އެސްޓްރޮނޯޓެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ތަގްރީރުކުރަނީ

މެލޭޝިއާ އިން އެންމެ ފުރަތަމަ ޖައްވަށް ދިޔަ އެސްޓްރޮނޯޓް ރާއްޖޭގައި ތަގްރީރުކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ. ވިލާ ކޮލެޖާއި މެލޭޝިޔާގެ އޯޕަން ޔުނިވަސިޓީ ގުޅިގެން ބާއްވާ ރަސްމިއްޔާތަކަށް ރާއްޖެ އަންނަ ޝައިހް މުޒައްފަރު ޝުކޫރު ތަގްރީރު ދިނުމަށް ހަމަޖެހިފައިވަނީ "ދަ ރައިޓް އެޓިޓިއުޑް ޓުވާޑް ސަކްސަސް" (ކާމިޔާބު ހާސިލްކުރުމަށް މަސައްކަތްކުރާނެ ރަނގަޅު ގޮތްތައް) މި މައުލޫއަށެވެ. އެ ތަގްރީރުގައި، ޒުވާން އުމުރުގައި އެސްޓްރޮނޯޓަކަށް ވުމަށް މުޒައްފަރު ކުރި މަސައްކަތް ކިޔައިދޭނެ ކަމަށް ވިލާ ކޮލެޖުން ބުންޏެވެ. އެ ކޮލެޖުން ބުނި ގޮތުގައި އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު އިސްލާމީ މަރުކަޒުގައި ބާއްވާ އެ ތަގުރީރު އަޑު އެހުމަށް ވަދެވެނީ 50ރ. ގެ ޓިކެޓެއް ނަގައިގެންނެވެ. އެކަމަކު ސްކޫލު ކުދިންނަށް ހިލޭ ވަދެވޭނެ ކަމަށް އެ ކޮލެޖުން ބުންޏެވެ. ވިލާ ކޮލެޖުން ބޮޑު ހަރަދެއްކޮށްގެން އެސްޓްރޮނޯޓެއް ގެންނަނީ އެ ކޮލެޖުގެ ގްރެޖުއޭޝަނަށާއި ފުރަތަމަ ފަހަރަށް އެ ކޮލެޖުން ބާއްވާ ރަސްމިއްޔާތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ