ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނީ ޕާޓީގައި 30،000 މެންބަރުން ތިބެގެން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މ. ކުނޫޒުގައި ރޭ ބޭއްވި އެ ޕާޓީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް 30،000 މެންބަރުން ހަމަ ކުރުމަކީ އުނދަގޫ ކަމެއް ނޫން ކަމަށާއި މެންބަރުންގެ މަސައްކަތުން އެ އަމާޒަށް ވާސިލުވެވޭނެ ކަމަށެވެ.
"ކޮންމެ މެންބަރަކު އިތުރަށް މެންބަރަކު ހޯދިޔަސް އެކަން ވާނެ. އެއީކީ މާ އުނދަގޫ ކަމެއް ނޫން. އެމަސައްކަތް މިހާރު އަޅުގަނޑުމެން ފަށާނަން،" ގާސިމް ވިދާޅުވި އެވެ. އަދި ވިދާޅުވީ މެންބަރުން އިތުރުކުރުމުގެ ޕްރޮގްރާމްގެ ދަށުން މިއަންނަ ޖެނުއަރީ މަހުގެ ތެރޭގައި ވެސް އަތޮޅުތަކުގެ ބައެއް ރަށްތަކަށް ކެމްޕެއިން ދަތުރުތަކެއް ޕާޓީން ކުރާނެ ކަމަށާއި، އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު 16000 އަށް އަރާފައިވާ ކަމަށެވެ. ޖުމްހޫރީ ޕާޓީގެ މެންބަރުންގެ ގޮތުގައި އިލެކްޝަންސް ދަފުތަރުން މިހާރު ދައްކާ ރަސްމީ އަދަދަކީ 11154 އެވެ.
އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ސިޔާސީ ޕާޓީތަކާ ބެހޭ ބިލް ފާސްވުމުން އެ ބިލަށް ތައުރީފު ކުރައްވައި ގާސިމް ވިދާޅުވީ ސިޔާސީ ޕާޓީ ތަކުގެ ހަޔާތުގައި އިއްޔެ އަކީ ވަރަށް މުހިންމު ދުވަހެއް ކަމަށާއި، 10000 މެންބަރުން ހަމަނުވާ ސިޔާސީ ޕާޓީތަށް އުވާލުމަށް ރައްޔިތުންގެ މަޖުލީހުން ފާސްކުރި ބިލް އަވަސް މުއްދަތެއްގައި ރައީސުލް ޖުމްހޫރިއްޔާ ތަސްދީގު ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ރިޔާސީ ރޭހަށް ނުކުންނައިރު ޖުމްހޫރީ ޕާޓީގައި 30000 މެންބަރުން ތިބޭނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ