ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ދޫކުރަންޖެހޭ ފައިސާ މިހާތަނަށްވެސް ޕާޓީތަކަށް ދޫކޮށްފައިނުވާ މައްސަލާގައި އެމްޑީޕީގެ ޗެއާޕާސަން އަލްއުސްތާޒު ހަސަން ލަތީފު ފިނޭސް މިނިސްޓަރު އަހުމަދު މުނައްވަރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ފިނޭސް މިނިސްޓަރުގެ ފޮޓޯއަކާއިއެކު ހަސަން ލަތީފު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާއަކީ، ފިނޭސް މިނިސްޓަރު މުނައްވަރަށް އާއިލާއިން ވާރުތަވީ ފައިސާތަކެއް ނޫންކަމަށެވެ. އެއީ އެތަށްހާސް ދިވެހި ރައްޔިތުންނެއްގެ ހައްގެއް އަދި މިލްކެއްކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.
ހަސަން ލަތީފު ވަނީ އެ ފައިސާއަށް ޚިޔާނަތްތެރިވެ، އަބަދު ތިޔަހެން ހުރެވޭނެކަމަށް ހީނުކުރުމަށް ފިނޭސް މިނިސްޓަރަށް ރައްދުކުރައްވާ ވިދާޅުވެފައެވެ.
ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމާއި ގުޅޭ ގޮތުން ސިޔާސީ ޕާޓީ ތަކުގެ ގާނޫނުގެ 35 ވަނަ މާއްދާގައި ބުނެފައިވަނީ ދައުލަތުގެ ބަޖެޓުން ޕާޓީ ތަކަށް ދޭން ޖެހޭ ފައިސާ ކޮންމެ އަހަރެއްގެ ފުރަތަމަ ތިންމަސް ނިމުމުގެ ކުރިން ދޭންވާނެ ކަމަށެވެ. އަދި އެގޮތުން ދޫކުރެވޭ ފައިސާ އަކީ ދައުލަތުގެ ބަޖެޓުގެ 0.1 އިންސައްތަ އާއި 0.2 އިންސައްތައާއި ދެމެދުގެ އަދަދަކަށް ވާންޖެހޭނެ ކަމަށްވެސް ގާނުނުގައިވެ އެވެ.
ސިޔާސީ ޕާޓީ ތަކުގެ ގާނޫނުގެ 34 ވަނަ މާއްދާގައި ބުނެފައިވަނީ ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އެހީ ސިޔާސީ ޕާޓީތަކުގެ މެދުގައި ބަހާނީ ސިޔާސީ ޕާޓީގެ ދަފްތަރުގައި އެ ޕާޓީގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައިވާ މެމްބަރުންގެ އަދަދުގެ ނިސްބަތުންނެވެ. އެގޮތުން ރަޖިސްޓްރީވެފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެމްބަރުން ހަމަނުވާ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ނުލިބޭނެ ކަމަށްވެސް ގާނޫނުގައި ބުނެ އެވެ.
ދައުލަތުގެ މިއަހަރުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ނިންމާފައިވަނީ 24.2 މިލިއަން ރުފިޔާ އެވެ.
ޕާޓީތަކަށް ފައިސާ ދޫކުރުމަށް ނިންމާފައިވާ ގޮތަށް ބަލާއިރު އެންމެ ގިނަ ފައިސާ ލިބެނީ 45،865 މެންބަރުން ތިބި ކަމަށް ބުނާ ޕީޕީއެމް އަށެވެ. އެޕާޓީއަށް 11.5 މިލިއަން ދޫކުރުމަށް ނިންމާފައިވާއިރު ދެވަނަ އަށް އެންމެ ގިނަ ފައިސާ ލިބެނީ 29،759 މެންބަރުން ހިމެނޭ އެމްޑީޕީ އަށެވެ. އެޕާޓީއަށް 7.5 މިލިއަން ރުފިޔާ ދޫކުރުމަށް ނިންމާފައިވާއިރު ތިންވަނަ އަށް އެންމެ ގިނަ ފައިސާ ލިބެނީ 10،537 މެންބަރުން ހިމެނޭ އެމްޑީއޭ އަށެވެ. އެޕާޓީއަށް 2.7 މިލިއަން ރުފިޔާ ލިބޭއިރު ޖުމްހޫރީ ޕާޓީއަށް ދޫކުރުމަށް ނިންމާފައިވަނީ 2.6 މިލިއަން ރުފިޔާ އެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ މި ޕާޓީތަކަށް ފައިސާ ދޫކުރުމަށް ފިނޭސް މިނިސްޓްރީގައި އެދިފައެވެ.
ފައިސާ ދޫނުކުރާ މައްސަލާގައި ހަސަންގެ ހޫނު ރައްދެއް ފިނޭސް މިނިސްޓަރަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ