ކޯޓް ތަކުގައި ވަކާލަތު ކުރުމުގެ ހުއްދަދޭނީ ސުޕްރީމް ކޯޓުން ކަމަށް ކަނޑައަޅައިފި

ދިވެހިރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ދިނުމުގެ ގަވައިދު ބާތިލްކޮށް ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ދޭނީ ސުޕްރީމް ކޯޓުން ކަމަށް ކަނޑައަޅައިފި އެވެ.
ސުޕްރީމް ކޯޓުން މިއަދު މިގޮތަށް ނިންމުމުގެ ކުރިން ވަކާލަތު ކުރުމުގެ ހުއްދަ ދެމުން ގެންދިޔައީ ބަންޑާރަނައިބްގެ އޮފީހުންނެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރެފައިވާ ރޫލިންގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި އަދުލު އިންސާފް ގާއިމްކުރުމުގެ މަސްއޫލިއްޔަތަކީ ގާނޫނު އަސާސީން ސުޕްރީމް ކޯޓުގެ މަސްއޫލިއްޔަތެއް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އެހެންކަމުން ފަސޭހަކަމާއެކު އަދުލު އިންސާފަށް ވާސިލުވުމާއި ދިވެހި ރައްޔިތުންގެ މެދުގައި އަދުލު އިންސާފު ގާއިމްވެފައި އޮތުމާއި އަދުލު އިންސާފުގެ ބޭނުން ނަހަމަ ގޮތުގައި ހިފިޔަނުދިނުމަށްޓަކައި ވަކީލުންނަކީ ތައައްސުބުން އެއްކިބާވެ ތިބެ ވަކާލާތުކުރުމުގެ އަޚްލާގިއްޔާތާއި އެއްގޮތްވާ ގޮތުގެމަތިން ހަރުދަނާ ކަމާއިއެކު އިންސާފު ކަށަވަރުކުރުމަށްޓަކައި މަސައްކަތްކުރާ ބަޔަކަށް ހެދުމުގެ ގޮތުން ވަކާލަތު ކުރުމުގެ ހުއްދަ ސުޕްރީމް ކޯޓުން ދޭ ގޮތަށް ހަމަޖެއްސީ ކަމަަށެވެ.
ސުޕްރީމް ކޯޓުގެ ރޫލިންގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގެ ދަށުގައިވާ ކޯޓުތަކުގައި ވަކާލާތުކުރާ ގާނޫނީ ވަކީލުންގެ ޕްރޮފެޝަނާ ގުޅޭ ކަންތައްތައް ހިނގާ ނުހިނގާގޮތް ބަލައި ތަންޒީމު ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ގާނޫނީ ވަކީލުންނަށް ވަކާލާތުކުރުމުގެ ހުއްދަދިނުމާއި އެ ޕްރޮފެޝަނާއި ގުޅޭ ކަންތައްތައް އެހެން ފަރާތަކުން އިންތިޒާމް ކުރުމުގެ ސަބަބުން އަދުލު އިންސާފުގެ ބޭނުން ނަހަމަ ގޮތުގައި ހިފިޔަނުދިނުން ކަށަވަރުކުރަންޖެހޭ ކަމަށްވެސް ރޫލިންގައިވެ އެވެ. އަދި ބުނެފައިވަނީ ކޯޓުތަކުގެ މިނިވަންކަމާއި މުސްތަގިއްލުކަން ރައްކާތެރިކުރުމަށްޓަކައި ގާނޫނު އަސާސީއިން ކަނޑައަޅާފައިވާ ދުސްތޫރީ އުސޫލުތަކަށް ހުރަސްތަކެއް ކުރިމަތިވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން ގާނޫނު އަސާސީގެ 141 ވަނަ މާއްދާ އާއި 156 ވަނަ މާއްދާއަށް ރިއާޔަތްކޮށް ދިވެހިރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ ގަވާއިދު ބާތިލް ގަވައިދެއް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެ ގަވައިދުގެ ދަށުން ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ގާނޫނީ ވަކީލުންނަށް ހުއްދަދިނުން މިފަހަކަށް އައިސް އެޓާނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކުރާ ކަމެއްގެ ގޮތުގައި ހަމަޖެހިފައި އޮތްއޮތުން ކުރިއެކޭ ވެސް އެއްގޮތަށް ބަދަލުކޮށްފައިވާ ކަމަށްވެސް ރޫލިންގައިވެ އެވެ. ވަކާލަތު ކުރުމުގެ ހުއްދަ އެޓާނީ ޖެނަރަލްގެ އޮފީހުން ދިނުމުގެ ކުރިންވެސް މި ހުއްދަ ދެމުން ގެންދިޔައީ ސުޕްރީމް ކޯޓުން ނުވަތަ އެ ކޯޓުން ކަނޑައަޅާ ފަރާތަކުންނެވެ.
"ދިވެހިރާއްޖޭގެ އަދުލު އިންސާފް ގާއިމުކުރުމުގެ ބާރުގެ ބެލުމުގެ ދަށަށް ގެނެސް ބުނެވިދިޔަ ހުއްދައަކީ ދިވެހިރާއްޖޭގެ އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގެ އެންމެ އިސްފަރާތުގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ދޭ ހުއްދައެއް ކަމަށް ކަނޑައަޅައި މީލާދީ ސަނަތުން 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެކަށައަޅާފައިވާ 'ދިވެހިރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ ގަވައިދު' އަށް އަމަލުކުރަމުން ގެންދާ ގޮތަށް ކަނޑައަޅައިފީމެވެ،" ސުޕްރީމް ކޯޓުގެ ރޫލިން ނިންމާލަމުން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ