ކުރިމިނަލް ކޯޓަށް ހާޒިރުވުމަށް ގާސިމް އިބްރާހީމަށް ޗިޓު ފޮނުވައިފި
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމް ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް އަންގައިފިއެވެ.ގާސިމް އަށް ފޮނުވި ޗިޓްގައި މިއަދު ހެނދުނު 10.30 ގައި ކޯޓަށް ހާޒިރުވުމަށް ކޯޓުން ވަނީ އަންގާފައެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހެޅުއްވި ކަމަށް ބުނާ މައްސަލާއި ގުޅިގެން ހެކިބަސް ނެގުމާއި ހެއްކާއި ގުޅޭ ގޮތުން މިއަދުގެ އަޑުއެހުމުގައި ވާހަކަ ދައްކަން ވަނީ ހަމަޖެހިފައެވެ. އިއްޔެ ބޭއްވި އެމައްސަލައިގެ އަޑުއެހުން ސިއްރުކޮށްފައިވާ އިރު، ގާޒީ އާދަމް އާރިފް ވިދާޅުވެފައިވަނީ، ގާސިމްގެ ޝަރީއަތް ސިއްރުކޮށްގެން ކުރިއަށް ގެންދަނީ ކޯޓުގެ މުވައްޒަފުންނަށާއި ފަނޑިޔާރުންނަށް ބަޔަކު އިންޒާރުދީ ބިރުދައްކަމުންދާތީއެވެ. އިއްޔެ ބޭއްވި ޝަރީއަތުގައިވަނީ ފޮރެންސިކް ދެ ފުލުހެއްގެ ހެކިބަސް ނަގާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް މައްސަލައިގައި މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހެޅި ކަމުގެ ތުހުމަތުގައި ގާސިމްގެ މައްޗަށް ދައުވާ އުފުލާފައިވާ އިރު، މިދައުވާއަށް ގާސިމް ވަނީ އިންކާރު ކުރައްވާފައެވެ.ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ ށ. ގެ ދަށުން ގާސިމްގެ މައްޗަށް ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާ އުފުލާފައިވާއިރު، އެއީ ޖިނާޢީ ޢިޖުރާތުގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށުގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. އަދި މި ކުށަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ އަށް އަހަރުގެ ދުވަހުގެ ޖަލު ހުކުމެކެވެ.ގާސިމްގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ އޭނާ ތަމްސީލު ކުރައްވާ މާމިނގިލީ ދާއިރާގެ ގޮނޑި ގެއްލޭނެ އެވެ. ގާނޫނު އަސާސީގެ 73 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ޖިނާއީ ކުށެއް ސާބިތުވެ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ތަންފީޒު ކުރަން ޖެހިއްޖެނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ