އުސް ފަސްގަނޑުގެ މައްސަލައިގެ އަމުރު ސުޕްރީމް ކޯޓްގައި މިއަދު އިސްތިއުނާފުކުރާނަން: މޭޔަރު

އުސް ފަސްގަނޑުގެ އިސްތިއުނާފުގެ މައްސަލާގައި ވަކި ގޮތެއް ނިމެންދެން އެ ބިމުގެ އެއްވެސް މުއާމަލާތެއް ނުހިންގައި، ފުލުހުންގެ ބެލުމުގެ ދަށުގައި އެތަން ބޭއްވުމަށް ހައި ކޯޓުން އިއްޔެ ކުރި އަމުރު ސުޕްރީމް ކޯޓުގައި މިއަދު އިސްތިއުނާފުކުރާނެ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު މައިޒާން އަލިމަނިކު ވިދާޅުވެއްޖެ އެވެ. ހައި ކޯޓުގެ އަމުރާ ގުޅިގެން ފުލުހުން އުސް ފަސްގަނޑު ބަންދުކޮށްފައި އޮތުމުން، އެ ސަރަހައްދާ ކައިރިިން ބޮޑުތަކުރުފާނުމަގުގައި ރޭ ބޭއްވި އެމްޑީޕީގެ އެއްވުމުގައި އަލިމަނިކު ވިދާޅުވީ މާލޭ ސިޓީގެ މަގުތަކަކީ ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާ ތަންތަން ކަމަށާއި "އެއް ތަނެއް ނަގާއިރަށް އަޅުގަނޑުމެން އަނެއް ތަނަށް ޖެހިލާނަން" ކަމަށެވެ. "މިތަން މާދަމާ އަތުލާއިރަށް އަޅުގަނޑުމެން ހުއްދަ ދޭނަން އެހެން ދިމާލަކަށް. އެއީ ތިޔަ ލޮބުވެތި ރައްޔިތުންނަށްޓަކައި. މި ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނަށްޓަކައި. އަޅުގަނޑު ބޭނުމެއް ނުވޭ ރާއްޖޭގެ ރައްޔިތުން ހަލާކުވެގެންދާކަށް،" ސުނާމީ ބިނާއާ ދިމާލުން އުސް ފަސްގަނޑު ނިމޭކޮޅުގައި ކޮޅަށް ހުންނަވައި ވާހަކަ ދައްކަވަމުން އަލިމަނިކު ވިދާޅުވި އެވެ. "އަޅުގަނޑުމެން ސިޓީ ކައުންސިލުން މި މަސައްކަތް ކުރަނީ އެއްގޮތަކަށް ވެސް އެމްޑީޕީ ބަލައިގެންނެއް ނޫން. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އަޅުގަނޑުމެންގެ ފިކުރާއި ރާއްޖޭގެ ސަލާމަތާއި ކަރާމަތްތެރިކަން ދެމެހެއްޓުމަށް ބޭނުންވާތީ. ތިޔަ ހުރިހާ ރައްޔިތުން މިތާ އެއްވެ މިރޭ ތިތިބީ އެ ޝުއޫރާ އެކުގައި، އެ ފިކުރާ އެކުގައި." ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެއްވުމުގައި އަލިމަނިކު ވިދާޅުވީ "ބަޣާވާތްކުރި" މީހުންނާ އެކު މި ރާއްޖެ އަބަދަށް ބާއްވުމަށް ބޭނުންނުވާ ކަމަށާއި އެމްޑީޕީގެ ވެރިކަން ބަދަލުވީއްސުރެ، އުސްފަސްގަނޑުންނާއި މަގުމަތިން މަސައްކަތް މިކުރަމުން މި އަންނަނީ ބަޣާވަތްކުރި މީހުން އަތުން ރާއްޖެ ސަލާމަތްކޮށް، ރާއްޖެ ރައްޔިތުންނާ ހަމައަށް ގެންދިއުމަށް ކަމަށެވެ. އަދި މާލޭ ސިޓީ ކައުންސިލުން ވެސް މަސައްކަތްކުރަމުންދަނީ ކަންކަން އިންސާފުގެ މަގަށް ގެނެސް، "ރީތި މާހައުލެއްގައި އަޅުގަނޑުމެންގެ ވެރިކަން ދަމަހަށްޓާނޭ ދުވަސް ދައްކައިދެވޭތޯ" ކަމަށް އަލިމަނިކު ވިދާޅުވި އެވެ. އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ހިންގަމުންދާ އުސް ފަސްގަނޑު ހަފުތާއެއްގެ ތެރޭގައި ހައުސިން މިނިސްޓްރީއާ ހަވާލުކުރުމަށް ސިވިލް ކޯޓުން މިދިޔަ ފަހުތާގައި ކުރި ހުކުމުގެ މުއްދަތު އިއްޔެ ވަނީ ހަމަވެފަ އެވެ. ސިވިލް ކޯޓުން ކުރި ހުކުމާ މެދު ހިތްހަމަނުޖެހިގެން މާލޭ ސިޓީ ކައުންސިލުން އިސްތިއުނާފްކޮށްފައިވީ ނަމަވެސް އެ މައްސަލާގައި ކޯޓުން އަދި ވަކިގޮތެއް ނުނިންމަ އެވެ. ހައި ކޯޓުން އިއްޔެ އަމުރު ނެރުނީ އުސް ފަސްގަނޑުގެ އިސްތިއުނާފުގެ މައްސަލާގައި ވަކި ގޮތެއް ނިމެންދެން އެ ބިމުގެ އެއްވެސް މުއާމަލާތެއް ނުހިންގައި، ފުލުހުންގެ ބެލުމުގެ ދަށުގައި ބޭއްވުމަށެވެ. ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ހައުސިން މިނިސްޓްރީން މާލޭ ސިޓީ ކައުންސިލާ ހަވާލުކުރި ބިން ބޭނުންކުރަމުން ދަނީ، ބިން ހަވާލުކުރި އެއްބަސްވުމާއި ބިން ބޭނުންކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލޭންޑްޔޫސް ޕްލޭނާ ވެސް ހިލާފަށެވެ. އަދި ހައުސިން މިނިސްޓްރީގެ ހުއްދައެއް ނެތި އުސް ފަސްގަނޑު ކައުންސިލުން ބެލެހެއްޓުމާއި އެތަން ބޭނުންކުރުމަށް އެހެން ފަރާތަކަށް ދޫކުރުމުގެ އެއްވެސް ހައިސިއްޔަތެއް ކައުންސިލަށް ލިބިގެން ނުވާ ކަމަށް އެ ހުކުމުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ