ޕީއެސްއެމް ވޯލްޑް ކަޕް 2018 ކަވަރޭޖްގެ ޕަވާ ސްޕޮންސަރަކަށް ދިރާގު

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދޭން ނިންމާފައިވާ ފީފާ ވޯލްޑް ކަޕް ކަވަރޭޖްގެ ޕަވާ ސްޕޮންސަރަކަށް ދިރާގު ހަމަޖައްސާ އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިއަދު ޕީއެސްއެމް ސްޓޫޑިއޯ 1 ގައި ބޭއްވި ރަސްމިއްޔާތެއްގައި ސްޕޮންސާޝިޕް އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލް އެވެ. ދިރާގުގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިސްމާއިލް ރަޝީދެވެ. އެއްބަސްވުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޕީއެސްއެމްގެ އެމްޑީ ހަލީލް ވިދާޅުވީ މަޒީއަށް ބަލާއިރު ޕީއެސްއެމް އާ ދިރާގާ ދެމެދު އޮތީ ގާތް ގުޅުމެއް ކަމަށެވެ. ޕީއެސްއެމް އިން ކުރާ ބޮޑެތި ކަންކަމުގައި ދިރާގަކީ އަބަދުވެސް ބައިވެރިއެއް ކަމަށް ހަލީލް ވިދާޅުވިއެވެ. ދިރާގުގެ އެމްޑީ އަދި ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ ސަރުކާރުން އިސްނަގައިގެން ރައްޔިތުންނަށް ކޮށްދޭ ކަންކަމުގައި ދިރާގުން އަބަދުވެސް ބައިވެރިވާނެ ކަމަށާއި ޕީއެސްއެމްގެ ކަވަރޭޖުގެ ސްޕޮންސަރަކަށް ދިރާގު ވީ އެކަމަށް އެއްބާރުލުން ދިނުމަށް ކަމަށެވެ. ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންޑިރެކްޓަރު އިކްރާމު އަބްދުލް ލަތީފް ވިދާޅުވީ ޕީއެސްއެމްގެ ވޯލްޑް ކަޕް ކަވަރޭޖްގެ ތެރެއިން ބެލުންތެރިންނަށް ބައިވެރިވެވޭފަދަ ހަރަކާތްތަކާއި، ބެލުންތެރިން ޝައުގުވެރިވާނެ ކަންތައް ކުރިއަށް ދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ