ފެބްރުއަރީ ހަތް ވަނަ ދުވަހު ކޯޓަށް ހާޒިރުވާން މެމްބަރު އިބްރާހިމް ރަޝީދަށް ޗިޓް ފޮނުވައިފި

ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އަންނަ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ކޯޓަށް ހާޒިރުވުމަށް އަންގައި ކްރިމިނަލް ކޯޓުން އޭނާ އަށް ޗިޓް ފޮނުވައިފި އެވެ. މެމްބަރު އިބްރާހިމް ރަޝީދު ކޯޓަށް ހާޒިރުވާން ޗިޓް ފޮނުވީ ފުލުހަކަށް ހަމަލާދިން ކަމަށް ބުނެ އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއާ ގުޅިގެންނެވެ. އެ ދައުވާކުރަނީ މިދިޔަ ޖުލައި މަހުގެ ދުވަހެއްގައި އެމްޑީޕީ އަށް ތާއީދުކުރާ ބަޔަކު ބޭއްވި ސައިކަލު ބުރެއް ފުލުހުން ހުއްޓުވުމުން ހިންގި ހަމަނުޖެހުމެއްގައި ފުލުހަކަށް ހަމަލާދިން ކަމަށް ބުނެ އެވެ. ނަމަވެސް އިބްރާހިމް ރަޝީދު އެކަމަށް އިންކާރު ކުރައްވަ އެވެ. އިބްރާހިމް ރަޝީދުގެ މައްޗަށް ކުރާ އެ ދައުވާގެ އަޑުއެހުމެއް މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ވެސް ބޭއްވި އެވެ. އެ އަޑުއެހުމުގައި ވަކީލެއްގެ ފުރުސަތަށް އޭނާ އެދިވަޑައިގަތުމުން އެ ފުރުސަތު ކޯޓުން ވަނީ ދީފަ އެވެ. އެ ދުވަހުގެ އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވެފައި ވަނީ އެ މައްސަލައިގެ ދެން އޮންނަ އަޑުއެހުމަކަށް ހާޒިރުވާންޖެހޭނީ ވަކީލަކާ އެކު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ