ސުޕްރީމް ކޯޓުގެ ހުކުމާ ދެކޮޅަށް އިހްތިޖާޖަށް ނުކުތުމަށް ނަޝީދު ގޮވާލައްވައިފި

ސުޕްރީމް ކޯޓުގެ އަމުރަށް ނުކިޔަންތެރިވި ކަމަށް ކަނޑައަޅައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށް، އެހެން ބައެއް މެމްބަރުންގެ ޝަރުތު ހަމަނުވާ ކަމަށް އެ ކޯޓުން ކަނޑައެޅީ ގާނޫނު އަސާސީއާ ކަނޑައެޅިގެން ހިލާފަށް ކަމަށާއި އެ ހުކުމާ ދެކޮޅަށް ރައްޔިތުން އިހްތިޖާޖްކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ގޮވާލައްވައިފި އެވެ. މި މަހުގެ 22 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދިއްދޫ ދާއިރާ އަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ހާޝިމްގެ ކެމްޕޭން ޖަލްސާގައި، ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމާ ގުޅޭ ގޮތުން ނަޝީދު ވިދާޅުވީ މިއީ ރާއްޖޭގެ ދުސްތޫރީ ހަޔާތުގައި ދިމާވާނެ އެންމެ ހިތާމަވެރި ރޭ ކަމަށެވެ. ރައްޔިތުން ވަރަށް ފޮނި އުއްމީދުތަކަކާ އެކު ބަލައިގަތް ގާނޫނު އަސާސީގެ ބާރު "ސުޕްރީމް ކޯޓުން ކަނޑުވާލައި" އަދި "މިނިވަން މުސްތަގިއްލު މުއައްސަސާގެ ބާރުތަކަށް އަރައިގަނެފައިވާ" ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވި ގޮތުގައި ރާއްޖޭގައި ހުރިހާ ބާރެއް ވެސް ގާނޫނު އަސާސީ ބުނާ ގޮތުން ފެށިގެން އަންނަނީ ދިވެހި ރައްޔިތުންގެ ކިބައިން ކަމަށެވެ. ނަޝީދު ވިދާޅުވި ގޮތުގައި ދިވެހިންގެ މައްޗަށް ވެރިކަން ކުރާނެ ބަޔަކު ކަނޑައެޅުމުގެ ކަންކަން އިންތިޒާމްކުރުމުގެ މަސްއޫލިއްޔަތު ގާނޫނު އަސާސީން ހަވާލުކޮށްފައި ވަނީ އިލެކްޝަންސް ކޮމިޝަނާ އެވެ. ރައްޔިތުންގެ ވެރިކަމެއް އުފެއްދުމަށް މިނިވަން މުސްތަގިއްލު ގޮތެއްގައި އޮންނަން ޖެހޭ ކޮމިޝަނަކީ ވެސް އެ ކޮމިޝަންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. "މިރޭ އަޅުގަނޑުމެންނަށް ފެނިގެން މިދަނީ އެ ކޮމިޝަންގެ ބާރު ކަނޑުވާލައި އިލެކްޝަންސް ކޮމިޝަނަރާއި ނައިބު ޖަލަށް ހުކުމްކޮށް ސުޕްރީމް ކޯޓުން ރާއްޖޭގެ ގާނޫނު އަސާސީގެ ބާރުކަ ނ ޑުވާލި ތަން. އިލެކްޝަންސް ކޮމިޝަންގެ މަސައްކަތްތަކަކީ ރައްޔިތުންގެ މަޖިލީހަށް އޭގެ ބެލެނިވެރިކަން ފ ު ރޮޅިފައި އޮންނަ މަސައްކަތެއް. ރާއްޖޭގެ ގާނޫނު އަސާސީ ވަރަށް ސާފުކޮށް މިކަން ބަޔާންކޮށްފައި އެބަވޭ،" ނަޝީދު ވިދާޅުވި އެވެ. "މިރޭ އަޅުގަނޑުމެންނަށް މި ފެނުނީ ވަރަށް ގިނަ ރައްޔިތުންގެ އުއްމީދުތައް ނަގާލަން އެބޭފުޅުން މަސައްކަތް ކުރެއްވި ތަން." ސުޕްރީމް ކޯޓުގެ މަސްއޫލިއްޔަތަކީ، ނަޝީދު ވިދާޅުވި ގޮތުގައި، އަދުލު އިންސާފު ގާއިމްކުރުން ކަމަށާއި ރައްޔިތުން އިންތިހާބުކުރާ ވެރިކަމާ ދެކޮޅަށް ފާޑުކިޔައި ހުކުމްކޮށް، އެއްވެސް ގޮތަކަށް އެކަމުގައި ބައިވެރިވުމަކީ އެ ކޯޓުގެ މަސްއޫލިއްޔަތެއް ނޫނ ެވެ. ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމާ އެކު ފެންނަނީ ރައްޔިތުންގެ ފޮނި އުއްމީދުތަކެއް ގެއްލިގެންދާ މަންޒަރު ކަމަށެވެ. މިހާރު އަމަލުކުރަމުން އަންނަ ގާނޫނު އަސާސީ އަށް ދިވެހިން އެދުނީ، ތަހައްމަލްކުރި ތަޖުރިބާތަކަކަށް ފަހުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. "އަނިޔާވެރިކަމާއި ބޭއިންސާފާއި ނުހަމަކަން އަޅުގަނޑުމެންގެ ތެރޭގައި އިންތިހާ އަށް ބޮޑުވެ ގޮސްފައިވާތީ. ރާއްޖޭގެ ރައްޔިތުން އެދެމުން އައީ ރާއްޖޭގެ މުއްސަނދިކަމުން ހައްގު މިންވަރު ލިބުމަށް، ދިވެހިން އެދެމުން އައީީ އިންސާނީ ހައްގުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށް. ރާއްޖޭގައި އިންސާފު ގާއިމް ވުމަށް. ދިވެހިންގެ ތެރޭގައި ހަލާލު ގޮތެއްގައި މުއާމަލާތު ކުރެވި ދިވެހިން ތަނަވަސްވެ ދިއުމަށް،" ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގެ ގާނޫނު އަސާސީ އަށް ގިނަގުނަ ގެއްލުންތައް ލިބުނު ޒަމާންތައް ތާރީހުގެ އެކި ސޮފްހާތަކުގައި ލިޔެވިފައިވެ އެވެ. ފުރަތަމަ އެކުލަވާލ ި ގާނޫނު އަސާސީ ރޫޅާލައި ހަލާކުކޮށްފައިވާ އިރު ރައްޔިތުންގެ ގާތުގައި އޭރު ކުރި ސުވާލަކީ، ނަޝީދު ވިދާޅުވި ގޮތުގައި، ބޭނުން ވަނީ ގާނޫނު އަސާސީތޯ ނުވަތަ ރަދުންތޯ އެވެ. މިއަދު އަހާ ސުވާލަކީ ރައްޔިތުން ބޭނުން ވަނީ ގާނޫނު އަސާސީތޯ ނުވަތަ ސުޕްރީމް ކޯޓުތޯ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ ގާނޫނު އަސާސީން ކަންކަން ކުރުމުގެ ރިވެތި ނިޒާމް ގަޑުބަޑު ކުރުމުން ދިވެހިންނަށް ހަަމަޖެހުމެއް ނުލިބޭނެ ކަމަށެވެ. އެހެން ކަމުން އެކެއް އަނެކެއްގެ ކިބައިން ހިތްވަރު ލިބި، ބިރުފަހަނައަޅައި ނުކުންނަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ގާނޫނު އަސާސީއާ ހިލާފަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމާ ދެކޮޅަށް އަޑުނުއުފުލައި، ރައްޔިތުން ގޭގައި ތިބ ޭ ނަމަ ލިބޭނީ ގެއްލުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ "އިންތިހާބު އިންސާފުވެރި ގޮތެއްގައި ނުބޭއްވިއްޖެ ނަމަ ދެން އުފެދޭ ވެރިކަމެއް ވެސް އިންސާފުވެރިއެއް ނުވާނެ،" ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުން ވަކިގޮތަކަށް އަމުރުކޮށް އިންތިހާބު ވަކި ގޮތަށް އަނބުރާލަން ނުފޫޒު ފޯރުވާއިރު ވެސް އެމްޑީޕީން އަޅާނުލައި އިންތިހާބުގައި ބައިވެރިވާނީތޯ ނިންމަން ޖެހެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ