ސުޕްރީމް ކޯޓުގެ އަމުރުން ރައްޔިތުންގެ ހައްގުތައް ކަށަވަރުވެއްޖެ: ގާސިމް

ރިޔާސީ އިންތިހާބު ބާތިލްކުރުމަށް ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އެކޯޓުން މިއަދު ނެރުނު އަމުރާއި ގުޅިގެން ދިވެހި ރައްޔިތުންގެ ހައްގުތައް ކަށަވަރުގެންދާކަން ސާބިތުވެގެން ހިގައްޖެ ކަމަށް ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސުޕްރީމް ކޯޓުން ވަކި އެއްޗެއް އަންގަންދެން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޭއްވުން ފާސްކުރުމަށް ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރާއި ގުޅިގެން ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ރިޔާސީ އިންތިހާބު ބާތިލްކޮށްދިނުމަށް އެމަނިކުފާނު ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ އިންތިހާބުގައި ރާވައިގެން އޮޅުވާލުންތަކެއް ހިންގާފައިވާތީ އެކަންކަން ބެލުމަށް އިލެކްޝަންސް ކޮމިޝަނުން އެއްބާރުލުން ނުދިނުމުން ދިވެހި އެތައްހާސް ރައްޔިތެއްގެ ހައްގުގައި ކަމަށެވެ.
"އަޅުގަނޑު ފަހަރެއްގައިވެސް މިއުޅެނީ ބަޔަކާއި ދެކޮޅަކަށް ނޫން. އަޅުގަނޑު ގުޅިން ކޮމިޝަނުގެ ރައީސްއަށް ނައިބް ރައީސްއަށް އަޅުގަނޑުމެންގެ ކަންބޮޑުވުންތަކަށް އެއްބާރުލުން ދެއްވުން އެދި. އެކަމުގައި އެއްބާރުލުން ނުދިނުމުން މިހިސާބަށް މިކަން ގެންދަން ޖެހުނީ" ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ އަމުރާއި ގުޅިގެން އެތައް ބަޔަކަށް ހިތްހަމަޖެހުން ލިބިފައިވާ ކަމަށާއި، ރައްޔިތުންގެ ހައްގުތަކަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ގާސިމް އިބްރާހިމް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އިންސާފުގެ މަގުގައި ކުރިއަށްގެންދާ އިންތިހާބެއްގައި އެންމެ ވޯޓެއް ލިބިވަޑައިނުގެންނެވި ނަމަވެސް ޝަކުވާއެއް ނެތް ކަމަށާއި، ނަމަވެސް މިއަދު ކަންކަން ކޮށްފައިވާ އެ އުސޫލުން ނޫން ކަމަށެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ޖުމްހޫރީ ގުޅުމުން ކުރާ މަސައްކަތުގައި މިހާތަނަށް ކާމިޔާބު ދެ ފިޔަވަޅު އެޅިފައިވާ ކަމަށާއި އެއީ އިންތިހާބު ބާތިލްކުރުމަށް ހުށަހެޅި މައްސަލަ ބަލައިގަތުމާއި ސުޕްރީމް ކޯޓުން އިންތިހާބު ފަސްކުރުމަށް ނެރުނު އަމުރު ކަމަށެވެ. ގާސިމް އިބްރާހީމް އިތުރަށް ވިދާޅުވީ ޖުމްހޫރީ ގުޅުމުން ހައްގުގެ މަގުގައި ކުރާ މަސައްކަތަށް ކާމިޔާބު ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ