އިދިކޮޅު ޑީއާރުޕީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު، ސަރުކާރު ހިންގާ އެމްޑީޕީ އަށް ރޭ ސޮއިކުރެއްވިޔަސް އެ ޕާޓީ އަށް މަޖިލީހުގެ ސާފު އަޣުލަބިއްޔަތެއް ނުލިބެ އެވެ.
މަޖިލީހުގައި ސިޔާސީ ޕާޓީތަކަށް މެމްބަރުން ބެހިފައިވާ ނިސްބަތަށް ބަލާއިރު އިދިކޮޅު މެމްބަރުންގެ އަދަދު 39 އަށް އަރާއިރު ސީދާ އެމްޑީޕީގައި ހިމެނެނީ އެ ޕާޓީގެ 33 މެމްބަރުންނާއި އެމްޑީޕީއާ ކޯލިޝަން ހަދާފައިވާ އޭދަފުށީ ދާއިރާގެ އަހްމަދު ސަލީމާ އެކު ޖުމްލަ 34 މެންބަރުންނެވެ.
އަދި ބައެއް ފަހަރު ސަރުކާރާ އެއްކޮޅަށް އަނެއް ބައި ފަހަރު އިދިކޮޅު ފަރާތްތަކާ އެއް ގޮތަށް ވޯޓު ދެއްވާ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދާއި މީދޫ ދާއިރާގެ އަހުމަދު ސިޔާމް މުހައްމަދާއި ކާށިދޫ ދާއިރާގެ އިސްމާއީލް އަބްދުލް ހަމީދާއެކު ހިސާބު ހެދުމުން ސަރުކާރަށް 38 ހަމަވެ އެވެ. ނަމަވެސް އެ ބޭފުޅުންގެ ވޯޓު މިހާތަނަށް އެކި ގޮތްގޮތަށް ބުރަވެފައިވާތީ އެއީ ސީދާ އެމްޑީޕީގެ ވިސްނުން ގެންގުޅުއްވާ ބޭފުޅުން ކަމަކަށް ނުބެލެވެ އެވެ.
އިދިކޮޅު ފަރާތްތަކަށް އެމްޑީޕީ އަށް ވުރެ މެމްބަރުންގެ އަދަދު ގިނަވަނީ ޑީއާރުޕީގެ 26 މެމްބަރުންނާއި ޕީއޭގެ ހަތް މެމްބަރުން އަދި ޖުމްހޫރީ ޕާޓީގެ ތިން މެމްބަރުންގެ އިތުރުން ވިލުފުށީ ދާއިރާގެ ގައުމީ ޕާޓީ މެމްބަރު ރިޔާޒް ރަޝީދާއި ގުރައިދޫ ދާއިރާގެ އިބްރާހީމް ރިޒާ އާއި ކުޑަހުވަދޫ ދާއިރާގެ އަހުމަދު އާމިރު ހިމެނުމުންނެވެ.
ރިޔާޒް ރަޝީދާއި އާމިރު މިހާތަނަށް ގިނަ ފަހަރު މަޖިލީހުގައި ވަކާލާތުކުރައްވާ ތަން ފެންނަނީ އިދިކޮޅު ފަރާތްތަކާ އެއްކޮޅަށެވެ. އެހެންވެ އެ ހުރިހާ މެމްބަރުން އެއްކޮށްލުމުން އިދިކޮޅު ފަރާތްތަކަށް 39 މެމްބަރުން ހަމަވެ އެވެ. އެކަމަކު ޖުމްހޫރީ ޕާޓީގެ ތިން މެމްބަރުން އަދި ރިޔާޒް ރަޝީދާއި އާމިރު ވެސް ބައެއް ހާލަތްތަކުގައި ޑީއާރުޕީ/ޕީއޭ ކޯލިޝަން ބޭނުންވާ ގޮތަށް ވޯޓު ނުދެއްވާކަން ފާހަގަކުރެވެ އެވެ.
ނަމަވެސް މަޖިލީހުގެ ގަވާއިދުގައިވާ ގޮތަށް ބަލާއިރު މިހާތަނަށް ޑީއާރުޕީ/ޕީއޭ ކޯލިޝަންގެ މެމްބަރުންނާއެކު ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އަށް އޮތް މެޖޯރިޓީ ލީޑަރުގެ މަގާމު މިހާރު ވަނީ ގެއްލިފަ އެވެ. ޑީއާރުޕީ އާއި ޕީއޭ ކޯލިޝަންގެ މެމްބަރުން އެއްކޮށްލުމުން އެ ކޯލިޝަނަށް 33 މެމްބަރުން ހަމަވާ އިރު، އެމްޑީޕީ ކޯލިޝަންގައި 34 މެމްބަރުން މަޖިލީހުގައި އެބަތިއްބެވެ.
އެހެންވެ މަޖިލީހުގައި މިހާތަނަށް މައިނޯރިޓީ ލީޑަރަކަށް ހުންނެވި އެމްޑީޕީގެ ޕާލަމެންޓްރީ ލީޑަރު ހުޅުހެންވޭރު ދާއިރާގެ ރީކޯ މޫސާ މަނިކަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ލިބިވަޑައިގަންނަވާނެ އެވެ.
މިހާތަނަށް ވެސް މަޖިލީހުގެ އަޣުލަބިއްޔަތު ޑީއާރުޕީ/ޕީއޭ ކޯލިޝަނަށް ލިބިފައި އޮތީ އެ ކޯލިޝަންގައި އެމްޑީޕީ އަށް ވުރެ މެމްބަރުން ގިނަވުމުންނެވެ.
އެމްޑީޕީ އަށް މަޖިލީހުގެ ސާފު އަޣުލަބިއްޔަތެއް އަދި ނުލިބުނު ނަމަވެސް އިތުރު ހަތަރު މެމްބަރަކު އެ ޕާޓީ އަށް ސޮއިކުރައްވައިފި ނަމަ އެ އަޣުލަބިއްޔަތު ލިބޭނެ އެވެ.
އަލީ ވަހީދުގެ ފަހުން ވެސް އިތުރު އެހެން މެމްބަރުންތަކެއް އެމްޑީޕީ އަށް ސޮއިކުރައްވާނެ ކަމުގެ އަޑުތައް މިހާރު ވެސް ގަދަވެފައިވުމުން އެކަން ހާސިލްކުރަން މާ ގިނަ ދުވަސް ނުނަގާނެ ކަމަށް ސިޔާސީ ފަރާތްތަކުން ނުދެކެ އެވެ.
އަލީ ވަހީދު އެމްޑީޕީ އަށް ސޮއިކުރެއްވިޔަސް ސާފު އަޣުލަބިއްޔަތެއް ނުލިބޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ