ރާއްޖޭގައި އޮތީ ދީނީ ފިކުރަކާއި ލާދީނީ ފިކުރެއް: ރައީސް މައުމޫން

ރާއްޖޭގައި އޮތީ ދެ ފިކުރެއް ކަމަށާއި އެއީ ދީނީ އަދި ގައުމީ ފިކުރަކާއި ލާދީނީ އަދި ލާގައުމީ ފިކުރެއް ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމުން ޔުމްނާ މައުމޫން ވަކިވެވަޑައިގެންނެވުމުން އެކަމަނާއަށްޓަކައި ނަސަންދުރަ ޕެލަސް ހޮޓަލުގައި މިރޭ ބޭއްވީ ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގައި އޮތް ހަމައެކަނި ދީނީ އަދި ގައުމީ ފިކުރަކީ ޕީޕީއެމް ކަމަށާއި ދެން ތިއްބެވީ ލާދީނީ އަދި ލާގައުމީ ފިކުރުގެ ޕާޓީތައް ކަމަށެވެ.
"ވަރަށް ގިނަ މީހުން އެބަބުނޭ ރާއްޖޭގައި އޮތީ ދެ ވިސްނުމެކޭ. އެއް ވިސްނުމަކީ އިސްލާމީ ގައުމީ ވިސްނުމެކޭ، އަނެއް ވިސްނުމަކީ ލާދީނީ ލާގައުމީ ވިސްނުމެކޭ. މިއީ އަޅުގަނޑުމެން ކުރިމަތީގައި އޮތް ހިޔާރަކީ. މި ދެގޮތުންކުރެ އެއްގޮތް އަޅުގަނޑުމެން އެބަޖެޙޭ ހިޔާރުކުރަން. އަޅުގަނޑުމެންނަކީ މާތްﷲގެ ވާގިފުޅާއެކީގަ ކުރިން މިދެންނެވި ވިސްނުން ތަމްސީލް ކުރާ މީހުން. އެއީ އިސްލާމީ ގައުމީ ވިސްނުން ތަމްސީލް މިކުރަނީ ޕީޕީއެމުން. އަދި ޕީޕީއެމްގެ އުސޫލްތަކަށް ތާއީދުކުރައްވާ އެހެންފަރާތްތަކުން. އޭގެ އަނެއްކޮޅުގަ އެތިބީ ލާދީނީ އަދި ލާގައުމީ ބައެއް. އެމީހުން މަސައްކަތްކުރަނީ އެމީހުންގެ ވަކިކަހަލަ އުސޫލްތަކެއް ގާއިމުކުރަން، ނުވަތަ ބޭރު ދުނިޔޭގެ ތަނެއްގެ ގޮތުގައި ރާއްޖެ ހެދުމަށް. ރާއްޖެއަކީ މިނިވަން މުސްތަގިއްލު އިސްލާމީ ގައުމެއްގެ ގޮތުގަ އޮތުމުގެ ބަދަލުގަ އެމީހުން އެއުޅެނީ ރާއްޖެއަކީ ކޮންމެވެސް ބޭރު ދުނިޔޭގެ ކޮންމެވެސް އެހެންކަހަލަ ޖަމާއަތެއްގެ ބަޔަކަށް ހެދޭތޯ،" ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވީ ލާދީނީ އަދި ލާގައުމީ ވިސްނުމުގެ މީހުން މަސައްކަތްކުރަނީ ރާއްޖޭގައި ލާދީނީ ލާގައުމީ ސަގާފަތެއް ގެނެވޭތޯ މަސައްކަތް ކުރަމުން ކަމަށާއި އެހެންކަމުން ޕީޕީއެމްއިން އެކަން ވަރަށް ރަނގަޅަށް ދަންނަންހެޖޭ ކަމަށެވެ. ރާއްޖެއަށްޓަކައި އަދި ރާއްޖޭގެ ރައްޔިތުންނަށްޓަކައި ވަރުގަދަ އަޒުމަކާއެކު މައްސައްކަތްކުރަން ޖެހޭކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްގެ ޕްރައިމަރީ ނިމިފައިވަނީ ވަރަށް އިންސާފުވެރިކަމާއެކު ކަމަށާއި އެހެންކަމުން އެކަމާ އެއްވެސް މެމްބަރަކު ހިތްޕުޅާނުވެ ނުހުންނަވާ ޕާޓީއާއެކު އަދި ރިޔާސީ ކެނޑިޑޭޓް ޔާމީން އަބްދުލްގައްޔޫމް އާއިއެކު ކުރިއަށް ވަޑައިގެންނެވުމަށްވެސް ރައީސް މައުމޫން ގޮވާލެއްވިއެވެ.
އެހަފްލާގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ވިދާޅުވީ ޕީޕީއެމްގެ އަޑެއް ނީވޭތާ ދޮޅުމަހެއްވަރު ވެއްޖެކަމަށާއި ނަމަވެސް ކުރިއަށް އޮތްތާގައި ވަރަށް ބާރަށް ކެމްޕޭނުގެ ކަންތައްތައް ކުރިއަށް ގެންދަވާނެ ކަމަށެވެ. އިތުރަށް ޔާމީން ވިދާޅުވީ މީޑިއާތަކުން ހަބަރު ފަތުރާއިރު ހަމަހަމަ ގޮތެއްގައި ހުރިހާ ސިޔާސީ ވިސްނުންތައްކަށްވެސް ފުރުސަތު ދޭންޖެހޭ ކަމަށާއި އެކަން އެގޮތަށް ކޮށްދެއްވުމަށްވެސް ޔާމީން އެދިލެއްވިއެވެ.
މީގެ އިތުރުން ޔާމީން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ވަހީދުގެ ސަރުކާރު ދެމެހެއްޓުމަށް އެންމެ ބޮޑަށް މަސައްކަތްކުރައްވަނީ ޕީޕީއެމްކަމަށާއި މިހާރުވެސް ޕީޕީއެމް މަސައްކަތްކުރައްވަނީ އެގޮތުގެ މަތިން ކަމަށެވެ.
ޔުމްނާ މައުމޫން ޕީޕީއެމްއަށް ކޮށްދެއްވި ގިނަގުނަ ހިދުމަތްތަކަށް އެޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ރިޔާސީ ކެނޑީޑޭޓް ޔާމީން އަބްދުލްގައްޔޫމް ވަނީ ވަރަށް ބޮޑަށް ޝުކުރު ދަންނަވާފައެވެ. އަދި އެކަމަނާގެ ހިދަމަތްތައް ފާހަގަކުރައްވައި ޕީޕީއެމްއިން ވަނީ އެކަމަނާއަށް ހަނދާނީ ފިލައެއް އަރުއްވާފައެވެ. އެފިލާ އެކަމަނާއަށް އެރުއްވީ ޕާޓީގެ ރައީސް މުއުމޫން އަބްދުލް ގައްޔޫމްއެވެ.
ރައީސް މައުމޫން ވިދާޅުވީ ވަރަށް އަވަހަށް އެމަގާމަށް އެހެން ބޭފުޅަކު އައްޔަން ކުރައްވާނެ ކަމަށާއި އެމަގާމަކީ ވަރަށް ޒިންމާދާރު މަގާމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ