ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުޙައްމަދު ހައްޔަރުކުރި މައްސަލައިގައި ދައުވާކުރުން ފަސްކޮށްދިނުމަށާއި ވެރިކަންކުރަން ފަސް އަހަރުގެ ދައުރެއް ދިނުމަށްފަހު 2018 ގައި ޝަރީއަތާއި ކުރިމަތިލާން ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ށ.ނަރުދޫ ޕީޕީއެމްގެ ކައުންސިލަރު ޙުސައިން ސިރާޖު އެމްޑީޕީއަށް ސޮއިކުރުމަށްފަހު މިއަދު އެޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ މީހަކު ބަންދުކޮށްފައިވާ މީހެއްގެ ގޮތުގައި ފާހަގަވެގެން ހުންނަން ނޭދޭ ކަމަށެވެ. އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ހައްޔަރުކޮށްފައި ރިޔާސީ އިންތިހާބެއް ބޭއްވުމަކީ ބަތްކައްކާ ކުޅުން ފަދަ ކަމެއް ކަމަށް ނަޝީދު ވަނީ ސިފަކޮށްފައެވެ.
ރައްޔިތުންނަށް އިންސާފު ލިބެންޖެހޭނެ ކަން ހާމަކުރައްވާ ނަޝީދު ވިދާޅުވީ 2018 ގައި އެމަނިކުފާނާއި ދެކޮޅަށް ޝަރީއަތް ކުރާނަމަ އެކަމަށް ކުރިމަތިލާން ނިކުމެ ހުންނާނެ ކަމަށެވެ.
ރައީސް ނަޝީދު ވަނީ އެމަނިކުފާނާއި ދެކޮޅަށް ދައުވާކުރުން މަޑުޖައްސާލުމަށް އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒަށް މިއަދު އިލްތިމާސްކުރައްވާފައެވެ.
ނަޝީދު ވިދާޅުވީ އެފަދަ އިލްތިމާސަކަށް ދެންނެވީ ޤައުމީ މަސްލަހަތު ހުރި ކަންކަމުގައި އުއްތަމަ ފަނޑިޔާރު ބަސް ވިދާޅުވެފައިވާތީ އެމަނިކުފާނާއި މެދުވެސް އެގޮތަށް އަމަލުކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ފެންނާތީ ކަމަށެވެ.
ނަޝީދުގެ ޝަރީއަތް ކުރިއަށްގެންދަންވީ ގޮތާއި ގުޅޭގޮތުންވެސް އެމަނިކުފާނު ވަނީ މިއަދު ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ނަޝީދުގެ ޝަރީއަތަށް 30 އަޑުއެހުން ބާއްވަންޖެހޭނެ ކަމަށާ، ކޮންމެ ދެ އަޑުއެހުމެއް ދޭތެރޭ 15 ދުވަސް ލިބެންޖެހޭނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ދައުވާ ކުރެވޭނީ ރައްޔިތުންގެ މަޖިލީހުން އެކަން ކުރަން ފާސްކޮށްގެން ކަމަށާ، އެނޫންގޮތަކަށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި ހުރި މީހެއްގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ޝަރީއަތް އަވަސްކޮށްދިނުމަށް ހުޅުމާލެ ކޯޓުގައި އެދިވަޑައިގެންނެވި ނަމަވެސް އެކަން ނުކުރައްވާ މިހާރު ފެންނަނީ ކޮންމެ ފަރާތަކުން ޝަރީއަތަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށެވެ.
2018 ވަނަ އަހަރު ޝަރީއަތާއި ކުރިމަތިލާން ތައްޔާރު:ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ