ރައީސް ޔާމީނަށް އިންތިޚާބެއް ބާއްވަން ކެރިވަޑައެއްނުގަންނަވާނެ: އަބްދުﷲ

ރައީސް ޔާމީނަށް އިންތިޚާބަކާ ކުރިމަތިލައްވަން ވެސް އަދި އިންތިޚާބެއް ބާއްވަން ވެސް ކެރިވަޑައިނުގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އަބްދުﷲ އަހުމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަޣުލަބިއްޔަތު އޮތީ ކޮން ބަޔަކަށްކަން ވަރަށް ސާފު ކަމަށެވެ. ރައީސް އަބްދުﷲ ޔާމީނަށް އިންތިޚާބަކާ ކުރިމަތިލައްވަން ކެރިވަޑައިނުގަންނަވާނެ ކަމަށާއި އަދި އިންތިޚާބެއް ބާއްވަންވެސް ކެރިވަޑައިނުގަންނަވާނެ ކަމަށް އަބްދުﷲ ވިދާޅުވިއެވެ.
އޭނަ ވިދާޅުވީ އޭނަގެ މެމްބަރުކަން ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ގާނޫނުއަސާސީއާއި ގާނޫނުތަކާ ޚިލާފަށް ކަނޑައަޅައި އެކަން އިއުލާންކުރިތާ މިއަދަށް 62 ދުވަސްވީ ކަމަށެވެ. ނަމަވެސް އިންތިޚާބެއް ބާއްވަން ނުކެރުނު ކަމަށް އަބްދުﷲ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ ގޮނޑިއަށް އަބްދުﷲ އަހުމަދު އިންތިޚާބުވީ ޖޭޕީގެ ޓިކެޓެއްގައެވެ. ފަހުން އޭނަ ވަނީ ޕީޕީއެމަށް ބަދަލުވެވަޑައިގެންފައެވެ. އޭނަގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅީ ޕީޕީއެމުން އޭނަ ވަކިވެވަޑައިގަތީ ސުޕްރީމް ކޯޓުގެ ހުކުމުގެ ފަހުން ކަމަށް ބަލައިގެނެވެ. ނަމަވެސް ސުޕްރީމް ކޯޓުން ހުކުމް ކުރުމުގެ 3 ދުވަސް ކުރިން ޖުލައި މަހުގެ 10 ވަނަ ދުވަހު އޭނަ ވަނީ ޕީޕީއެމުން ވަކިވުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅުއްވާފައެވެ. ޖުލައި 13 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި އޮންނަނީ ރައްޔިތުންގެ މަޖިލީހަށް މެމްބަރަކު އިންތިޚާބުވާ ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެނަމަ މެމްބަރުކަން ގެއްލޭނެ ކަމަށް ކަމުގައި ވުމުން، އަބްދުﷲ މަޖިލީހަށް އިންތިޚާބުވީ ޖޭޕީގެ ޓިކެޓެއްގައި ކަމަށް ވުމާއި، ހުކުމުގެ ކުރިން ޕީޕީއެމުން ވަކިވާން ހުށަހަޅުއްވާފައި އޮތުމުން ސުޕްރީމް ކޯޓުގެ ހުކުމުގެ ދަށުން އޭނަގެ ގޮނޑި ނުގެއްލޭނެ ކަމަށް ގާނޫނީ ވަކީލުން ވެސް ވަނީ ވިދާޅުވެފައެވެ.
ޕީޕީއެމުން އަބްދުﷲ ވަކިކުރީ ސުޕްރީމް ކޯޓުގެ ހުކުމުގެ ފަހުން ކަަމަށް އިލެކްޝަންސް ކޮމިޝަނަށް އެންގުމުން އޭނަގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި އެކަން ރައްޔިތުންގެ މަޖިލީހަށް އެންގީ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުއެވެ. ގާނޫނުއަސާސީގެ 78 ވަނަ މާއްދާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ހުސްވެއްޖެނަމަ، ހުސްވި ތާރީޚުން ފެށިގެން 60 ދުވަހުގެ ތެރޭގައި އެ ގޮނޑިއަށް މެމްބަރަކު އިންތިޚާބުކުރަންވާނެ ކަމަށެވެ. އޭގެ ފަހުން މިއަދަށް 62 ދުވަސް ވެފައިވާއިރު ތިނަދޫ ދެކުނު ދާއިރާގެ ބައި އިލެކްޝަނެއް ބާއްވާފައެއް ނުވެއެވެ. އަދި ސުޕްރީމް ކޯޓުގެ ހުކުމުގެ ފަހުން ޕީޕީއެމުން ވަކިވި ކަމަށްބުނެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ޖުމްލަ 10 މެމްބަރަކު ތިއްބެވިއިރު އެއިން އެއްވެސް ދާއިރާއެއްގެ ބައި އިލެކްޝަނެއް މިހާތަނަށް ބާއްވާފައެއް ނުވެއެވެ. މިގޮނޑިތައް ހުސްވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ ސުޕްރީމް ކޯޓުގެ ހުކުމާއި ގާނޫނުއަސާސީއާ ޚިލާފަށް ކަމަށް ރާއްޖޭގެ ފުންނާބު އުސް ގާނޫނީ ވަކީލުން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ