަލަ މިހާރު ވަނީ ނިމި ބަޔާންތަކުގައި ސޮއިކޮށް ހުކުމާ ހަމައަށް އައިސްފައި. އަޅުގަނޑަށް ޔަގީން މުސްތަފާގެ ގޮނޑި ގެއްލޭނެކަން. އެހެންވީމަ އަޅުގަނޑު ދަންނަވާނީ އެއީ ފުރަތަމަ ގޮނޑިއޭ އެމްޑީޕީން ގެއްލޭނެ. ދެވަނަ ގޮނޑި އަކީ ކުޑަކުދިންނާ ބަދު އަހުލާގީ އަމަލު ހިންގި އާދިލްގެ ގޮނޑިއޭ،" އުމަރު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުން ބުނީ ޝަރީއަތަށް ނުފޫޒު ފޯރާފާނެ ނުވަތަ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅިދާނެ ފަދަ ކޮންމެ އަމަލެއް ހުއްޓުވުމަކީ ގާނޫނުއަސާސީގެ ދަށުން އެ ކޯޓަށް ލިބިގެންވާ ދުސްތޫރާއި ގާނޫނުގެ ބެލެނިވެރިކަމުގެ ބާރުގެ ދަށުން މަނާކުރެވެންޖެހޭ ކަންތައްތަކެއް ކަމަށެވެ.
" ... މިނިވަން ޑިމޮކްރަޓިކް ނިޒާމުތަކުގައިވެސް "ސަބް ޖުޑީސް ރޫލް" ގެ ދަށުން މިބާވަތުގެ ވާހަކަތައް އާއްމުންގެ ތެރޭގައި ދެއްކުމަށް ޖާގަ ނުދޭތީ، ކޯޓެއްގައި ބަލަމުންދާ މައްސަލައެއްގައި ހުކުމްކުރާނެ ގޮތަކާ ބެހޭ ގޮތުން ކުރިއަށް ލަފާކުރެވޭ ކަންކަމުގެ ވާހަކަ އާއްމުންގެ ތެރޭގައި ނުދެއްކުމަށް އެންގީމެވެ." ސުޕްރީމް ކޯޓުން ބުނެފައިވެ އެވެ.
އުމަރު ކުރައްވާ ދައުވާގައި ވަނީ ރާއްޖޭގައި ކުރިން ހިންގި ބޭންކް އޮފް ކްރެޑިޓް އެންޑް ކޮމާސް އިންޓަނޭޝަނަލް (ބީސީސީއައި) އިން މުސްތަފާގެ ހިއްސާ އޮންނަ ސީފުޑް އިންޓަނޭޝަލް އިން ނެގި ލޯނުގެ ތެރެއިން އެ ބޭންކް ބަނގުރޫޓުވި އިރު ނުދައްކާ އޮތް 31،231.66 ޑޮލަރު ( 13،26.83 4،0ރ) އަކީ މުސްތަފާ ދައްކަވަން ޖެހޭ ފައިސާއެއް ކަމަށް އޮގަސްޓް ،26 1997 ގައި އޭރުގެ މަދަނީ ކޯޓުން ހުކުމްކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހައި ކޯޓްގައި އިސްތިއުނާފްކުރުމުން ވެސް ދަށު ކޯޓުގެ ހުކުމަށް ތާއީދުކޮށްފައިވާ ކަމަށް ދައުވާގައި ބުނެ އެވެ.
ހުކުމްކުރި ފަހުން އެއިން އެއްވެސް ފައިސާއެއް ދައްކަވާފައި ނުވާނެ ކަމަށް ޝަރީއަތުގެ މަޖިލީހުގައި މުސްތޮފާ ވިދާޅުވެފައިވެ އެވެ.
ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ނ. ގެ އެއް ވަނަ ނަންބަރުގައި ބުނެފައި ވަނީ، އަދާކުރަން ޖެހޭ ސާބިތު ދަރަންޏެއް އޮވެ ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ ނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން އެމީހަކު ވަކިވާނެ ކަމަށެވެ. މެންބަރެއްގެ ގޮނޑިއެއް ހުސްވެއްޖެ ކަމާ މެދު ހިޔާލު ތަފާތުވެއްޖެ ހިނދެއްގައި އެ މައްސަލަ ބަލައި ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް ގާނޫނު އަސާސީގެ 74 ވަނަ މާއްދާގައި ބުނެފައިވެ އެވެ.
ހުކުމްކުރާނެ ގޮތަކާ ބެހޭ ގޮތުން ކުރިއަށް ލަފާކޮށް ވާހަކަ ނުދައްކަން ސުޕްރީމް ކޯޓުން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ