ސޫރިޔާ ކުށްވެރިކޮށް އދ. ން ޤަރާރެއް ފާސްކުރުމަށް ހުޅަނގުގެ ބާރުތަކުން މަސައްކަތްކުރަނީ

އދ. މަޖިލިސް : ސޫރިޔާގެ ވެރިކަމުގެ ނިޒާމާ ދެކޮޅަށް ތެދުވެ އަޑުއުފުލާ ރައްޔިތުންނާ ދެކޮޅަށް އެޤައުމުގެ ސަރުކާރުން ބާރުގެ ބޭނުންކޮށް ކުށެއްނެތް ޢާންމުން މަރަމުން ގެންދާތީ ސޫރިޔާ ކުށްވެރިކުރާ ޤަރާރެއް އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކުރަން ހުޅަނގުގެ ބޮޑެތި ބާރުތަކުން މަސައްކަތް ކުރަމުން އެބަގެންދެއެވެ.
އދ. ގެ ޑިޕްލޮމެޓިކް ދާއިރާތައް ބުނާގޮތުން ސޫރިޔާ ކުށްވެރިކުރާ ޤަރާރެއް އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކުރަން މަސައްކަތްކުރަނީ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޖަރުމަނުގެ އިތުރުން އެމެރިކާއެވެ.
މިޤަރާރުގެ ބޭނުމަކީ ސޫރިޔާ ސަރުކާރާދެކޮޅަށް ފިއްތުންތައް ކުރިމަތިކުރުމާއި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ ބިރުދެއްކުން ކަމަށް ޑިޕްލޮމޭޓުން ބުނެއެވެ. މިދިޔަ ހުކުރުދުވަހު ސޫރިޔާގެ އެތަށް ރަށެއްގައި ރައްޔިތުން މަގުތަކަށްނުކުމެ ރައީސް ބައްޝާރުލްއަސަދްގެ ސަރުކާރު ވައްޓާލުމަށާއި ސޫރިޔާގެ ވެރިކަމުގެ ނިޒާމަށް ދިމުޤްރާތީ އިސްލާހްތައް ގެނައުމަށް ގޮވާާލައި މުޒާހަރާކުރި އެތަށް ހާސްބަޔަކާ ދެކޮޅަށް ބަޑިޖެހުމުގެ ސަބަބުން 76 މީހުން މަރުވެ އެތަށް ބަޔަކު ޒަޚަމްވެފައިވެ އެވެ.
އަދި މަރުވި މީހުންގެ ޖަނާޒާ ހޮނިހިރު ދުވަހު ބާއްވަމުން ގެންދިޔައިރުވެސް ސަރުކާރު ވައްޓާލުމަށް ގޮވާލައި ޢާންމުންގެ އެތަށްބަޔަކު އަޑުއުފުލުމުން ސަލާމަތީ ބާރުތަކުން އެމީހުންގެ ގަޔަށް ބަޑިޖަހައި 13 މީހަކު މަރާލާފައިވެއެވެ. އެއަށްފަހު ކޮންމެ ދުވަހަކު ރައްޔިތުން ކުރަމުންގެންދާ މުޒާހަރާތަކާ ދެކޮޅަށްވެސް ސޫރިޔާގެ ނިޒާމުން ބާރުގެ ބޭނުންކޮށް ޢާންމުން މަރަމުން ގެންދާކަމަށް ރިޕޯޓްތައް ބުނެ އެވެ.
ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދް ވަނީ ރައްޔިތުން ބޭނުންވާ އިސްލާހްތައް ޤައުމަށް ގެންނަވާނެ ކަމަށް ވަޢްދުވެ ވަޑައިގެންފައެވެ. އަދި ޒަމާނުއްސުރެ ސޫރިޔާގައި އޮތް ކުއްލި ޙާލަތު އުވާލައި، ޝަރީޢަތަކާނުލައި މީހުން ހައްޔަރު ކުރުމުގެ ޢަމަލުތައް ހިންގާ އަމްނާބެހޭ މުއައްސަސާވެސް އުވާލައި، ސުލްޙަވެރިކަމާއެކު މުޒާހަރާކުރުމުގެ ޙައްޤު ރައްޔިތުންނަށް ލިބިގެންވާ ކަމަށް ބުނާ ރިޔާސީ ބަޔާނެއްވެސް އަސަދްގެ ސަރުކާރުންވަނީ ނެރެފައެވެ.
ނަމަވެސް މިއިން އެއްވެސް ކަމަކަށް ނުބަލައި ސޫރިޔާގެ ސަލާމަތީ ބާރުތަކުން ރައްޔިތުންނާ ދެކޮޅަށް ބާރުގެ ބޭނުންކުރަމުންގެންދާތީ އަސަދްގެ ސަރުކާރުވަނީ ރައްޔިތުންގެ އުތުރިއެރުމަކާ ކުރިމަތިލާންޖެހިފައެވެ. އެމެރިކާވަނީ ސޫރިޔާގެ އިސްވެރިންނާ ދެކޮޅަށް އެޤައުމު އަމިއްލައަށްވެސް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރު ދީފައެވެ.
ސޫރިޔާގެ ނޫސްތަކުންވަނީ މިނިވަން ކަމަށް މަސައްކަތްކުރާ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ޤަތްލުޢާންމުތަކާއި މީހުން މެރުމުގެ ޖަރީމާތަކަށް އެމެރިކާ އެހީތެރިވެދީ އިސްރާއީލު ކުށްވެރިކުރުމަށް ސަލާމަތީ މަޖިލީހުގައި ވޯޓުނަގާ ކޮންމެ ފަހަރަކު އިސްރާއީލުގެ ޙިމާޔަތުގައި އެމެރިކާ ވީޓޯ ކޮށްފައި، ސޫރިޔާއާއި ޢަރަބި ޤައުމުތަކާ ޖެހުމުން ހަރުކަށިކަން ދައްކައި އިންސާނީ ހައްޤުތަކަށް އިޙްތިރާމް ކުރާ ޤައުމެއް ކަމަށް ހެދިގެން އެމެރިކާ އުޅޭ އުޅުމަކީ އެމެރިކާގެ މުނާފިޤުކަން ދައްކައިދޭ ކަމެއްކަމަށް ސިފަކޮށްފައެވެ. (އަލްޖަޒީރާ+ނޫސްއެޖެންސީތައް)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ