ތިނަދު އަށް ވަގުތީ ގޮތުން ކަރަންޓް ދެވޭނީ ހުކުރު ނުވަތަ ހޮނިހިރު ދުވަހު: ފެނަކަ
އިންޖީނުގެ އެކީ އެނދުމުން ހާލުގައި ޖެހިފައިވާ ގދ. ތިނަދު އަށް ވަގުތީ ގޮތުން ކަރަންޓް ދޫކުރެވޭނީ ހުކުރު ނުވަތަ ހޮނިހިރު ދުވަހު ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ. މިދިޔަ ހޯމަ ދުވަހުގެ ރޭ އިންޖީނުގޭގައި ރޯވެ ތިން ޖަނަރޭޓަރު ވެސް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައިފަ އެވެ. މުޅިން ރަށުން ކަރަންޓް ކެނޑުމާ އެކު އަސާސީ ގިނަ ހިދުމަތްތަކުން ރައްޔިތުން ވަނީ މަހްރޫމްވެފަ އެވެ. ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން އަންނަނީ މައްސަލަ ހައްލުކުރަން ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ނިމާލް ވިދާޅުވީ ވަގުތީ ހައްލަކަށް ވިސްނައި އެ ރަށަށް ހުކުރު ނުވަަތަ ހޮނިހިރު ދުވަހު ކަރަންޓް ދެވޭތޯ މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަަމަށެވެ. އެގޮތުން އެއް މެގަވޮޓްގެ ދެ އިންޖީނު މާލެ އިން މިއަދު ތިނަދު އަށް ފުރުވާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ވަގުތީ ކަރަންޓް ދޫކުރާނީ ވެސް، ނިމާލް ވިދާޅުވި ގޮތުގައި، ކުރިން އެރަށަށް ލިބެން އައި ފެންވަރުގަ އެވެ. ތިނަދޫ މަގުމަތިން މީހަކު ފެން ހަމެއް ހިފައިގެން އަންނަނީ -- ހަވީރު ފޮޓޯ: ނިޝާން އަލީ "ވަގުތީ ކަރަންޓަކީ އެ ހާދިސާ ހިނގައިގެން ދިޔައިރު ދެމުން ދިޔަ ހާލަތަށް ކޮންމެ ރައްޔިތަކަށް ވެސް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުން. ވަގުތީ ކަރަންޓަކީ އެއްގޮތަކަށް ވެސް ދޭތެރެދޭތެރެ އިން ކަނޑަކަނޑާފައި، ކުޑަކުޑަ އެތިކޮޅުން ދީފައި މިކަހަލަ ގޮތަކަށް ކުރާ ކަމެއް ނޫން،" ނިމާލް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މާލެ އިން އެރަށަށް ފޮނުވާ ދެ އިންޖީނު މިރޭގެ ވަގުތެއްގައި ފުރުވާލެވޭނެ އެވެ. އިންޖީނުތައް އެ ރަށަށް ފޯރާނީ ދެ ދުވަސް ތެރޭގައި ކަމަށް ނިމާލް ވިދާޅުވި އެވެ. އަލިފާނުގެ ހާދިސާގައި އަނދާފައިވާ އިންޖީނުގެ: މުޅި ރަށުން ވަނީ ކަރަންޓު ކެނޑިފައި.-- ހަވީރު ފޮޓޯ: ނިޝާން އަލީ އޭނާ ވިދާޅުވި ގޮތުގައި އެރަށަށް ދެ އިންޖީނު ގެންދާތާ ގިނަވެެގެން ނުވަ ގަޑިއިރުގެ ތެރޭގައި ކަރަންޓް ފޯރުކޮށްދޭން ފެށުމުގެ ގޮތުން ރާއްޖޭގެ އެކި ހިސާބުތަކުން ފަންނީ މީހުންގެ ޓީމެއް ވަނީ އެކުލަވާލައިފަ އެވެ. އަދި ތިނަދޫ އިންޖީނުގޭގައި ވެސް ވަރަށް ގާބިލް ފަންނީ ޓީމެއް އޮންނަ ކަމަށާއި އެ އެންމެން އެކުވެގެން ނުވަ ގަޑިއިރުގެ ތެރޭގައި ކަރަންޓް ފޯރުކޮށްދެވޭވަރު ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނިމާލް ވިދާޅުވީ ދާއިމީ ފެންވަރަކަށް އިންޖީނުގެ ހެދެން ދެން މިހާރު ބަހައްޓާ އިންޖީނުތަކުން ރަށަށް ކަރަންޓް ފޯރުކޮށްދެވޭނެ ކަމަށެވެ. އެކި ފަރާތްތަކުގެ އެހީގައި މިހާރު ވެސް ތިނަދޫގައި ގެންދަނީ ކަރަންޓްގެ ޚިދުމަތް ފެށޭތޯ މަސައްކަތްކުރަމުންނެވެ. އެގޮތުން ގދ. ހަވޮއްޑާ ރިސޯޓުން 160 ކިލޯވޮޓްގެ ޖަނަރޭޓަރެއް ގެންގޮސްގެން ތިނަދޫގެ ހޮސްޕިޓަލަށް ރޭ ވަނީ ކަރަންްޓް ދީފަ އެވެ. އެ ރަށުގެ ބޭންކަަށް މިއަދު މެންދުރު ފަހު ކަރަންޓް ދޫކޮށް، މިހާރު މަސައްކަތްކުރަނީ ލަސްތަކެއް ނުވެ ސްކޫލަށް ވެސް ކަރަންޓް ދޭން ކަމަށް ނިމާލް ވިދާޅުވި އެވެ. ތިނަދޫގައި ހުންނެވި ފެނަކައިގެ އޮފިޝަލަކު ވިދާޅުވީ ލ. އަތޮޅުން ގެނައި 125 ކިލޯވޮޓްގެ ޖަނަރޭޓަރެއް ބަހައްޓައި، ރަށުގެ ފެން ޕްލާންޓާ ގުޅާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ އިންޖީނު ގުޅާލުމުން މުޅި ރަށަށް ހައި ޕްރެޝަރުގައި ފެން ލިބެން ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެން މިހާރު މިގެންދަނީ އެ އިންޖީނު ގުޅާލުމުގެ މަސައްކަތްކުރަމުން. ކުރިޔަށް އޮތް ގަޑިއެއްހާއިރުގެ ތެރޭގައި މުޅި ރަށަށް ކުރިއެކޭ އެއްގޮތަށް ހައި ޕްރެޝަރުގައި ފެން ދޫކުރެވޭނެ،" ތިނަދޫގައި މިވަގުތު ތިބި "ހަވީރު"ގެ ޓީމާ ވާހަކަ ދައްކަވަމުން އޮފިޝަލް ވިދާޅުވި އެވެ. ނިމާލް ވިދާޅުވި ގޮތުގައި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުން 21 މިލިއަން ރުފިޔާ އަށް ވުރެ ބޮޑެވެ. އަދި އާ އިންޖީނުގެއެއް ހަދާ ނަމަ އެކަމަށް މަދުވެގެން 35 މިލިއަން ރުފިޔާ ހޭދަކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. މި ބޮޑު އަލިފާނުގެ ހާދިސާ މިހާރު އަންނަނީ ފުލުހުން ތަހުގީގުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ