ގަވާއިދާއި ހިލާފަށް އުޅޭ ބަންގުލަދޭޝްގެ ރައްޔިތުން އެގައުމަށް ފޮނުވުމުގެ މަސައްކަތް ފަށައިފި

މޯލްޑިވިއަންގެ އެއާރ ބަސް އޭ 320 މަރުކާގެ ފްލައިޓު ބަންގުލަދޭޝްގެ ވެރިރަށް ޑާކާއަށް ދަތުރުތައް ފެށުމާއި އެކު ރާއްޖޭގައި ތިބި ގަވާއިދާ ހިލާފަށް އުޅޭ ބަންގުލަދޭޝްގެ ރައްޔިތުން އެގައުމަށް ފޮނުވަން ފަށައިފިއެވެ.
މޯލްޑިވިއަންގެ ފްލައިޓު ޑާކާއަށް ފުރަތަމަ ދަތުރެއް ކޮށްފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އެފްލައިޓުން ބަންގަލަދޭޝްގެ 25 މީހަކު ގެންގޮސްފައިވެއެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން ނަން ހާމަ ކުރަން ބޭނުން ނުވާ އިމިގްރޭޝަނުގެ އޮފިޝަލަކު ވިދާޅުވީ ކޮންމެ ފްލައިޓަކުން ވެސް ވަކި އަދަދަކަށް މީހުން ފޮނުވަމުން ގެންދާ ކަމަށެވެ. ނަމަވެސް ސީދާ އެއީ ކޮން އަދަދެއް ކަމެއް އޭނާ ހާމައެއް ނުކުރައްވައެވެ.
އޮފިޝަލު ވިދާޅުވި ގޮތުގައި ގަވާއިދާ ހިލާފަށް އުޅޭ މީހުން އެނބުރި ބަންގުލަދޭޝަށް ފޮނުވުން ދުވަސް ކޮޅަކަށް މަޑު ކޮށްލަން ވެސް ޖެހިދާނެއެވެ.
"މިހާރު ނެތް ގަވާއިދާ ހިލާފަށް ތިބޭ މީހުން ބައިތިއްބާނެ ތަނެއް، ހުޅުމާލޭގައި ހުރި ޑިޓެންޝަން ސެންޓަރުގައި ވެސް ސަލާމަތީ ކަންތައްތައް ރަނގަޅެއް ނޫން. އޯކިޑް ބިލްޑިންގުގައި އެޗްއާރުސިއެމުން މައްސަލަ ޖައްސާ އެކަށީގެންވާ ވަސީލަތްތައް ނެތް ކަމަށް ބުނެ" އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ މީހުންގެ ތެރެއިން ވެސް ގިނަ އަދަދެއްގެ ބަޔަކު ވިސާއާއި އެހެނިހެން ކަންތައްތަކަށް ބަރާބަރަށް ފައިސާ ނުދެއްކުމުގެ ސަބަބުން ނުދެވިފައި ތިބި ކަމަށާއި ކުރިއަށް އޮތްތަނުގައި އެފަދަ ކަންތައްތައް މައާފު ދީގެން ނަމަވެސް އެފަދަ ފަރާތްތައް އަނބުރާ ފޮނުވާލުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެމަސައްކަތް ފަށާނީ ސީދާ ކޮން ތާރީހެއްގައި ކަމެއް އޮފިޝަލް ހާމައެއް ނުކުރައްވައެވެ.
ގައުމީ އެއާރލައިންގެ ފްލައިޓު ޑާކާއަށް އުދުހެން ފެށުމަކީ ގަވައިދާ ހިލާފަށް އުޅެމުން ގެންދާ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ލިބުނު ވަރަށް ބޮޑު ލުޔެއް ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ