ޖާބިރާއި ހާމިދު މިނިވަން ކުރަން ގާސިމް ގޮވާލައްވައިފި

ރައްޔިތުންގެ މަޖިލީހަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ވައްދާފައި ވަނިކޮށް މަޖިލީހުގެ މެންބަރުން ހައްޔަރު ކޮށްގެން ގެންގުޅުމުގެ ޖާގަ ފުލުހުންނަށް މަޖިލީހުގެ ގަވައިދާއި ގާނޫނު އަސާސީން ލިބިދީފައި ނުވާ ކަމަށާއި އެ ދެ ބޭފުޅުން މިނިވަން ކުރަން ޖުމުހޫރީޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް ގޮވާލައްވައިފި އެވެ.
ރޭގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރާއި އަބްދުﷲ ޖާބިރާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބުދުލް ގަފޫރު ފުލުހުން ހައްޔަރު ކުރި މައްސަލައިގައި ގާސިމް އިބުރާހިމް ވިދާޅުވީ ޤާނޫނު އަސާސީގެ 88 ވަނަ މާއްދާގެ ދަށުން އެކުލަވާލައި، އަމަލުކުރަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 202 ވަނަ މާއްދާގެ (ރ) ގެ ދަށުން އެކަން ނުކުރެއްވޭނެ ކަމަށެވެ.
ގާސިމް ހަވާލާ ދެއްވާ މާއްދާ ބުނީ ރައީސުލްޖުމްހޫރިއްޔާ މަޤާމުން ދުރުކުރުމުގެ މައްސަލައެއް ނުވަތަ ވަޒީރެއްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ނުވަތަ ފަނޑިޔާރުންނާއި، މިނިވަން މުސްތަޤިއްލު މުއައްސަސާތަކުގެ މެންބަރުންނާއި މިނިވަން މުސްތަޤިއްލު މަޤާމު ތަކުގައި ތިބޭ މީހުން މަޤާމުން ވަކިކުރުމުގެ މައްސަލައެއް މަޖިލީހަށް ހުށައެޅިފައިވާ ވަގުތެއްގައި އެ މައްސަލައާއި މެދު މަޖިލީހުން ގޮތެއް ނިންމުމުގެ ކުރިން މެންބަރަކު ހައްޔަރު ނުކުރެވޭނެ ކަމަށެވެ.
އެހެންކަމުން މިހާރު ފުލުހުން ހައްޔަރުކޮށްފައިވާ މަޖިލީހުގެ ދެ މެންބަރުން ވަގުތުން ވަގުތަށް ދޫކޮށްލުމަށް ވެސް ފުލުހުންގެ އިދާރާއަށް ގާސިމް އިބުރާހިމް ގޮވާލެއްވި އެވެ. އަދި ވިދާޅުވީ، މެންބަރުން ދޫކޮށްލި ކަމުގައި ވީނަމަވެސް ސާބިތު ހެއްކާއެކު މެންބަރުން ހައްޔަރުކޮށްފައިވާ ކަމުގައިވާނަމަ، މައްސަލައިގެ ތަހުގީގު ފުލުހުންނަށް ކުރިއަށް ގެންދެވިދާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ޙަސަންގެ އިތުބާރުނެތްކަމުގެ މައްސަލައަކާއި، ސީއެސްސީގެ ރައީސް މުޙަންމަދް ފަހުމީ ޙަސަން މަޤާމުން ދުރުކުރުމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވައްދާފައި އެބައޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ