ނަޝީދަށް ތާއީދުކުރަން ގާސިމް ނިންމަަވައިފި ނަމަ ދުރަށް ދާނަން: އުމަރު

މި މަހުގެ 28 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހަންމަދު ނަޝީދަށް ތާއީދު ކުރައްވަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ނިންމަވައިފި ނަމަ އޭނާއާ ދުރަށް ވަޑައިގަންނަވާނެ ކަމަށް ގާސިމާ އެކު މިވަގުތު ހުންނެވި އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެ އެވެ. ނަޝީދާއި ގާސިމް މިރޭ ބައްދަލު ކުރެއްވުމާ ގުޅިގެން "ހަވީރާ" ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ އެ ދެބޭފުޅުން ބައްދަލު ކުރެއްވީ ޖުމްހޫރީ ގުޅުމުގެ ބޭފުޅުންނަށް އެނގިވަޑައިނުގެން ކަމަށެވެ. އަދި ގާސިމް ނަޝީދާ ބައްދަލު ކުރެއްވުން ކުށްވެރި ކުރައްވާ ކަމަށް އުމަރު ވިދާޅުވި އެވެ. "[ދެވަނަ ބުރުގައި] ނަޝީދަށް ގާސިމް ތާއީދު ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑަށް އެބައޮތް. އެއް ހަރަކުން ދެ ފަހަރަކު ކައްޓެއް ނުޖެހޭނެ ގާސިމް ގަޔަކަށް. މުހަންމަދު ނަޝީދަކީ އޭނާ ބޭނުންވާ ކަންކަން ހާސިލު ވަންދެން މީހުން ކައިރި އަށް ގޮސް ސަލާން ޖަހާ ބޭފުޅެއް. އެ ކަމެއް ހާސިލްވުމަށް ފަހު އޭނާ ހަދާ އެއްޗެއް ހަދާނީ. އެކަން ނުދަންނަ ސިޔާސީ މީހަކު މިއަދަކު ނޫޅޭނެ. އަޅުގަނޑުމެންނަށް އެކަމެއް ނޯޅޭނެ،" ރިޔާސީ އިންތިޚާބުގައި ގާސިމަށް ތާއީދު ކުރައްވާ އުމަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވި ގޮތުގައި "އަންނި މި ގައުމުގައި ރަސްކަން ކުރިޔަސް" ދުވަހަކު ވެސް ނަޝީދާ އެއްކޮޅަށް ނުުހުންނަވާނެ އެވެ. "އިންޗިއެއް ވެސް [ނަޝީދާ] ކައިރި ނުވާނަން،" އުމަރު ވިދާޅުވި އެވެ. ގާސިމްގެ ގެކޮޅު މ. މާފަންނުވިލާގައި ގާސިމާއި ނަޝީދު ބޭއްވެވި ބައްދަލުވުމުގައި، ދެވަނަ ބުރުގައި ގާސިމްގެ އެއްބާރުލެއްވުމަށް އެދިވަޑައިގެންނެވިންތޯ "ހަވީރު"ން ދެންނެވުމުން ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓުގައި ކުރިއަށްދާ މައްސަލަ ނިމުމުން ގާސިމް ގޮތެއް ނިންމަވާނެހެން ހީފުޅުވާ ކަމަށެވެ. "މިހާތަނަށް އަޅުގަނޑު އެހާ ދެރަވާ ގޮތަކަށް ގާސިމް ކަމެއް ނިންމަވާފައެއް ނެތް،" ނަޝީދު ވިދާޅުވި އެވެ. ނަޝީދު އެހެން ވިދާޅުވުމާ އެކު ގާސިމް ވިދާޅުވީ "މިކަން ނިމޭ ގޮތަކުން އަޅުގަނޑާއި ނަޝީދު ވެސް ދެވަނަ ބުރުގައި ވާދަކުރަން ޖެހިދާނެ" ކަމަށެވެ. އަދި އިންތިޚާބުގެ ނަތީޖާ ގަބޫލުފުޅު ނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ. ނަޝީދުގެ ފަހަތްޕުޅަށް ގާސިމް ވަޑައިގެންފާނެ ކަމުގެ ކިހާ ޔަގީންކަމެއް އެބަ އޮތްތޯ ދެންނެވުމުން ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ފަހަތްޕުޅަށް ދުވަހަކު ވެސް ގާސިމް އަރާވަޑަައިގަންނަވަން ނުޖެހޭނެ ކަމަށާއި އެކީގައި މަސައްކަތް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ނަޝީދާއި ގާސިމް ބައްދަލުކުރެއްވިތާ ގިނައިރުތަކެއް ނުވަނީސް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ތޮއްޑޫ ދާއިރާގެ އަލީ ވަހީދާއި ނަޝީދު ސަރުކާރުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ހަސަން ޝުޖާއު ވަނީ ގާސިމާ ގަޑިއެއްހާއިރު ވަންދެން ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުކުރެއްވުން ވެސް އޮތީ ގާސިމްގެ ގެކޮޅުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ