ރީތިކުރަން މަސައްކަތްކުރަންވީ ކަންތައް އޮޅުވައިލުމަކީ ސުވަރުގެ ނުވަދެވިދާނެ ކަމެއް!

ގޫގްލްސް ސާޗްކޮށްގެންނާއި ފޮތްތައް ބަލައިގެންނާއި މީހުންގެ ގާތުގައި އަހައިގެންވެސް މިއަދު ގިނަ ބައަކު އެންމެ ގިނައިން ހޯދަން ބޭނުންވާ މައުލޫމާތަކީ އެމީހާގެ ސިފަ ރީތި ކުރާނެ ގޮތުގެ މައުލޫމާތެވެ، ގައިގެ ކުލަ ދޮންކޮށް ހަށިގަނޑުގެ ބައްޓަން ބަދަލުކުރާނެ ގޮތުގެ މައުލޫމާތެވެ. އަދި ގޭގެ ބަޖެޓުންވެސް އަސާސީ ބޭނުންތަކަށްވުރެ ގިނަ ޚަރަދު ތިމާމެން ރީތިވުމަށް ކުރަމުން ގެންދާ ގޭގެވެސް މަދެއް ނޫނެވެ.  
ރީތިވުމަކީ ކިތަންމެ ބޮޑަށް ސަމާލުކަންދޭ އަދި އެކަމަށް ކިތަންމެ ގިނަ ޚަރަދެއް ކުރިނަމަވެސް  އެއިން އެއްވެސް ކަމަކީ އެމީހަކަށް އާޚިރަތް ދުވަހު އެއްވެސް ފައިދާއެއް ކުރާނެ ކަންކަމެއް ނޫނެވެ. އާޚިރަތް ދުވަހު ފައިދާ ކުރާނީ އެމީހާގެ ކިބައިގައި ހުރި ތަޤްވާވެރިކަމަކުންނެވެ. ތަޤްވާވެރިކަން ހުރި މިންވަރަކުންނެވެ. ކުރި އަޅުކަމަކުންނެވެ. ވީއިރު ސިފަ ބަދަލުކުރަން މިހައި ބޮޑު ސަމާލުކަމެއް ދެނީ ކީއްވެގެން ހެއްޔެވެ؟
މީސްތަކުންނޭވެ! އެންމެ ފައިދާހުރި މައުލޫމާތަކީ ﷲ ތައާލާ އާއިބެހޭ މައުލޫމާތެވެ. އިސްލާމް ދީނުގެ މައުލޫމާތެވެ. އިސްލާމް ދީނަށް އަމަލުކުރުމުގެ މައުލޫމާތެވެ. ކުރަންޖެހޭ އަޅުކަމުގެ މައުލޫމާތެވެ. ވީމާ އާޚިރަތް ދުވަހު އެއްވެސް ފައިދާއެއް ނުކުރާނެ މައުލޫމާތު ހޯދުން މުޅިން ހުއްޓައިލާށެވެ! އާޚިރަތް ދުވަހު ތިމާއަށް ފައިދާކުރާނެ މައުލޫމާތު ހޯދުން އިތުރުކުރާށެވެ! އިސްލާމް ދީނަށް އަމަލުކުރުން އިތުރުކުރާށެވެ!
އެއްވެސް މީހަކު ދުނިޔެއަށް އަންނަނީ އެމީހާ ދުނިޔެއަށް އަންނަން ބޭނުންވާ ސިފައަކަށް ނޫނެވެ. އެމީހަކު ބޭނުންވާ ކުލައެއްގައެއްވެސް ނޫނެވެ. އެމީހަކު ބޭނުންވާ ނަސްލަކުންވެސް ނޫނެވެ. އަދި އެމީހާގެ މައިންބަފައިން ކަމަށްވަނީވެސް އެމީހަކު ބޭނުންވާ ބައެއް ނޫނެވެ. މިހުރިހައި ކަންކަމެއް މިންވަރު ކުރައްވަވަނީ އިންސާނާ ދުނިޔެއަށް ފޮނުއްވަވާ ﷲ ތަޢާލާ އެވެ.
އިންސާނާ ދުނިޔެއަށް ފޮނުއްވަވަނީ އެމީހަކު ހުރުމަށް ﷲ ތަޢާލާ އެންމެ އެދިވޮޑިގަންނަވާ ސިފައިގައެވެ. ނަމަވެސް މީސްތަކުން މިއަދު މިއުޅެނީ އެކަން ޤަބޫލުނުކުރެވިގެންނެވެ. ކޮންމެވެސް އެހެން މީހަކު އުފައްދަވާފައިވާ ސިފައިގައި ހުންނަން ބޭނުންވެގެންނެވެ. އެމީހާއަކީ ސުވަރުގެ ވައްދަވާނެއަޅެއްކަން ނަރަކައަށް ވައްދަވާނެ އަޅެއްކަންވެސް ނުއެނގޭއިރުވެސްމެއެވެ.
ރީތިކުރަން މަސައްކަތްކުރަންވީ ހިތާއި ޢަމަލުތަކެވެ. ލިބިގަންނަން މަސައްކަތްކުރަންވީ ރިވެތި އަޚްލާޤެވެ. ބަލަންވީ އަޅުކަންކުރުމުގައި ކުރިއަރައިދެވޭތޯއެވެ. ސުވަރުގެ ވަދެވެން އޮތީ އެއިރުންނެވެ. އާޚިރަތަށް ފައިދާނުކުރާނެ ރީތިކަން ލިބިގަންނަން މަސައްކަތްކުރުމަކީ ސުވަރުގެ ނުވަދެވިދާނެ ސަބަބެކެވެ.  
 
- ޝައިޚް ސިރާޖް ވައްހާޖްގެ ދަރުސަކުން
 
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ