ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރުގެ މަގާމަށް ހުށަހެޅުމުގެ މިއަދު ހަމަވިއިރު، އެ މަގާމަށް ކުރިމަތިލެއްވި ހަމައެކަނި ބޭފުޅަކީ އެ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހީމް ކަމަށް ޖޭޕީން ބުނެފި އެވެ.
ޖޭޕީގެ ލީޑަރުކަން ކުރިން ވެސް ފުރުއްވި ގާސިމް އަނެއްކާ ވެސް އެ މަގާމަށް ކުރިމަތިލެއްވުމާ ގުޅިގެން، ލީޑަރުގެ މަގާމަށް އޭނާ އިންތިޚާބު ކުރުން މާދަމާ ހަވީރު 4:00 ގައި އޮންނާނެ ކަމަށް އެ ޕާޓީން ބުނެ އެވެ.
ޖޭޕީގެ ލީޑަރުގެ މަގާމަށް ބޭފުޅަކު ހޮވުމަށް ފާސްކުރީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު ބޭއްވި އެ ޕާޓީގެ ކައުންސިލްގެ ބައްދަލުވުމުގަ އެވެ. އެކަން އެގޮތަށް ކުރުމަށް ޕާޓީގެ ރައީސް އަލީ ވަހީދު ހުށަހެޅުއްވުމުން 61 މެމްބަރުންގެ އިއްތިފާގުން އެ ދުވަހު އޮތީ އެ ނިންމުން ފާސްކޮށްފަ އެވެ.
މިދިޔަ ޖޫން 28 ގައި ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި ލީޑަރުގެ މަސްއޫލިއްޔަތުތައް، އެ ޕާޓީގެ ހަތަރު ޑެޕިއުޓީ ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. ހުސައިން ރަޝީދު ހަސަނާ ހަވާލު ކުރަން ފާސްކުރި އެވެ. އެ ގޮތަށް އޭރު ފާސްކުރީ ގާސިމް ޖަލު ހުކުމެއްގައި ހުންނެވުމުންނެވެ.
ގާސިމަށް އެ މަގާމު ގެއްލުނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތު ހުށަހެޅި ކަމުގެ ދައުވާ ކްރިމިނަލް ކޯޓުގައި ސާބިތުވެ ގާސިމް ޖަލަށް ލާން ހުކުމް ކުރުމުންނެވެ. އެއީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން، ޖިނާއީ ހުކުމެއްގައި ހުންނަވާ ބޭފުޅަކު، ޕާޓީގެ އިސް މަގާމެއްގައި ނުހުންނެވޭނެތީ އެވެ.
ނަމަވެސް، ގާސިމް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ދާދި ފަހުން ވަނީ ބާތިލްކޮށް އޭނާ މިނިވަން ކޮށްފަ އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމަށް ކުރިމަތިލެއްވީ ގާސިމް އެކަނި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ