އެއް ކެންޑިޑޭޓަކު ނެރުމަށް ޕްރައިމަރީ އެއް ބާއްވަން ގާސިމް އެއްބަސްވެ ވަޑައިގެންފި

ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ތެރެއިން ކެންޑިޑޭޓެއް ނެރުމަށް ހުރިހާ ޕާޓީކެއް ޝާމިލުވާ ޕްރައިމަރީ އެއް ބާއްވަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެއްބަސްވެ ވަޑައިގެންފިއެވެ.
މިކަން ހާމަކުރީ ޖަރުމަނު ވިލާތުގައި މިހާރު ދިރިއުޅުއްވާ ގާސިމްއާ ބައްދަލުކުރެއްވުމަށްފަހު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައެވެ. މި ބައްދަލުކުރެއްވުމުގައި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު އާއި ޖޭޕީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
އަލީ ވަހީދު ވިދާޅުވީ ގުޅިފައިވާ އިދިކޮޅު ހަތަރު ޕާޓީ އަށް އިންސާފުވެރި ހަމަހަމަ ޑިމޮކްރެޓިކް ޕްރައިމަރީ އަކުން ގައުމީ ކެންޑިޑޭޓެއް އިންތިހާބު ކުރަން ގާސިމް ތާއީދު ކުރެއްވީތީ އެކަމާ އުފާކުރައްވާ ކަމަށެވެ.
އަދި ދުލާއި ހިތަށްވުރެ ސިކުނޑި އިސްކޮށްގެން މެނުވީ މި ހާލަތުން ރާއްޖެ އަރައިގަންނަން ދަތިވާނެ ކަމަށާއި ގާސިމް އިބްރާހިމް އާއި ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި ތަފާތު ފިކުރުގެ ޕާޓީތައް ހިމެނޭ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލަން ތައްޔާރަށް ހުންނެވި ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.
މީގެއިތުރުން އަލީ ވަހީދު ވަނީ މަޝްވަރާއިން ގޮތެއް ނުނިމިއްޖެނަމަ "ދުރު ނުވެވޭވަރަށް ކައިރިނުވެ، ކައިރި ނުވެވޭވަރަށް ދުރު ނުވެ" ގައުމާ ރައްޔިތުންގެ މަސްލަހަތު އިސްކުރަންޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ.
އެއް ކެންޑިޑޭޓަކު ނެރުމުގެ މަސައްކަތް އިދިކޮޅު ޕާޓީތަކުން ކުރަމުން އަންނައިރު މި ޕާޓީތަކުގެ މެދުގައި ކޮންމެވެސް ވަރެއްގެ ހިޔާލު ތަފާތުވުންތަކެއް ހުރިކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އެމްޑީޕީން ކުރީގެ ރައީސް މުހައްމަދު ނަޝީދު ކެންޑިޑޭޓެއްގެ ގޮތުގައި ނެރެން ބޭނުންވާއިރު ޖުމްހޫރީ ޕާޓީން ބޭނުންވަނީ ގާސިމް އިބްރާހިމް ކެންޑިޑޭޓެއްގެ ގޮތުގައި ނެރޭށެވެ.
އަދި އިންތިހާބުގައި ގާސިމް އަށް ކުރިމަތިނުލެއްވޭނެމަ ޖުމްހޫރީ ޕާޓީގެ ފަރާތުން އިންތިހާބަށް ނިކުންނަން ތައްޔާރަށް ހުންނެވި ކަމަށް އެ ޕާޓީއާ ދާދިފަހުން ގުޅުނު ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ