ދެހާހަށްވުރެ ގިނަ ޒުވާނުންގެ ކުށުގެ ރިކޯޑް ސާފުކޮށްދީފައިވާނެ - އުމަރު


މިހާތަނަށް ދެހާހަށްވުރެ ގިނަ ޒުވާނުންގެ ކުށުގެ ރިކޯޑް ސާފުކޮށްދީފައިވާކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
 
މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. ޒުވާނުންގެ ކުށުގެ ރިކޯޑް ސާފުކުރުމަށް ހޯމް މިނިސްޓްރީން މިހާރު އަލަށް ގެންގުޅޭ އުސޫލުތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ކުށެއްގެ ތުހުމަތުގައި މީހަކު ފުލުހަށް ހާޒިރުކުރުމަށްފަހު، އަދި އޭނާގެ މައްސަލަ ތަޙްޤީގްކުރުމަށްފަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިއްޖެނަމަ ކުށުގެ ރިކޯޑް ސާފުނުކޮށްދޭކަމަށެވެ. ނަމަވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ނުފޮނުވާ މައްސަލަތަކުގައި ކުށުގެ ރިކޯޑު ސާފުކޮށްދެމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
 
އެހެންކަމުން ކުށުގެ ރިކޯޑް މިހާރު އޮތީ ވަރަށް މަދު ޒުވާނުންގެކަމަށްވެސް މިނިސްޓަރ އުމަރު ނަސީރު ފާހަގަކުރެއްވިއެވެ. މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ އަމަން ބެލެހެއްޓުމުގައި ފުލުހުންނަށް އޮތް އެންމެ ބޮޑު ދައްޗަކީ ޕްރޮސެކިއުޓަރ ޖެނެރަލަށް ފޮނުވާ މައްސަލަތަކާއި، ކޯޓުތަކުގައި ކުރިއަށްދާ މައްސަލަތައް ލަސްވުންކަމަށެވެ. އެކަން ހައްލުކުރުމަށް ސަރުކާރުގެ ފަރާތުން ކަމާ ގުޅުންހުރި ފަރާތްތަކާއި މަޝްވަރާކޮށްފައިވާކަމަށާއި، އެމައްސަލަތައް އަވަސްކުރުމަށް ސަރުކާރުގެ ފަރާތުން ކޮށްދެވެންހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވަމުން ގެންދަވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
 
މީގެއިތުރުން ފުލުހުންގެ ތެރެއަށް އަލަށް ތައަރަފްކުރާ "ކޭނައިން" ޔުނިޓްގެ ޚިދުމަތް ނުވަތަ ކުއްތާ ޚިދުމަތް އައްޑޫ އެއަރޕޯޓާއި ބަނދަރުގައި ދިނުމަށް މަސައްކަތްކުރަމުން އަންނަކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އައްޑޫސިޓީ އަކީ ކުށް މަދު އަމާންތަނަކަށް ހެދުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށާއި، އެގޮތުން އައްޑޫ ސިޓީގައި މިހާރު ފަސް ކެމެރާ އޮޕަރޭޝަނަލް ކޮށް މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ. އަދި އިތުރު 15 ކެމެރާ ހަރުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށްވެސް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވިއެވެ. 
 
 
މިއަދުގެ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީނަކީ ގޭންގުތަކާއި ގުޅުން އޮންނަ ކަމަށް ދެކެވޭ ވާހަކައިގެ ހަގީގަތަކީ ކޮބައިތޯ ގަމު ދާއިރާގެ މެންބަރު ފައްޔާޒު އިސްމާއީލު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އުމަރު ވިދާޅުވީ ރައީސް ޔާމީނަކީ ގޭންގުތަކާއި އެއްވެސް ގުޅުމެއް އޮންނަ ބޭފުޅެއް ނޫންކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ