އަބްދުﷲ ރިޔާޒް ހައްޔަރުކުރަން އުޅޭތާ ކިތަންމެ ދުވަހެއް: ގާސިމް އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ރިޔާޒް ހައްޔަރުކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާތާ ކިތަންމެ ދުވަހެއް ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިވަގުތު ޖަރުމަނުވިލާތުގައި ހުންނެވި ގާސިމް އިބްރާހިމް، ވީޓީވީ ލައިވް ކަވަރޭޖަށް ފޯނުން ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ، އަބްދުﷲ ރިޔާޒް ހައްޔަރުކުރުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރާތާ ކިތަންމެ ދުވަހެއް ކަމަށާއި، އަބްދުﷲ ރިޔާޒް ލަވަމުން، ކަންތައްތަކެއް ކުރަމުން ގެންދާތާ އެތައް ދުވަހެއް ކަމަށެވެ.
މިދިޔަ ހުކުރުދުވަހު ހަވީރު މާލޭގެ މަޖީދީ މަގުގައި ބޭއްވި އިހުތިޖާޖުގެ ތެރެއިން ފުލުހުން އަބްދުﷲ ރިޔާޒް ހައްޔަރުކޮށްގެން ގެންދިޔަތާ 24 ގަޑިއިރުފަހުން، އަބްދުﷲ ރިޔާޒް ހައްޔަރު ކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށް ރިޔާޒްގެ ގާނޫނީ ވަކީލުންނަށް ފުލުހުން އަންގާފައިވާ މައްސަލާގައި ގާސިމް އިބްރާހިމް ވަނީ، ކުއްލި ނުރައްކަލުގެ ހާލަތުގެ ގޮޅިއަށް ފައްތައިގެން ސަރުކާރުން އެތައްބަޔަކު ހައްޔަރު ކޮށްފައިވާކަން ފާހަގަ ކުރައްވާފައެވެ.
އެގޮތުން، ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށްބުނެ އަބްދުﷲ ރިޔާޒްވެސް ހައްޔަރުކޮށް ކޮންމެވެސް އެއްޗެއް ކިޔަނީ ކަމަށް ގާސިމް ވިދާޅުވިއެވެ. ކުއްލި ނުރައއްކަލުގެ ހާލަތުގެ ދަށުން އަބްދުﷲ ރިޔާޒް ހައްޔަރު ކުރެވޭނެ ކަމަށް އެއްގޮތަކަށްވެސް ގަބޫލެއް ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.
މިސަރުކާރުން ކުރީގެ ރައީސް މައުމޫނު ހައްޔަރުކޮށް، ސުޕްރީމް ކޯޓުގެ ދޮރު ވައްޓާލައިގެން ވަދެ އުއްތަމަ ފަނޑިޔާރުވެސް ހައްޔަރުކޮށްފައިވާ ކަމަށާއި، ފަނޑިޔާރު އަލީ ހަމީދާއި، ޖުޑިޝަރީގެ އެޑްމިނިސްތްރޭޓަރ ހަސަން ސައީދާއި، މެމްބަރު އިލްހާމާއި، އިބްރާހިމް ސިޔާދުއާއި، މަހްލޫފްގެ އިތުރުން، އިތުރު އެތައް ބަޔަކުވެސް ހައްޔަރު ކޮށްފައިވާކަން ގާސިމް ފާހަގަ ކުރައްވާފައި ވެއެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށްބުނެ އެބޭފުޅުން ހައްޔަރުކޮށް ޖަލަށްލައިގެން އުޅުނު ނަމަވެސް، ރާއްޖޭގައި މިހާރު އޮތްކަމަށް ސަރުކާރުން ބުނާ ކުއްލި ނުރައްކަލުގެ ހާލަތު ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
"ކުއްލި ނުރައްކަލުގެ ހާލަތު ގަބޫލެއް ނުކުރަން. އެއީ ހިންގޭނެ ހާލަތެއްނޫން، ގާނޫނުއަސާސީގައި ބުނެފައިވާގޮތުން. ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް އެކަން ކުރެވޭނެ ގޮތް ބަޔާން ކޮށްދީފައިވޭ. ވަރަށް ސާފުކޮށް އެބައޮތް. އެއާ ޚިލާފަށް މަޖިލީހުންވެސް އެހެން ދިމާއަކުންވެސް އެކަމެއް ނުކުރެވޭނެ. ސިފައިންނާއި ފުލުހުންނަށްވެސް ގާނޫނުގައި ބުނަނީ ޣައިރުގާނޫނީ އަމުރަށް ކިޔަމަން ނުވުމަށް. މިއީ ގަދަބާރުން ބަޔަކު ކުރަމުންގެންދާ ކަންތައްތަކެއްކަން އެނގޭ" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގައި ހުންނެވި އަބްދުﷲ މަސީހް އޭނާ ކުރައްވައިގެން ހުންނެވި ހުވަޔާ ޚިލާފްވެވަޑައިގެން ހިންގެވި ކަންތައްތަކަކީ ކުރެވޭނޭކަމެއް ނޫންކަމަށެވެ.
ހުވަޔާ ޚިލާފްވެވަޑައިގެން، ކުޑަވެސް އެއްޗެއް ހިތަށް ނާރުވައި މަޖިލީސް ތެރެއިން މަސީހް ހިންގެވި ކަންތައްތަކާހެދި އެމަނިކުފާނު ގާތަށް އަންނަނީ ހިނި ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ރައީސް ޔާމީން ހިންގަވަމުން ގެންދަވާ ކަންތައްތަކާ ގުޅިގެން، ދުނިޔޭގެ އެންމެ ގައުމެއް ފިޔަވައި، އެހެން ހުރިހާ ގައުމަކުން މިކަން ހަމަޔަކަށް އެޅުވުމަށް ގޮވާލައި އެކަމަށް ބަލަހައްޓައިގެން އެބަތިބިކަންވެސް ގާސިމް ފާހަގަ ކުރެއްވިއެވެ.
"ކޮންމެ އަނިޔާވެރި ކަމަކަށްވެސް ނިމުން އަންނާނެ. މިހާރު އަސުރަށްވުރެ ތިރި ވެއްޖެ. ޔާމީން ހީކުރައްވަނީތޯ އޭނާގެ ޖަނާއި މާލު ސަލާމަތް ކޮށްގެން ދެވޭނެ ކަމަށް. ނުވާނެ އެކަމެއް. ބިރު ދެއްކިޔަސް ސަލާމަތް ވެގެން ނުދެވޭނެ. މީހުން ދެކޭނެ އެދުވަސް، ﷲ އެދުވަސް ދައްކަވާނެ. ޔަގީންވާ ކަމަކީ ނުހައްގުން މީހަކަށް އަނިޔާއެއް ދީފިމީހަކު އެދުވަސް ދެކޭނެކަން. ގާނޫނާ ޚިލާފަށް ގަދަ ދައްކާފަ ނުހުރެވޭނެ. ކައްޕިއަށް އޮޑި ހަވާލުކުރީ ގާނޫނުއަސާސީއާއި، ގާނޫނުތަކާއި، އަހުދުތަކާއި، ފަޅުވެރިންނާއެކު ވެފައިވާ އެއްބަސްވުމަށް ހުރުމަތްތެރިކޮށް ހިތުމަށް. ހުރިހާކަމެއް ގޯސްވެ، ދުނިޔެ އެވާހަކަ ދެއްކީމާ އެވާހަކަ އަޑުނާހައި، ރައްޔިތުންގެ އަޑުތައް ނޭހީމާ އޮޑިން ބާލާނެނޫންތޯ" ގާސިމް ވިދާޅުވިއެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ، ރައީސް ޔާމީން ކަންކަން ކުރައްވަމުން ގެންދަވާގޮތުން މުޅިދުނިޔެ ރާއްޖެއަށް މަލާމާތް ކުރަމުންގެންދާ ކަމަށާއި، ރާއްޖޭގައި މިހާރު ކަންކަން ހިނގަމުންދާގޮތުން މިކަން މާގިނަދުވަހު ދެމިއޮންނާނެ ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
ރައީސް ޔާމީން ހީފުޅު ކުރައްވަނީ ރާއްޖޭގެ ރައްޔިތުންނަކީ ތަނެއްދޮރެއް ނުދަންނަ ބައެއްކަމަށް ކަމަށާއި، ނަމަވެސް މިއީ 1932 ގެ އަހަރުތަކެއް ނޫންކަމަށް ގާސިމް ވިދާޅުވިއެވެ.
ސަރުކާރުން މީހުން ލައްވައި މަޖުބޫރުން ކަންކަން ކުރުވާފަ ކޮންމެ މީހަކުވެސް ލަނީ ޖަލަށް ކަމަށާއި، އަދީބު ލައްވައި ކަންކަން ކުރުވާފަ ޖަލަށް ލައްވާފައިވާކަން ފާހަގަ ކުރައްވާފައި ވެއެވެ. އެހެންނަމަވެސް، ފާރަވެރި ފަރާތްތަކުން ހުރިހާކަމެއް ދަނީ ރެކޯޑް ކުރަމުން ކަމަށާއި، ވަގުތު ޖެހުމުން ފާރަވެރިން އައިސް ޔާމީން ހައްޔަރުކޮށް ގޮޅިއަށްލާނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
"އެދުވަސް އޮތީ މާދުރަކު ނޫން. އަމިއްލައަށް ކަށްވަޅު ތިކޮންނަނީ" ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
ގާސިމް ވަނީ، ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި ހުކުރު ދުވަހު މާލޭގެ މަޖީދީ މަގަށް ނުކުމެ ރާއްޖޭގެ ރައްޔިތުން ދެއްކި ހިތްވަރަށް ސާބަސް ދެއްވައި ޝުކުރު އަދާކުރައްވާފައެވެ.
އެބައެއްގެ ޑިމޮކްރަޓިކް ހަޔާތާއި ތަރައްގީއާއި ކުރިއެރުން ހޯދުމަށް މަސައްކަތް ކުރުމަކީ ހައްގެއް ކަމަށާއި، އެހެންކަމުން ހުކުރު ދުވަހު ރައްޔިތުން ދެއްކެވި ހިތްވަރާއި ކިޔަމަންތެރިކަމަށް ގާސިމް އިބްރާހިމް ޝުކުރު އަދާކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ