ޝީޔާމް އާއި ޒަކީ ކޯޓަށް ހާޒިރުކުރުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރ އަޙުމަދު ސިޔާމް މުޙައްމަދާއި ރައީސް ނަޝީދު ސަރުކާރުގެ ޝްޕެޝަލް އެންވޯއީ އިބްރާހިމް ހުސައިން ޒަކީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ކްރިމިނަލް ކޯޓުން ފުލުހުންނަށް އަމުރުކޮށްފިއެވެ.
އެ ކޯޓުން މި އަމުރު ނެރެފައި މިވަނީ މިދެބޭފުޅުންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތަށް ހާޒިރުވުމަށް ޗިޓް ރައްދު ނުކުރެވުމުންނެވެ. ސިޔާމްގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ 2012 ވަނަ އަހަރު ބޭރުގެ ގައުމަކުން ރާއްޖެއައިއިރު އޭނާގެ ފޮށިން ބަނގުރާ ފުޅިއެއް ފެނިފައިވާ މައްސަލައެއްގައެވެ. ޒަކީގެ މައްޗަށް ދައުވާކޮށްފައިވަނީ، 2012 ވަނައަހަރު ހދ. ހޮނޑައިދޫއިން މަސްތުވާތަކެއްޗާއި ބަނގުރަލާއެކު ހައްޔަރުކުރި މައްސަލާގައެވެ.
ސިޔާމްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރާއްޖެއަށް ބަނގުރާ އެތެރެކުރިކަމުގެ ކުށުގެ ދައުވާއެވެ. ޒަކީގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ކެނަބިހުން މުއާމަލާތުކުރުމުގެ ކުށުގެ ދައުވާއާއި ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކުރިކަމުގެ ކުށުގެ ދައުވާއެވެ. މި ދެ ބޭފުޅުން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރްކުރުމަށް ކުރިމިނަލްކޯޓުން ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރުގައި ބުނެފައިވަނީ އަންނަ ބުރާސްފަތި ދުވަހު ނުވައެއް ޖަހާއިރަށް ސިޔާމްއާއި ޒަކީ ކޯޓަށް ހާޒިރުކުރުމަށް އަންގާ ކަމަށެވެ. އަދި ސިޔާމަކީ ކޯޓަށް ހާޒިރްވުމުގެ ޗިޓާއި ހަވާލުވެ ކޯޓަށް ހާޒިރުވެފައިނުވާ މީހެއް ކަމަށްވެސް ދަށުކޯޓުން ނެރުނު އަމުރުގައިވެއެވެ.
ސިޔާމާއި ޒަކީގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުންތަކެއް އިއްޔެ ބޭއްވުމަށް ތާވަލްކުރި ނަމަވެސް އެ ބޭފުޅުން ހާޒިރުނުވެގެން އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ. އެނިގިފައިވާ ގޮތުގައި މިދެބޭފުޅުންވެސް މިވަގުތު ތިއްބެވީ ރާއްޖެއިން ބޭރުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ