ގައުމު ސަލާމަތް ވާނީ ޔާމީނަށް ވޯޓް ދެއްވައިގެން: ގާސިމް

މި ގައުމު ސަލާމަތްކުރެވެން މިހާރު އޮތް ހަމައެކަނި އިހްތިޔާރަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ވޯޓްދިނުން ކަމަށާ އެކަން އެގޮތަށް ނުކޮށްފިނަމަ މިގައުމު ސަލާމަތްނުކުރެވޭނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްއާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިރޭ ބޭއްވި ކެންޕޭން ރެލީގައި ވާހަކަފުޅު ދައްކަވަމުން ގާސިމް އިބްރާހީމް ވިދާޅުވީ މިމަހުގެ 16 ވަނަ ދުވަހަކީ ދިވެހި ރައްޔިތުން ވަރަށްވެސް މުހިއްމު ނިންމުމެއް ނިންމަންޖެހޭ ދުވަހެއް ކަމަށެވެ.
އެދުވަހު ދިވެހިން ވޯޓްލާން ނިކުންނަނީ ދިވެހި ގައުމުގެ މިނިވަންކަމާއި އިސްތިގްލާލް ހިމާޔަތްކޮށް ދިވެހިން ގަބޫލުކޮށްގެން ތިބި އިސްލާމްދީން ހިމާޔަތްކުރުމަށް ކަމަށާ އެކަންކަން އެގޮތުގައި ދެމެހެއްޓޭނީ ޔާމީންނާއި ޖަމީލަށް ވޯޓް ދީގެން ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ދިވެހި ފުލުހުންނާއި ސިފައިންނާއި ޝަރުޢީ ނިޒާމްގެ ހިމާޔަތުގައި މިއަދު ތެދުވާންޖެހިފައިވާ ކަމަށާ ވާދަވެރިން ތިބީ މި މުއައްސަސާތައް ނައްތާލަން ތައްޔާރުވެގެން ކަމަށެވެ. ގައުމުގެ ހާލަތު މިއަދު އޮތީ ވަރަށް ދަށު ދަރަޖައިގައި ކަމަށާ މިގައުމު މިއަދު އޮތް ހާލަތުން ނަގާ ކޮޅަށްޖެހޭނެ ހަމައެކަނި ކެންޑިޑޭޓަކީ މިވަގުތު ޔާމީން ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޔާމީނަކީ ތަޖުރިބާހުރި ބޭފުޅެއް ކަމަށާ ޔާމީންގެ ފަހަތްޕުޅުގައި ތިބީވެސް ވަރަށް ގާބިލް ތަޖުރިބާކާރު ބޭފުޅުންކަމުން މިއަދު ޔާމީންނަށް ތާއީދުކުރަން މަޖުބޫރު ކަމަށެވެ.
ގާސިމް ވިދާޅުވީ މިގައުމުގެ ހަރުމުދާތައް ހިމާޔަތްކުރޭވޭނެ ވެރިއަކު ނޫނީ އިހްތިޔާރުކޮށްގެން ނުވާނެ ކަމަށާ ޔާމީންއާއި އެމަނިކުފާނާއި ގުޅިފައިވާ ފަރާތްތަކުން އެކަންކަން ކުރާނެކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ.
ނަޝީދަކީ މިގައުމު ހަރުމުދާތަކަށް ރައްކާތެރިވާނެ މީހެއް ނޫން ކަމަށާ ވެރިކަމުގެ ތިން އަހަރުގައި ރައްޔިތުން އެ ހިތި ތަޖުރިބާކުރަން ޖެހުނުކަމަށް ގާސިމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ނަޝީދުގެ ވެރިކަމުން ލިބެންޖެހޭ ތަޖުރިބާތަކެއް އެބަހުރި ކަމަށާ ނަޝީދުގެ ވެރިކަމުގައި މީހުން ވަގަށް ނަގާ ރަހީނުކޮށް އެތަށް ޖަރީމާތަކެއް ހިންގާފައިވާ ކަމަށާ ދެން އެފަދަ ކަމެއް ކުރުމަށް ފުރުސަތު ނުދިނުމަށް ގޮވާލައްވާ ކަމަށެވެ.
ގާސިމް ވިދާޅުވީ އެމްޑީޕީވެސް އުފެއްދެވީ އެމަނިކުފާނު ކަމަށާ އެމްޑީޕީއަށް މިއަދު ޖުމްހޫރީ ޕާޓީން މަދު ބަޔަކު ގޮސް އެޕާޓީއާއި ގުޅުނު ނަމަވެސް ކަންބޮޑުނުވާ ކަމަށެވެ.
މިރޭގެ މި ޖަލްސާގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްވެރިން ވަނީ އަތްގުޅާލާފަ އެވެ. އެގޮތުން މި އަތްގުޅާލުން ރަމްޒުކޮށްދެނީ ގުޅިގެން އެންމެން ގުޅިގެން އެއްވާނަކަށް ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލާ ރައްޔިތުންނައިގެން މިގައުމު އަމާން ބަދަރަކަށް ގެންދިއުމެވެ.
މީގެ އިތުރުން ކެންޕޭން ބައެއް ލަވަތައް އިފްތިތާހްކުރުމާއި ޕީޕީއެމްގެ ކޯލިޝަންގެ ކެންޕޭން ހަރަކާތްތައް އަތޮޅުތެރޭގައި ކުރިއަށް ގެންދާގޮތުގެ ތަފްސީލް ޖަލްސާގެ ހާޒިރީންނާއި ވަނީ ހިއްސާކޮށްފަ އެވެ.
މި ރޭގެ މި ޖަލްސާގައި ގުޅިފައިވާ ޕާޓީތައް ކަމަށްވާ ޕީޕީއެމްއާއި، ޖުމްހޫރީ ޕާޓީއާއި، އެމްޑީއޭއާއި، ގައުމީ ޕާޓީއާއި، ގައުމީ އިއްތިހާދު ޕާޓީއާއި، އަދާލަތު ޕާޓީގެ އިތުރުން އައިޑީޕީއާ، ޕީޕަލްސް ޕާޓީއާ، އެފްއޭ މުހައްމަދު ފަޔާޒު ޓީމާއި މަދަނީ އިއްތިހާދުގެ އިސްވެރިންނާއި، ޓީމް އުމަރުގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ