އެމްޕީއެލް އިން ގެނައި އެމްބިއުލަންސްތައް 17 ރަށަކާ ހަވާލުކޮށްފި

ރާއްޖޭގެ ހުރިހާ ރަށަކަށް ދެމެހެއްޓެނިވި ގޮތެއްގައި އެމްބިއުލަންސްގެ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އެހީތެރިކަމާއެކު ރާއްޖެ ގެނައި އެމްބިއުލަންސްތައް ރޭ 17 ރަށަކާ ހަވާލުކޮށްފިއެވެ.
މި އެމްބިއުލަންސްތައް ރަށްރަށާ ހަވާލުކޮށްދެއްވީ މިނިސްޓާ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ ގީލާ އަލީއެވެ. އެމްބިއުލަންސްތައް ހަވާލުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ލަމްއާން ވެސް ބައިވެރިވެވަޑައިގަތެވެ.
މި މަޝްރޫއަކީ އަތޮޅުތަކުގެ ސިއްހީ ހިދުމަތުގެ ފެންވަރު މަތިކޮށް ކުއްލި ފަރުވާ ބޭނުންވާ ވަގުތުތަކުގައި ރައްޔިތުންނަށް އަވަސް ހިދުމަތެއް ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން ކުރިއަށްގެންދާ މުހިންމު މަސައްކަތެއްކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.
ރޭ ހަވާލުކުރެވުނު އެމްބިއުލަންސްތަކާއެކު، އެ 17 ރަށުގެ ސިއްހީ މަރުކަޒުތަކުގެ ހިދުމަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން މިހާތަނަށް ރަށްރަށަށް ޖުމްލަ 87 އެމްބިއުލަންސް ވަނީ ފޯރުކޮށްދީފައެވެ. މީގެ ތެރޭގައި މިއަހަރުގެ ކުރީކޮޅު 56 ރަށަކަށް ފޮނުވި އެމްބިއުލަންސްތައް ވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ