ތިނަދޫ ހަމަނުޖެހުމުގައި ހިމެނޭ މީހުންގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި

ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނަށާއި ކޯޓުތަކަށް ގެއްލުން ދީ ހުޅުޖެހި މަައްސަލާގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާ ކުރާ މީހުންގެ ޝަރީއަތް ކެންސަލްކޮށް އެ މައްސަލަ ކްރިމިނަލް ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ. އެ ކޯޓުގެ އިސް އޮފިޝަލަކު ވިދާޅުވިގޮތުގައި 89 މީހަކާ ދެކޮޅަށް ކުރިއަށް ގެންދިޔަ އެ ދައުވާ ކޯޓުން ބޭރުކޮށްލީ ދައުލަތުގެ ފަރާތުން ވަކާލާތުކުރައްވާ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ވަކީލުން މިއަދު ޝަރީއަތަށް ހާޒިރު ނުވެގެންނެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބައްލަވަމުން ގެންދަވާ އެ މައްސަލައިގައި އެންމެ ފަހުން ކުރިއަށް ގެންދިޔައީ ހެކި ބަސް ނެގުމެވެ. އެ މައްސަަލައިގައި ހިމެނޭ 55 މީހަކު ހެކިންނަށް ބިރުދައްކާ ކަމަށް ބުނެ، ހެކިބަސް ނަގާ ނިމެންދެން އެ މީހުން ބަންދުގައި ބޭތިއްބުމަށް ވަނީ އަމުރު ނެރެފަ އެވެ. އޭގެ އިތުރުން ޝަރީއަތަށް ހާޒިރުނުވި 17 މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން ވެސް ވަނީ އަމުރު ނެރެފަ އެވެ. ނަމަވެސް މައްސަލަ ބޭރުކޮށްލުމާ އެކު އެ މީހުން ބަންދުން ވީއްލޭނެ އެވެ. ފެބްރުއަރީ 8، 2012 ގައި ތިނަދޫ ޕޮލިސް ސްޓޭޝަނާއި ކޯޓުތަކުގައި އަލިފާން ރޯކޮށް އެ ތަންތަނަށް ގެއްލުންދިން މައްސަލާގައި ހިމެނޭ އެންމެން ވެސް ދައުވާއަށް އިންކާރުކޮށްފައި ވާއިރު އެ މީހުންނާ ދެކޮޅަށް ހެކިން ހެކިބަސް ދެމުން ގެންދިޔައީ ސިއްރު ހެކިންގެ ގޮތުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ