އަންނަ އަހަރުގެ ޖެނުއަރީ އެކެއްގެ ފަހުން މަދަނައިގެ 100،000ރ. ގެ ބޭސްފަރުވާ ޔަގީން ނުވާ "ހަމައެކަކު ވެސް" ރާއްޖޭގައި ނުހުންނާނެ ކަމަށް ރައީސް މުހަންމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
އާޓިފިޝަލް ބީޗުގައި ރޭ އެމްޑީޕީން ބޭއްވި ހާއްސަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ވިދާޅުވީ ބޭސް ސިޓީ އަށް ސަލާން ޖަހާ މީހުންގެ އަދަދު މިހާރު ވަރަށް ސާފު ކަމަށާއި ބޭސް ސިޓީ އަށް ސަލާން ޖެހުން ނައްތާލުމަށް ސަރުކާރުން ވީ ވައުދު ފުރިހަމަ ކުރެވިފައިވާ ކަމަށެވެ. އަދި ހެލްތު އިންޝުއަރަންސް ސްކީމުގެ ދަށުން ރައްޔިތުންނަށް ލިބެން ޖެހޭ އެއްލައްކަ ރުފިޔާގެ ބޭސް ފަރުވާގެ ހިދުމަތް އަންނަ އަހަރުގެ ޖެނުއަރީ މަހު އެއްވަނަ ދުވަހުން ފެށިގެން، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލިބޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ސަރުކާރުގެ ފަސް ވައުދަށް އަލިއަޅުވާލައްވައި ރައީސް ދެއްކެވި އެ ވާހަކަފުޅުގައި ވިދާޅުވީ ސަރުކާރުގެ އިންޝުއަރެންސް ސްކީމް، މަދަނައިގައި މިހާރު ވެސް 60،000-70،000 މީހުން ބައިވެރިވެފައިވާ ކަމަށެވެ. ނަމަވެސް އެއީ އަދި ހިތްޕުޅުހަމަޖެހިވަޑައިގެންނަވާ އަދަދެއް ނޫން ކަމަށާއި ސަރުކާރުގެ ވިސްނުމަކީ އަންނަ އަހަރު ރާއްޖޭގެ ހުރިހާ ރައްޔިތުން ހެލްތު އިންޝުއަރެންސް ސްކީމެއްގައި ބައިވެރިކުރުން ކަމުގައި ރައީސް ވިދާޅުވި އެވެ.
ސަރުކާރަށް ތާއީދުކުރާ ގިނަ ބަޔަކު ޖަމާވި އެ ޖަލްސާގައި ރައީސް ވިދާޅުވީ " 2013 ވަނަ އަހަރަށް އަޅުގަނޑުމެން ދާއިރު ބޭސް ސިޓީ ހިފައިގެން ދާނެ އެކަކު ވެސް ނުހުންނާނެ" ކަމަށެވެ.
"މަދަނައިގައި ރަޖިސްޓްރީ ނުވާ ނުވަތަ ހެލްތު އިންޝުއަރެންސްގެ ދަށުން ހިދުމަތް ނުލިބޭ، އެއްލައްކަ ރުފިޔާގެ ބޭސް ފަރުވާ ޔަގީން ނުވާ އެއްވެސް ރައްޔިތެއް އިރާދަކުރެއްވިއްޔާ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ނުހުންނާނެ. ހަމައެއާ އެކުގައި ހުރިހާ ރައްޔިތުންގެ ސިއްހީ ފަރުވާ ދެވޭނެ ގޮތް ހަމަޖެހުނީމާ ހޮސްޕިޓަލުތަކުގެ ފެންވަރު ރަނގަޅުވެގެންދާނެ. އޭގެ އެންމެ ސަބަބަކީ ހޮސްޕިޓަލުތަކުން ނެގޭ އަގު އެއީ އެތަނުގެ ވިޔަފާރީގެ ހަމައަގު ގެ ގޮތުގައި ހަމަޖެހުން. އޭރުން ރައްޔިތުންނަށް ލިބޭނެ ބުރައެއް ވެސް ވަކި އިތުރަކަށް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރުން އެދޭ ފުރިހަމަ ބަދަލާއި އުއްމީދު ކުރާ ފެންވަރުގައި އަދިވެސް ރައްޔިތުންނަށް ސިއްހީ ހިދުމަތެއް ނުދެވެ އެވެ. އަދި އޭގެ ފަހަތުގައި ގިނަ ސަބަބުތަކެއް ހުރި ކަމަށާއި ނަމަވެސް ހޮސްޕިޓަލުތަކަކީ ވިޔަފާރީގެ ގޮތުން ދެކޮޅު ޖެހޭ އަގު ނަގާ ތަންތަނަށް ހެދިއްޖެ ނަމަ ރައްޔިތުންގެ ސިއްހީ ހިދުމަތުގެ ފެންވަރު ކިތަންމެ ތަނެއް ރަނގަޅުވެގެންދާނެކަން ރައީސް ފާހަގަ ކުރެއްވި އެވެ.
އެމްޑީޕީ ސަރުކާރުގެ ވެރިކަމުގައި ދެ އަހަރާއި ބައި ފާއިތުވެގެން ދިޔައިރު، ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް އެންމެ ފުރިހަމަ ގޮތުގައި ފުއްދައިދެވޭނެ ކަމާމެދު ކުޑަވެސް ޝައްކެއް ނުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ސަރުކާރުން ވީ ފަސް ވައުދު މިހާރު ވެސް ފުއްދިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ އެ ވައުދުތައް އިތުރަށް ފުރިހަމަ ކުރުމުގެ މަސައްކަތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެކަމަކު އެއް ވައުދެއް އެބައޮތް އަޅުގަނޑުމެންނަށް އެންމެ ރަނގަޅަށް ނުފުއްދި. އެއީ މުދަލާއި ހިދުމަތުގެ އަގު އަތްފޯރާ ފަށަށް ގެނައުން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ "މުދަލާއި ހިދުމަތުގެ އަގުތައް އަތްފޯރާ ފަށަށް ގެނައުން" ދެގޮތަކަށް މާނަ ކުރެވިދާނެ ކަމަށާއި އެއްގޮތަކީ ތަކެތީގެ އަގުހެޔޮކުރުން ކަމަށާއި އަނެއް ގޮތަކީ އާމްދަނީ އިތުރުކުރުން ކަމަށެވެ. އަދި މި ހަގީގަތަށް ބިނާކޮށް އަޅުގަނޑުމެންގެ ސިޔާސަތަށާއި ވިސްނުމަށް ކުޑަބަދަލެއް ގެންނަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. ބޯހިޔާވަހިކަމުގެ ވައުދަށް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވި ގޮތުގައި ތަރައްގީގެ ނާރެހަކީ ރަނގަޅު ގެއެއް ކަމާއި ބޯހިޔާވަހި ކަމަށް "ރަނގަޅަށް ހިނގާ ގެއެއް" ހޯދައިދިނުމަކީ ތަރައްގީ އަށް ކޮންމެހެން ވެސް ބޭނުންތެރި ކަމެކެވެ. ސަރުކާރުގެ ވައުދަކީ ފަސް އަހަރުގެ ތެރޭގައި 10،000ގެ އަޅައިދިނުން ކަމަށާއި ނަމަވެސް ދައުރު ދެބައިވިއިރު އަށް ހާސް ގޭގެ ކޮންޓްރެކްޓުގައި ސޮއިކޮށް، 2،500 ގޭގެ އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް މިހާރު ފެށިފައިވާ ކަން ރައީސް ފާހަގަ ކުރެއްވި އެވެ.
"އަޅުގަނޑުމެންގެ ވިސްނުން ހުރީ ރަށުގެ ގޮނޑުދޮށުން ބޭރުވެ، ރަށުގެ ފަށަލައިން ބޭރުވެ، އަތޮޅު ގުޅިން ބޭރުވެ އަދި ރާއްޖޭގެ އަސްކަނިން ބޭރުވުން،" ސަރުކާރުގެ ދަތުރުފަތުރުގެ ނިޒާމަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވި އެވެ. "ދަތުރުފަތުރުކުރުމުގެ ނިޒާމެއްގެ އެންމެ ފުރިހަމަ މަރުހަލާގައި ހިނގަންޖެހޭ ކަންތައްތައް މިހާރު އަންނަނީ ހިނގަމުން."
ރައީސް ވިދާޅުވީ ރާއްޖޭގެ އާބާދީގެ 15 ޕަސެންޓް މީހުން ކޮންމެ ދުވަހަކު ވެސް ދަތުރަށް އަރާ ކަމަށާއި މިއީ ތަރައްގީވަމުން އަންނަ ގައުމެއްގެ ހިސާބުގެ ނިސްބަތް ކަމަށެވެ.
ރާއްޖޭގައި ހަލުއިކަމާ އެކު ފެތުރެމުން އަންނަ އެންމެ ބޮޑު ވަބާ ކަމަށްވާ، މަސްތުވާތަކެތީގެ މައްސަލަ އަށް ވެސް ހައްލުތަކެއް ގެނެވިފައިވާ ކަން ރައީސް ވަނީ ފާހަގަ ކުރައްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި އެންމެ ފުޅާކޮށް މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ހޯދައި، ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ރަށްތަކުގެ މަގުތައް މަތީގައި، މަސްތުވާތަކެތި ބޭނުންކޮށްގެން ބިތްޖެހިފައިވާ ޒުވާނުން މިހާރު ނުފެންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މިއަދު ރާއްޖޭގެ ރަށްރަށުގެ ޒުވާނުން ފިކުރުކުރަމުން އަންނަނީ ހުނަރުވެރިކަން ދަސްކުރުމުގެ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ފޯމުފުރާނެ ގޮތާމެދު. ހުނަރުވެރިކަން ދަސްކޮށްދިނުމަށް ސަރުކާރުން 8،500 ޒުވާނުންނަށް ތަމްރީނު ދޭން ފަށާއިރު އަންނަ އަހަރުގެ މެދުތެރޭގައި އެ މަސައްކަތް ނިމޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މަސްވެރިކަން ދަށްވެ ބާނާ މަހުގެ އަދަދު ދަށްވި ނަމަވެސް މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވެފައިވާ ކަމަށެވެ. ކުރިން 5ރ. އަށް ވިއްކި މަސް ކިލޯއެއްގެ އަގު ގދ. ތިނަދޫގައި އިހަށް ދުވަހު 30ރ. އަށް ވިއްކަމުން ދިޔަ ކަމަށާއި މަސްވެރިއަކަށް މިހާރު މަހަކު 10،000ރ. ގެ އާމްދަނީއެއް ލިބެމުންދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އަންނަ ޖެނުއަރީ 1ގެ ފަހުން ހެލްތު އިންޝުއަރެންސް ޔަގީން ނުވާ އެކަކު ވެސް ނުހުންނާނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ